އަޅުގަނޑަކީ ސަރުކާރުގެ މެންބަރެއް ނޫން، ސަރުކާރު ޖަވާބުދާރީކުރެވެން ޖެހޭ: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ހޮވީ ރައްޔިތުން ކަމަށާއި އެއީ ސަރުކާރުގެ މެންބަރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުންފުނިތަކާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ބޮންޑޭ ވަނީ އިކޮނޮމިކް މިނިސްޓްރީއަށާއި ސަރުކާރުން ކުންފުނިތައް ހިންގަމުން އަންނަ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ހަމައެހެންމެ ދިވެހި ސަރުކާރުގެ ވުޒާރާއަކުން ކޮރަޕްޝަން ހިންގާތީ އެކަން ހުއްޓުވަން ސިންގަލް ވިންޑޯއަކުން، ވިޔަފާރި މުއާމަލާތް ކުރެވޭނެ ޑިޖިޓަލް ނިޒާމެއް ގާއިމުކޮށް ހިންގުމަށް އޭޑީބީން 100 މިލިއަން ރުފިޔާ ދިން ނަމަވެސް އެ ފައިސާ ބޭނުންކޮށްގެން، 20 މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބޮންޑޭ ތުހުމަތުކުރެއްވިއެވެ.

ބޮންޑޭ ވަނީ މިކަން ތަހުގީގު ނުކުރެވޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، މި މައްސަލައިގައި ސަރުކާރުގެ ކަމާބެހޭ އިދާރާތައް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު މިތަނަށް ފޮނުވީ ޖަވާބުދާރީ ކުރުވަން، އަޅުގަނޑަކީ ސަރުކާރު މެންބަރެއް ނޫން، ރައްޔިތުންގެ ފަރާތުން އަޅުގަނޑު މިތަނުގައި މިހުރީ، އެމްޑީޕީގެ ފަރާތުން ހޮވައިފައިހުރި މެންބަރެއް، އެ ފުރުސަތެއް ނެތް،" ބޮންޑޭ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮމިޓީތަކުގައި ސަރުކާރު ޖަވާބުދާރީކުރެވޭނެ ގޮތެއް ނެތް ކަން ފާހަގަކުރައްވައި ބޮންޑޭ އިތުރަށް ވިދާޅުވީ ސަރުކާރާއި ވަޒީރުން ޖަވާބުދާރީ ކުރެވޭނެ ގޮތެއް ބޭނުންވާ ކަމަށެވެ. އަދި މިއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ގުޅިގެން ދައްކާ ވާހަކައެއް ނޫން ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.

"އަޅުގަނޑު މިއީ އަދި އިމްތިޔާޒް ފަހުމީ އަދި އެހެން މީހެއްގެ ކެމްޕެއިނާ ގުޅިގެން ދައްކާ ވާހަކައެއް ނޫން، އަޅުގަނޑު މި ވާހަކަތައް މި ދައްކަނީ މިކަން ހިނގާތީ، އަދި ރައްޔިތުން މި ވާހަކަތައް ދައްކާތީ،" ބޮންޑޭ ވިދާޅުވިއެވެ.

comment ކޮމެންޓް