ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ރަޝިއާއަކަށް ނުކުރޭ: ޕޮލެންޑް

ޕޮލެންޑްގެ ބޮޑުވަޒީރު މެތައުސް މޮރަވިއެސްކީ

ވޯސޯ (އެޕްރީލް 3) : ޔޫރަޕުން ބޭނުން ކުރަން ޖެހޭ ފައިސާ ވެސް ކަނޑައަޅައި އަދި އެކަން ކޮންޓްރޯލް ކުރަނީ ރަޝިއާ ކަމަށް ވުމަކީ ރަޝިއާއާ ދެކޮޅަށްް އަޅާފައިވާ ފިޔަވަޅުތަކުގައި ހުޅަނގު ނާކާމިޔާބު ވުންކަމަށް މިފިޔަވަޅުތައް އެޅުމުގައި އެންމެ ބޮޑަށް ފޯރި ނެގި އެއް ގައުމު ކަމަށްވާ ޕޮލެންޑުން ބުނެފިއެވެ.

ޕޮލެންޑްގެ ބޮޑުވަޒީރު މެތައުސް މޮރަވިއެސްކީ ވިދާޅުވީ ރުބެލް ބޭނުން ކޮށްގެން ތެލާއި ގޭސް ގަތުމަށް ރަޝިއާއިން ޔޫރަޕަށް މަޖްބޫރު ކުރުމަކީ ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ގެއްލުން ޚުދު ޔޫރަޕުން ތަހައްމަލު ކުރަންޖެހުން ކަމަށާ އެއީ ބޮޑު ނާކާމިޔާބީއެއް ކަމަށެވެ.

އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ އެތައް ހާސް ފިޔަވަޅުތަކެއް އެޅި ނަމަވެސް އެ ފިޔަވަޅުތަކުގެ މާބޮޑު އަސަރެއް ރަޝިއާއަށް ކުރާތަން ނުފެންނަ ކަމަށާއި ރަޝިއާގެ ހަނގުރާމަ ނުހުއްޓުވޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ޔުކްރޭނާ ދެކޮޅަށް ރަޝިއާ ހިންގާ އުދުވާން ހުއްޓުވުމުގައި އެ ފިޔަވަޅުތަކަށް ކުރެވުނު ކަމަކީ ކބައިތޯ މޮރަވިއެސްކީ ސުވާލު ކުރެއްވިއެވެ.

ހުޅަނގުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ރަޝިއާއަށް ނުކުރާ ސަބަބަކީ ދުނިޔޭގެ އެހެން ގައުމުތަކުން އެ ފިޔަވަޅުތަކަށް އެއްބާރުލުން ނުދިނުމާއި ފިޔަވަޅުތައް އަޅާފައިވަނީ ދިރާސާކުރުމެއް އަދި ރޭވުމެއް ނެތި ޖަޒުބާތީ ހާލަތެއްގައި ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޮރަވިއެސްކީ ވިދާޅުވިއެވެ.

ރަޝިއާއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ކުރިން އެކަމަށް ދުނިޔޭގެ ގައުމުތަކުގެ އެއްބާރުލުން ހޯދައި އަދި އެ ފިޔަވަޅުތަކުން ޚުދު ޔޫރަޕަށް ވާނީ ކޮންގެއްލުމެއްތޯ ބަލައި ދިރާސާ ކުރެވުނުނަމަ ދަތިކުރުމުގެ ފިޔަވަޅުތަކަށް މިފަދަ ބޮޑު ނާކާމިޔާބީއެއް ކުރިމަތި ނުވީސްކަމަށް ޕޮލެންޑްގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ލަންޑަންގައި ނުކުންނަ ނޫހެއްކަމަށްވާ ފައިނޭންޝަލް ޓައިމް ބުނާގޮތުން އެމެރިކާއާއި ޔޫރަޕުން ރަޝިއާ ދެކޮޅަށް ދަތިކުރުމުގެ ކިތަންމެ ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް އެކަމުގެ މާބޮޑު އަސަރެއް ރަޝިއާއަކަށް ނުކުރެއެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އެޅިތާ ކުރީކޮޅު ރަޝިއާގެ ފައިސާ ކަމަށްވާ ރުބެލްގެ އަގު ވަރަށް ބޮޑަށް ދަށަށް ދިޔަނަމަވެސް ރުބެލް ބޭނުންކޮށްގެން ތެލާއިގޭސް ގަތުމަށް ރަޝިއާ ޔޫރަޕަށް މަޖްބޫރު ކުރުމުން ރުބެލްގެ އަގު ވަނީ ކުރިން ހުރިވަރަށް ވުރެވެސް މައްޗަށް ގޮސްފައެވެ. އަދި ރަޝިއާގެ ބާޒާރުތައް ވެސް ތިޔާގި ކަމަށާއި ހަނގުރާމައާއެކު ވެސް ރަޝިއާގެ ރައްޔިތުންނަށް މާބޮޑު ދަތިތަކެއް ތަހައްމަލު ކުރަން ނުޖެހޭ ކަމަށް އެ ނޫސް ބުނެއެވެ.

މިއާއެކު ތެލާއި ގޭސް ފަދަ ވިޔަފަރީގެ ބޮޑެތި މުއާމަލާތްތަކުން ޑޮލަރާއި ޔޫރޯ އެއްފަރާތްވެ މުސްތަގްބަލްގައި އެމެރިކާގެ ޑޮލަރާއި ޔޫރޯ ބަލިކަށިވެ އެމެރިކާގެ ސްވިފްޓް ނިޒާމު ވެސް ބަލިކަށިވެގެން ހިނގައިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. މި ބިރު ބޮޑުވެފައިވަނީ ޗައިނާ، ރަޝިއާ ، އިންޑިއާ ، އީރާން އަދި މެދުތެރޭ އޭޝިއާގެ ގައުމުތައް ގުޅިގެން ޑޮލަރާއި ޔޫރޯގެ ބަދަލުގައި އެ ގައުމުތަކުގެ ފައިސާއިން އެ ގައުމުތަކުގެ މެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތައް ހިންގަން މަސައްކަތް ކުރާ ކަމުގެ ޚަބަރުތައް ފެންމަތިވުމާ ގުޅިގެންނެވެ.

ޗައިނާއާ އިގްތިސާދީ ގޮތުން ގުޅިފައިވާ ބްރިކްސްގެ ގައުމުތަކާއި ޝެންހާއި ކޯޕަރޭޝަންގެ ގައުމުތަކުގެ މެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުން ޑޮލަރާއި ޔޫރޯ އެއްފަރާތް ކޮށްފިނަމަ ޑޮލަރާއި ޔޫރޯގެ މުސްތަގްބަލް ބަނަވެގެންދާނެ ކަމަށް ފައިނޭންޝަލް ޓައިމްސް އިންވެސް ބުނެފައިވެއެވެ.

ޔޫރަޕުން ރަޝިއާގެ ތެލާއި ގޭހަށް 40 އިންސައްތަ ބަރޯސާވާއިރު ރުބެލްއިން އޭގެ އަގު އަދާކުރުމަށް ރަޝިއާ ވަނީ ޔޫރަޕަށް މަޖްބޫރުކޮށްފައެވެ. މިކަމަށް އަދި ތައްޔާރު ނުވެވޭތީ މިކަން ކުރުމަށް އަދި ދަތިތަކެއް ހުރިނަމަވެސް ރަޝިއާގެ ގޭހުގެ ބަދަލުގައި އެހެން ހަކަތައެއް ކައިރި މުސްތަގްބަލެއްގައި ޔޫރަޕަށް ލިބެން ނެތުމުން ލަސްތަކެއް ވިނަމަވެސް ޔޫރަޕަށް ޖެހޭނީ ރަޝިއާގެ ތެލާއި ގޭސް ގަތުމުގައި ޑޮލަރާއި ޔޫރޯ ދޫކޮށްލައި ރަޝިއާގެ ފައިސާއަށް ބަރޯސާވާންކަމަށް މާލީ ތަޖްރިބާކަރުން ވިދާޅުވެއެވެ.

comment ކޮމެންޓް