މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭ ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު---

މަސް ކިރުން ލިމިޓް ކޮށްފައިވާތީ، މަސްވެރިންނަށް ދިމާވާ ދަތިތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭ މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވައިފައިވަނީ ފަރެސްމާތޮޑާ ދާއިރާ މެންބަރު، ޙުސެއިން މުޙައްމަދު ލަތީފެވެ.

މެންބަރުގެ މައްސަލައިގައި ބުނެފައިވަނީ މަސްވެރިކަން އިންތިހާއަށް ރަނގަޅުވެފައިވާއިރު، މަސްވެރިން ބާނާ މަސް ކިރުން ކޮންޓްރޯލް ކޮށްފައިވުމަކީ އޭގެ ގެއްލުން މަސްވެރިންނަށް އިންތިހާއަށް ކުރާ ކަމެއް ކަމަށެވެ.

ހަމައެހެންމެ ބައެއް ދޯނިތަކުން ބާނާ މަސް އުކާލަން ޖެހުމާއި، ކޮންމެ ދުވަހަކު ބޭނުންވާ މިންވަރަށް މަސް ބޭނުމަކީ ޚަރަދުގެ ގޮތުން ވެސް ދެކޮޅު ޖެހޭ ކަމެއް ނޫން ކަން ފާހަގަކޮށްފައިވެއެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވައިފައިވަނީ އެންމެ ނުވަ މެންބަރުންނެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް 41 މެންބަރަކު ވޯޓު ދެއްވުމުން މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ.

ސަރުކާރުން މަސްވެރިންނަށްވެފައިވާ ވައުދުތައް ނުފުއްދާ ކަމަށް ބުނެ، އެ ކަންބޮޑުވުންތައް ހައްލުކުރުމަށް ގޮވާލާ މިދިޔަ މަހު ވެސް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފައިވެއެވެ. އެ މައްސަލަ ހުށަހަޅުއްވައިފައިވަނީ ސަރުކާރު ހިންގާ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ، މަޑަވެލި ދާއިރާގެ މެންބަރު ޙުސެއިން ފިރުޝާނެވެ.

މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދާތީ އެ ކަމަށް ފާޑުވިދާޅުވެ، ސަރުކާރުގެ މެނިފެސްޓޯގެ މަގަށް ރުޖޫއަށްވުމަށް ސަރުކާރަށް ގޮވައިލައްވައިފައެވެ.

https://sun.mv/163909

comment ކޮމެންޓް