ފަންނުވެރި ޒުވާނުން ބިނާކުރުމުގައި އާއްކޮގެ އަޒުމު ވަރުގަދަ!

މާ އާންމުކޮށް ފެންނަ މޫނަކަށް ނުވެދާނެއެވެ. މީޑިއާގެ ސަމާލުކަން މާ ބޮޑަށް ލިބިފައިވާ މީހަކަށް ވެސް ނުވެދާނެއެވެ. ނުވަތަ، މީހުންނަށް އޭނާ ކުރާ އަގުހުރި މަސައްކަތްތައް ނޭނގި ވެސް އޮވެދާނެއެވެ.

އެކަމަކު، އެއީ ވަރުގަދަ ޝަހުސިއްޔަތެކެވެ. މީހުންނަށް އެހީތެރިވެދިނުމުގައި ނަމޫނާއެކެވެ. ޒުވާނުން ހަމަމަގަށް އަޅުވައި، އެ ޒުވާނުން ބިނާކުރުމުގައި އެއްވަނައެވެ. އޭނާއަށް ނުލިބުނު އެތައް ފުރުސަތެއް، އަދުގެ ޒުވާނުންނަށް ހޯދައިދޭން ބޭނުންވާ ހަގީގީ ލީޑަރެކެވެ.

އެއީ މުހައްމަދު އާސިމްއެވެ. އާއްމު ނަމުން ނަމަ އާއްކޮއެވެ. ރާއްޖޭގެ އެންމެ މަގުބޫލު އެއް ބޮޑުބެރު ގުރޫޕު، ބިދަބިންގެ ބާނީއެވެ.

ސުކޫލް ދައުރު ކުޅިވަރަށް

އާއްކޮ ހަނދާން ހުރެއެވެ. ސުކޫލު ދައުރުގައި އޭނާއަކީ ކުޅިވަރުގެ ތެރޭގައި އުޅުނު މީހެކެވެ. އެކިކަހަލައިގެ ކުޅިވަރުތަކުގައި އޭނާއަކީ މޮޅު އެތުލީޓެކެވެ.

މާ ބޮޑަކަށް ސަގާފީ ކަންކަމަކަށް އޭރު އާއްކޮގެ ޝައުގުވެރިކަމެއް ނެތެވެ. ބޮޑުބެރު ޖަހާ މީހަކު ވެސް، ނުވަތަ ސަގާފީ އެހެން ކުޅިވަރެއް ކުޅޭ މީހަކު ވެސް އެ އާއިލާއަކު ނޫޅެއެވެ. ނަމަވެސް، ނެށުމަކީ އޭރު ވެސް އާއްކޮ ވަރަށް ކުރާ ހިތްވި، އެކަމަކު ކުރަން ފުރުސަތު ނުލިބުނު ކަމެކެވެ.

"ނެށުމަށް ހުރޭ ފޯރި. އެކަމަކު ނަށާކަށް ޗާންސެއް ނުލިބޭ. ސަބަބަކީ ޝޯވއެއް އެއްޗެއް އޮންނަކަމުގައި ވިޔަސް އެ ޝޯއަކަށް އެއްޗަކަށް އަރާކަށް ޕޭރެންޓްސް އޯކޭއެއް ނުވޭ އޭރު. ވަރަށް ބޮޑަށް ހިފެހެއްޓިފައި އިންނަނީ،" އާއްކޮ ކިޔައިދިނެވެ.

"ޒުވާން ކުދިންނަށް އަހަރެން ޗާންސްތައް ކްރިއޭޓް މި ކޮށްދޭ މެއިން ރީޒަންއަކީ އަހަންނަކީ މި ޗާންސް ނުލިބުނު މީހެއް. އަހަރެން ވަރަށް ޝައުގުވެރިވާ ކަމެއް، އެހެންވީމަ އަހަރެން ބޭނުންވަނީ އަހަންނަށް ވީ ގޮތް ވިޔަ ނުދީ ޔޫތުންނަށް އެ ޗާންސްތައް ކްރިއޭޓް ކޮށްދޭން،"

މިއަދު އާއްކޮގެ އަޒުމަކީ އެއީއެވެ. އެއްވެސް ޒުވާނަކީ ފުރުސަތު ނުލިބި ބާކީވެފައި ހުންނަ ޒުވާނަކަށް ވާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ސްކޫލް ނިންމައިފައި ސިފައިންގެއަށް

ތައުލީމު ހާސިލުކުރަން މާލޭގައި އާއްކޮ ހޭދަކުރި ދުވަސްތަކަކީ ފަސޭހަ ދުވަސްތަކެއް ނޫނެވެ. އޭރުގައި "ރާއްޖެތެރޭ" އެއްވެސް ކުއްޖަކަށް ފަސޭހަކަމެއް ނޫނެވެ. އުޅެން ޖެހުނީ، ދަތި ދިރިއުޅުމެކެވެ.

"މާލޭ މީހުން ކައިރީ ތިބެގެން އެ މީހުންނަށް މަސައްކަތް ކޮށްދީގެން ކިޔަވަން ޖެހުނު މީހުން އަހަރެމެންނަކީ،" އާއްކޮ ކިޔައިދިނެވެ.

ދައްޗާއި އުނދަގުލުގައި ކިޔަވަން ޖެހުމުން މާ ރަނގަޅަކަށް އޭނާއަކަށް ކިޔެވޭ ގޮތެއް ނުވިއެވެ. އޯލެވެލް ފުރިހަމަ ކުރި ނަމަވެސް، ލިބުނީ އެންމެ އެދެވޭ ނަތީޖާއެއް ނޫނެވެ.

އެޔާއެކު އާއްކޮ ހިތަށް އެރިއެވެ. އެ ނަތީޖާއާއެކު ރަނގަޅު ވަޒީފާއަކަށް ވާނީ ސިފައިންގެއަށް ވަނުމެވެ. އެހެން ހިތަށް އަރާ، އާއްކޮ ވަނީ ގައުމުގެ ދިފާއީ ބާރަށެވެ.

އާއްކޮ ސިފައިންގޭގައި އުޅުނު ދުވަސްވަރު ނަގައިފައިވާ ފޮޓޯއެއް --

ސަގާފީ ކަންކަމަށް ޝައުގު އުފެދުނީ ސިފައިންގެ ތެރެއިން!

ސިފައިންގެ ތެރެއިން ހުނަރުވެރި އެތައް ބަޔަކު ނުކުމެފައި އެބަތިއްބެވެ. ރާއްޖޭގެ މޮޅެތި ލަވަކިޔުންތެރިންނާއި، އެކްޓަރުންނާއި ކޮމީޑިއަނުންނާއި ބެރުޖެހުންތެރިން މިއަދު ވެސް އެ ހިޔާވަހީގައި އެބަ އުޅެއެވެ.

ބެރު ޖެހުމަކީ ސިފައިންގޭގައި އެކުގައި ވަޒީފާގައި އުޅުނު މީހުންނާއެކު "ސަކަރާތްޖަހާލަން" އާއްކޮމެން ފެށި ކަމެކެވެ. އޭރު، ބަނޑޮހަށް ދަތުރު ގޮސްލާ އުޅޭއިރު ވެސް ބެރު ޖެހުމަކީ އެ މީހުން ކޮށް އުޅޭ ކަމެކެވެ.

އެ ހިސާބުން އޮފީސް ތެރޭގައި އާއްކޮމެންގެ ބޮޑުބެރު ގުރޫޕެއް އުފަންވީއެވެ. ބޮޑުބެރު ޖަހަން ހިތާނީ ޕާޓީތަކަށާއި ގޭގެއަށް ވެސް ގޮސްދެނީއެވެ. އޭރު ފައިސާއަކަށް ވެސް ނޫނެވެ. ޝޯ ނިމުމުން ސަޔެއް ދިނީމާ ނިމުނީއެވެ.

"ބެރުޖަހަން" އެމްއެންޑީއެފުން ކެނޑުން!

ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އާއްކޮ ވަރަށް ލޯބިކުރެއެވެ. "ފްރީޑަމް"އަކީ އޭނާ ވަރަށް ބޭނުންވާ އެއްޗެކެވެ.

"އަހަންނަކީ ފްރީޑަމްއަށް ވަރަށް ލޯބި ކުރާ މީހެއް. ތަންތަނުގައި ހުންނަ ކަޑަ ކަންކަމުގެ ވާހަކަ އަބަދުވެސް ދައްކާ މީހެއް އަހަންނަކީ. އަހަންނަށް އެތާ [އެމްއެންޑީއެފް]ގައި ހުރެ ބޭނުންވާ ގޮތަށް ބަސް ނުބުނެވޭތީވެ މެއިން ރީޒަންއަކީ އަހަރެން އެ ތަނުން ކެނޑުނު،" އާއްކޮ ކިޔައިދިނެވެ.

ސިފައިންގެއަށް 2003ވަނަ އަހަރު ވަނުމަށްފަހު 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދިނުމަށް ފަހު އާއްކޮ ސިފައިންގެއިން ކެނޑުނީ "ރިސްކެއް" ނަގަމުންނެވެ. އޭނާ އޭރު އެތަނުން ކެނޑުނުއިރު ފައިސާ ހޯދޭނެ މަގެއް ވެސް ނެތެވެ.

ސިފައިންގޭގައި އުޅެފައި އެ ގޮތަށް ކެނޑުމުން އާއްކޮއަށް މީހުންގެ ފާޑުކިޔުން އަމާޒުވިއެވެ. ރައްޓެހިންނާއި ގާތް މީހުން ވެސް ދެކޭ ގޮތް ބަދަލުވިއެވެ. އެއްޗެހި ކިޔެވެ.

އާއްކޮ ރާއްޖޭން ބޭރުގައި އޮތް އިވެންޓެއްގައި --

"އެކަހަލަ ވަޒީފާއެއްގައި ހުރެފައި މިކަހަލަ ކަމަކަށް ނުކުތީމަ މީހުން ވަރަށް ޖަޖު ކުރި ކަަޑަ ކަމެކޭ ކިޔާފަ. އެކަމަކު އަހަންނަށް އެޔަށްވުރެ ނޯބަލް މަސައްކަތެއް ކުރެވުނީ. ގެއްލެމުންދިޔަ ޔޫތުން ތަކެއް އަހަރެން ގެނެސް އެ މީހުން ޑިސިޕްލިން ކޮށް އެ މީހުން ފަންނުވެރި ބަޔަކަށް ހެދުނީމަ އަހަންނަށް މާ ހިތްހަމަ ޖެހުން ލިބޭ،" އާއްކޮ ކިޔައިދިނެވެ.

އާއްކޮގެ މަންމައަށް ވެސް އެކަން ސިފަވީ އެހެން ގޮތަކަށެވެ. އާއްކޮއަކީ އެންމެ ދޮށީ ފިރިހެން ދަރިއަށް ވެފައި، އޭނާއަށް ޓަަކައި ކުރާ އުންމީދުތައް ބޮޑުވީމާ ކަމަށް ވެދާނެއެވެ.

މަންމައަށް ވެސް ހީކުރެވުނީ އާއްކޮ ސިފައިންގެއިން ކެނޑުނީ "ބޮޑުބެރުޖަހަން" ކަމަށެވެ. އެއީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. މަންމައެއްގެ ހައިސިއްޔަތުން އެ ވިސްނުން އާއްކޮއަށް ވެސް އަންޑަސްޓޭންޑް ވެއެވެ.

އެންމެ ބޮޑު ހިތްވަރަކީ އަންހެނުން!

ސިފައިންގެއިން ކެނޑުނުއިރު ވެސް އާއްކޮގެ އަނތްބަކާއި ދަރިއަކު ހުރެއެވެ. އާމްދަނީ ހޯދާނެ ގޮތެއް ނެތި އޭނާ އެތަނުން ނުކުތީ ރިސްކެއް ނަގަމުންނެވެ.

އެކަމަކު ގޮތް ހުހެއް ނުވެއެވެ. އަންހެނުންނަށް އާއްކޮ މާ އިތުބާރު ކުރެއެވެ. އަންހެނުން އޭނާ "ވެއްޓުނަ" ނުދޭނެކަން އެނގެއެވެ. ވެއްޓިއްޖެނަމަ، ނަގާނެ ކަން ވެސް އެނގެއެވެ.

ސިފައިންގެެއިން ކެނޑުމުގެ ކުރިން އާއްކޮ އަންހެނުން ގާތު އެހިއެވެ. ހަތަރު ވަރަކަށް މަސް ދުވަހަށް އޭނާއަށް އާމްދަނީއެއް ނުލިބުނު ކަމުގައި ވިޔަސް "ހިފަހައްޓައިލެވޭނެ" ތޯއެވެ.

"ބުނީމަ ޝީ ސެއިން އޯކޭއޭ، ޔަގީނޭ. ދެން މަ ހެދި ގޮތަކީ ނުކުތްގޮތަށް މަސައްކަތް ފެށީ. އެ ފެށި ގޮތަށް މަންތެއް ތެރޭގައި އަހަރެން އިންކަމް ޖެނަރޭޓް ކުރެވޭ ވަރު ކޮށްފިން،" އާއްކޮ ކިޔައިދިނެވެ.

ފަސޭހަ ކަމަަކަށް ނުވި

އެންމެ ފުރަތަމަ އާއްކޮ އޭނާގެ މަސައްކަތް ފެށީ ސުމަކުންނެވެ. އޭރު އޭނާގެ އަތުގައި މާ ބޮޑު މާލީ ތަނަވަސްކަމެއް ވެސް ނެތެވެ. އޭނާއާއެކުގައި ވެސް އުޅުނީ ރަށްރަށުން މާލެ އައިސް އުޅުނު ޒުވާނުންނެވެ.

އޭރު އުޅެން ޖެހުނީ އެކަކު ކައިރިން، އަނެކަކު ކައިރިން ސަލާން ޖަހައިގެންނެވެ. އެކަކު ކައިރީގައި ސައުންޑް ސިސްޓަމެއް ދޭން ބުނެ، އަނެކަކު ކައިރިއަށް ގޮސް އެހެންނެވެ. އެކަމަކު، އެއީ ގޮތެއް ކަމަކަށް ނުފެނުނެވެ. ކޮށްދޭން ތިބި މީހުންގެ ފަރާތުން މާ ބޮޑު އެއްބާރުލުމެއް ނުލިބުމުންނެވެ.

"ދެން އެއްދުވަހަކު އަހަރެން ވަރަށް ދެރަވެގެން ގޮސް، އެ ދިޔަ ބާރުމިނުގައި ސިކްސްއެކްސް ފިހާރައަށް ވަދެފައި އޭރުގެ ނިސްބަތުން އެއްލައްކަ ހަތާވީސް ހާހެއްހާ މުދާ އަހަރެން ނެގީ އެކީ. ވަގުތުން ފައިސާ ދީފައި،" އާއްކޮ ކިޔައިދިނެވެ.

އެއީ އޭނާ އެއްކޮށްފައި ހުރި ފައިސާއެވެ. އެކަން ވެސް އޭނާ ކުރީ ބޮޑު ރިސްކެއް ނަގަމުންނެވެ. އެކަމަކު، އެ ހިސާބުން މީހުން ކައިރީގައި ސަލާން ޖެހުން ހުއްޓުނެވެ.

"ބިދަބިން" ވުޖޫދަށް

ނަން ނުކިޔެއްކަމަކު އާއްކޮ ސިފައިންގޭގައި އުޅުނު ދުވަސްވަރުން ފަށައިގެން އެ ބޮޑުބެރު ގުރޫޕް ވަނީ ވުޖޫދުވެފައެވެ. އޭރުގައި އޮފީސްތެރެއިން އުފެދުނު އެ ބޮޑުބެރު ގުރޫޕު އެކި ތަންތަނަށް ގޮސް ބެރު ޖަހައިދީ އުޅެއެވެ.

އެގޮތަށް ބެރު ޖަހައިދީ އުޅުމުގެ ތެރޭގައި ނަސަންދުރާގައި އޮތް ކައިވެނި ޕާޓީއެއްގައި ބެރު ޖެހުމުގެ ފުރުސަތު އެ މީހުންނަށް ލިބުނެވެ. އޭގެ ކުރިން އެއްވެސް ކަހަލައިގެ "ޔުނީފޯމެއް" ނުލައި ބެރު ޖެހި އެ ގުރޫޕުން އެ ދުވަހު ދިޔައީ އެއްކުލައެއްގެ ޓީޝާޓުގައެވެ.

"އެ މީހުން އަހަރެން ކައިރީގައި ބުނީ ޔުނީފޯމެއް ލައްޗޭ. ކޮންމެވެސް ކޮސްޓިއުމެއް ލާންވާނެޔޭ. ބުނީމަ އަހަރެން ގޮސް އައިލެންޑް އާޓްސްއިން ޕްލޭން ބްލެކް ޓީޝާޓުކޮޅެއް ގަނެގެން ދިޔައީ،" އާއްކޮ ކިޔައިދިނެވެ.

އާއްކޮ ބިދަބިން ގުރޫޕާއެކު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެތަނުގައި ބެރު ޖެހުމަށްފަހު ބްރޭކެއް ނަގައިގެން އާއްކޮމެން ނުކުތީ ނަސަންދުރަ ކުރިމަތީގައި ހުންނަ ފާލަން މައްޗަށެވެ. އެތަނުގައި ތިބެފައި އެ މީހުންނަށް ސައްލާ ކުރެވުނު ކަމަކީ ގުރޫޕަށް ނަމެއް އެބަ ކިޔަންޖެހޭ ކަމެވެ.

"އެތަނުން އެތަނަށް މަޝްވަރާ ކޮށްލާފަ ހޯދި ނަމެއް ބިދަބިންއަކީ،" އާއްކޮ ކިޔައިދިނެވެ.

ކޮވިޑް-19ގެ އާލަމީވަބާ

ކޮވިޑް-19ގެ އާލަމީވަބާއާއެކު "ފްރީލޭންސް"ކޮށް މަސައްކަތްކުރާ ގިނަ ބަޔަކު އަޑިއަޅައިލިއެވެ. މާލީ ގޮތުން އެތައް ގޮންޖެހުންތަަކަކާ ކުރިމަތިވިއެވެ. އެ ގޮންޖެހުން އާއްކޮއަށް ވެސް ކުރިމަތިވިއެވެ.

އާއްކޮއަކީ މާ ގިނަ ސްޕޮންސަރުތަކެއްގެ އެހީތެރިކަމާއެކު އުޅޭ މީހެއް ނޫނެވެ. ކޮވިޑް-19ގެ ކުރިން އޭނާގެ ރައްޓެއްސަކު ސްޕޮންސާ ދިނެވެ. އެކަމަކު، ކޮވިޑާއެކު އޭނާ ވެސް މާލީގޮތުން ދަތިވެ، ސްޕޮންސަރު ދެވޭ ގޮތެއް ނުވިއެވެ.

"ޕެންޑަމިކް ފެށިގެން ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަސް ދިޔައީ އެއްވެސް ޝޯއެއް ނުކުރެވި. އަށްހާސް ރުފިޔާއަށް ހިފާފައިއިން ސްޓޫޑިއޯއެއް އިންނާނެ. ޝޯ ނުކުޅެވެންޏާ އަހަންނަށް އެތަނަށް ކުލި ދެއްކޭނެ ގޮތެއް ނެތް،" އާއްކޮ ކިޔައިދިނެވެ.

އެ ހައްހާސް ދަނޑިވަޅުގައި ވެސް ގާތްގަނޑަކަށް ނުވަ މަސް ދުވަސް ވަންދެން އޭނާ އެއްވެސް ލޯނެއް ނުނަގައި އެ ތަނަށް ކުލި ދެއްކިއެވެ. އަދި 10ވަނައަށް ވީ މަހު، އެކަމަށް ގޮތެއް ހޯދަން ގުރޫޕް ކުދިން ގާތުގައި އޭނާ އެހީއަށް އެދުނެވެ.

ކުލި ބޯ މަތީގައި އޮއްވާ އެހެން ކަމެއް ވެސް ކުރިމަތިވިއެވެ. ސްޓޫޑިއޯގެ ފުރާޅު ހަލާކުވެ އެއް ރެޔަކު އެތާ ތެރޭގައި ތިއްބާ ވާރޭ ވެހެން ފެށީއެވެ. އެ ހިސާބުން ޖެހުނީ 43،000 ރުފިޔާ ހޭދަކޮށްގެން އެތަން މަރާމާތު ކުރާށެވެ.

އެވަރުން ވެސް އާއްކޮ ހުއްޓައެއް ނުލައެވެ. ކުރިއަށް އައި ހައެއްކަ މަސް ދުވަސް ގުރޫޕުގެ އެހެން ކުދިންގެ އެހީތެރިކަމާ ވެސް އެކު އޭނާ ތަހައްމަލު ކުރީއެވެ.

އެ ހުރިހާ ކަމަކާ އޭނާ ކުރިމަތިލައި އެ ހުރިހާ ކަމެއް ކުރީ އެންމެ ސަބަބަކަށް ޓަކައެވެ. ސްޓޫޑިއޯ ދޫކޮށްލައިފިނަމަ އެ ޒުވާނުން ބާކީވެދާނެތީއެވެ. އެހެންވާން އޭނާ ނޭދޭތީއެވެ.

ގޮންޖެހުންތައް ކުރިމަތިވެ، ހުއްޓާލާނެ ނަމަ އެ ފަހަރު އާއްކޮ ހުއްޓާލީހެވެ. އެކަމަކު ފުރަތަަމަ ދުވަހު ވެސް އާއްކޮ މި މަސައްކަތް ފެށީ ހުއްޓާލާކަށް ނޫނެވެ. އޭނާ އަބަދުވެސް ހުންނާނީ އެ އަޒުމުގައެވެ.

އާއްކޮ ބޭނުންވަނީ އޭނާ ރޯލްމޮޑެލްއަކަށް ބަަލައިގެން އެހެން ޒުވާނުން އުޅުމެކެވެ. އެ ޒުވާނުންނަކީ ފަންނުވެރި، ހުނަރުވެރި ބަޔަކަށް ވުމެވެ. އެކަމަށް ޓަކައި ކުރަން ޖެހޭ ކޮންމެ މަސައްކަތެއް އޭނާ ކުރާނެއެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެން ރަނގަޅަށް ހުރެގެން، އަހަރެން ކައިރީގައި ތިބި ބަޔަކު އަހަންނަށް ވަރަށް ރަނގަޅަށް ޑިސިޕްލިން ކުރެވޭނެ އަސްލު،" އާއްކޮ ބުންޏެވެ.

ހިލޭ ސާބަހަށް އެތައް ޚިދުމަތެއް!

ބޭސްފަރުވާއަށް ސަލާންޖެހުން ރާއްޖޭގައި ގިނައެވެ. މި ނޫން ވެސް ކަންތައްތަކަށް ރާއްޖޭގައި ސަލާން ޖަހައެވެ. ފަންޑް ރައިޒް ކުރަން އެކި ކަހަލައިގެ އިވެންޓުތައް ބާއްވައެވެ.

އާއްކޮގެ އެންމެ ސަޅި އެއްކަމަކީ އޭނާ އެފަދަ އިވެންޓުތަކަށް ހިލޭ ސާބަހަށް ކޮށްދޭ ކަންތައްތަކެވެ. އެފަދަ ހާލުގައި ޖެހިފައި ތިބޭ މީހުންނަށް އޭނާ އަޅާާލާ އަޅާލުމެވެ. އެއީކީ އޭނާ އަގަކަށް ނުވަތަ އުޖޫރައަކަށް ކުރާ ކަމެއް ވެސް ނޫނެވެ.

މާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތްތަކުގައި ވެސް އާއްކޮގެ ޓީމަކީ ފާހަގަކޮށްލެވޭ ޓީމެކެވެ. އެކަމުން ހިތްވަރުލިބި ބައެއް އެހެން ފަރާތްތަކުން ވެސް އެފަދަ މަސައްކަތްތައް ކުރެއެވެ.

"ޕެންޑަމިކްގައި ވެސް އަހަރެމެން އެންމެ ފުރަތަމަ، އަހަރެމެން ފްރީކޮށް މާސްކު ގަނެގެން ރައްޔިތުންނަށް ބެހީ. އެކަމަކު ހަގީގަތަށް ބުނަންޏާ އަހަރެމެންނަކީ އޭރު ވެސް އެއްވެސް އިންކަމްއެއް ލިބުނު ބައެއް ނޫން،" އާއްކޮ ކިޔައިދިނެވެ.

"އެކަމަކު ކައިރީގައި މި ބުނާ ރެސްޕޮންސިބަލް ޓީމެއް އޮތިއްޔާ އެއީ އުނދަގޫ ކަމަކަށް ނުވާނެ ދޯ،"

މަސްތުގެ ކަނޑުން އެތައް ޒުވާނުންނެއް ހަމަ މަގަށް!

މަސްތުގެ ވަބާއަކީ ރާއްޖޭގެ ޒުވާނުންގެ ހަލާކެވެ. އެ ވަބާގައި ޖެހި މުޅި ދިރިއުޅުން ހުސްކޮށްލަނީ ވެސް މަދު ޒުވާނުންނެއް ނޫނެވެ.

އެފަދަ އެތައް ޒުވާނުންނެއް އާއްކޮ ވަނީ ހަމަމަގަށް އަޅުވައިފައެވެ. އެ ކުދިން މަސްތުގެ އެ ފުންކަނޑުން ސަލާމަތް ކޮށްދީފައެވެ.

އެފަދަ މީހުން އާއްކޮގެ ގާތަށް އައުމުން އެ ކަމުން އެ މީހުން ދުރުކުރުމަށް އާއްކޮ ގިނަ މަސައްކަތްތަކެއް ކުރުވައެވެ. އެ މީހުންނަށް މަސައްކަތްތައް ހަވާލުކޮށް ބިޒީކޮށްލައެވެ. އެ މީހުންގެ ވިޔާނުދާ ރައްޓެހިންނާއެކު ވަގުތު ހޭދަކުރަން ދާން ފުރުސަތެއް ނުދެއެވެ.

"ހަމަ ވަރަށް ގޯސްކޮށް ތިބި ކުދިން އަހަރެން ހުންނާނެ ގެނެސްފައި އެއްކޮށް އޭތި ކުއިޓް ކުރުވައިފައި. ފަސް ވަގުތު ނަމާދު ކުރާ ކުދިންނަށް ހަދައިފައި. އެއީ އަހަރެންގެ އެކަނި މަސައްކަތެއް ނޫން. އެ މީހާ ވެސް ވަރަށް ބޮޑަށް ބޭނުންވެގެން އަސްލު އެކަން ވާނީ،" އާއްކޮ ކިޔައިދިނެވެ.

ބޮޑުބެރު ޖެހުމަކީ މާ ބޮޑު އާމްދަނީއެއް ލިބޭ ކަމެއް ނޫނެވެ. އެހެންކަމުން އާއްކޮ މިހާރު މަަސައްކަތްކުރަނީ އޭނާއާއެކު އުޅޭ ޒުވާނުން އިވެންޓު މެނޭޖްމަންޓުގެ ކަންކަމުގައި ޝާމިލުކޮށްގެން ގެންގުޅެވޭތޯއެވެ. އެކަމުގެ ސަބަބުން، އެ ކުދިންނަށް ގިނަ ކަންތައްތަކެއް ދަސްވާނެކަމަށް އާއްކޮ ގަބޫލުކުރެއެވެ.

ސަރުކާރުތަކުން އެއްބާރުލުމެއް ނުލިބޭ!

ވަކި ސަރުކާރެއް ނޫނެވެ. އެއްވެސް ސަރުކާރަކުން އާއްކޮމެންގެ މި މަސައްކަތަށް ތަރުހީބެއް ނުލިބެއެވެ. ސަގާފަތް ކުރިއަރުވަން އެދެވޭ ސަޕޯޓެއް ހަމަ ނުލިބެއެވެ.

ހަގީގަތުގައި އާއްކޮމެން ކުރާ މަސައްކަތް ވަރަށް މުހިންމެވެ. ބޭރުގެ ފަތުރުވެރިން ރިސޯޓުތަކަށް އައުމުން އެ ފަތުރުވެރިންނަށް ކާބަފައިގެން ސަގާފަތް ދައްކައިދޭ ބަޔަކީ އެެއީއެވެ.

"އަހަރެމެންގެ ވުޒާރާގައި ނޯވޭ ބަޖެޓެއް އަހަރެމެންނަށް އެއްވެސް ކަމެއް ކޮށްދޭކަށް. ނުވިތާކަށް އަހަރެމެން ޕްރެކްޓިސްކޮށްލާނެ ސްޓޫޑިއޯގަނޑެއް، އެއްޗެހި ގުދަން ކޮށްލާނެ ތަންކޮޅެއް ވެސް ނުލިބޭ،" އާއްކޮ ބަންޑުންކޮށްލީ އުދާސްތަކެކެވެ.

ބޭރުގެ ގައުމުތަކަށް ރާއްޖޭގެ ސަގާފަތް ހިފައިގެން އެތައް ފަހަރަކު "ބިދަބިން"އިން ގޮސްފިއެވެ. އެކަމަކު، ސަރުކާރުގެ ވުޒާރާއަކުން ތަރުހީބެއް ލިބިފައެއް ނުވެއެވެ. ދާން ޖެހެނީ އަމިއްލައަށް ޓިކެޓު ނަގައިގެން އަމިއްލަ ޚަރަދުގައި ހުރިހާ ކަމެއް ހަމަޖައްސައިގެންނެވެ.

ބޭރުގެ އިވެންޓެއްގައި އާއްކޮއާއި އޭނާގެ ޓީމު --

މިފަދަ ކަންތައްތަކުގައި މީހުންގެ ސަޕޯޓު ހޯދަން ދިއުމުން މާޔޫސްވާފަދަ ޖަވާބުތައް ވެސް ދީފައި އެބަހުއްޓެވެ. އެކަމަކު އާއްކޮ ހުއްޓައެއް ނުލައެވެ. އޭނާ ހުންނާނީ އަޒުމު ވަރުގަދަކޮށެވެ.

އާއްކޮ ޒުވާނުންގެ ގާތުގައި އަބަދުވެސް ބުނާ ވާހަކައެއް އޮވެއެވެ. ބެރުޖެހިޔަސް، މިއުޒިކު ކުޅުނަސް ޑިސިޕްލިންއެއް ހިފަހައްޓަން ޖެހޭނެ ކަމެވެ. މުސްތަގުބަލު އުޖާލާކުރުމަށް ބޭނުންވަނީ ރަނގަޅު އަހުލާގެއް ކަމެވެ.

"އަރާފާނެ، އެކަމަކު ވެއްޓޭލެއް ވަރަށް އަވަސްވާނެ. އެއީ އަހަރެމެންގެ އެކްސްޕީރިއެންސްއަށް ބަލާފަ މިބުނީ. އަހަރެމެން މިހާ ހިސާބަށް އައީ އަހަރެމެންގެ ޑިސިޕްލިން ވިއްކައިގެންނޭ،" އާއްކޮ ބުންޏެވެ.

އާއްކޮގެ އެންމެ ބޮޑު ސަޕޯޓަރަކީ އޭނާގެ އަންހެނުންނެވެ. އެއަށްފަހު ބިދަބިންގެ މުޅި ޓީމަކީ އޭނާގެ ދެވަނަ އާއިލާއެވެ. އެ އާއިލާއަކީ އޭނާއަށް ވަރަށް ހާއްސަ ބަޔެކެވެ.

އާއްކޮއަށް ދަތި އުނދަގޫ އެތައް ކަމަކާ ކުރިމަތިވިއެވެ. ހާސްވެ ކަންބޮޑުވާ ފަަހަރު ވެސް އައެވެ. އަތްމަތިދަތިވެ، މާޔޫސްވާންޖެހޭ ދަނޑިވަޅުތަކާ ވެސް ކުރިމަތިވިއެވެ.

އެކަމަކު އާއްކޮ ހުއްޓައެއް ނުލައެވެ. ހުއްޓައެއް ނުވެސް ލާނެެއެވެ. ފަންނުވެރި ޒުވާން ޖީލެއް ބިނާކުރުމަކީ އޭނާގެ އަޒުމެކެވެ.

comment ކޮމެންޓް