މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ މިއަހަރުގެ ބަޖެޓު ފާސްކޮށްފި

އެމްއޯސީގެ އެނުއަލް ޖެނެރަލް އެސެމްބްލީގެ ތެރެއިން -- ފޮޓޯ / އެމްއޯސީ

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯއީސީ)ގެ މި އަހަރުގެ ބަޖެޓު ފާސްކޮށްފިއެވެ.

މިއަހަރުހެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 50 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން މި އަހަރަށް ޚަރަދުވާނެކަމަށް ލަފާކޮށްފައިވަނީ 47 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން ބޮޑު އަދަދެއް ޚަރަދުކުރުމަށް ނިންމާފައިވަނީ ރާއްޖެއިން މިއަހަރު ބައިވެރިވާ ގޭމްސްތަކަށެވެ.

ރާއްޖެއިން މި އަހަރުގެ ވާދަކުރާނެކަން އިއުލާންކޮށްފައިވަނީ ފަސް ގޭމްސްއެއްގައެވެ. އެއީ އޭޝިއަން ގޭމްސް، ކޮމަންވެލްތު ގޭމްސް، އޭޝިއަން ޔޫތު ގޭމްސް، އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އަދި ޗިލްޑްރަންސް އޮފް އޭޝިއާ ގޭމްސްއެވެ. މި ގޭމްސްތަކަށް ޚަރަދުވާނެކަމަށް ލަފާކޮށްފައިވަނީ 36 މިލިއަން ރުފިޔާއެވެ.

މީގެ ތެރެއިން ރަޝިޔާގައި ބާއްވަން ނިންމާފައިވާ ޗިލްޑްރަންސް އޮފް އޭޝިއާ ގޭމްސް ކެންސަލް ކުރާނެ ކަމުގެ އިޝާރާތެއް ޗިލްޑްރަންސް އޮފް އޭޝިއާ އިންޓަނޭޝަނަލް ސްޕޯޓްސް ގޭމްސް ކޮމިޓީން ވަނީ ދީފައިވާކަަމަށް އެމްއޯސީގެ ސެކެރެޓްރީ ޖެނަރަލް ތަމޫހް އަހްމަދު ސައީދު ވިދާޅުވިއެވެ.

"އެކަމަކު އަޅުގަނޑުމެން ބަޖެޓް އެކުލަވާލީ، ޗިލްޑްރަންސް އޮފް އޭޝިއާ ގޭމްސްއަށް ހިނގާނެ ކަމަށް ބެލެވޭ ޚަރަދުތައް ހިމަނައިގެން،" ތަމޫހް ވިދާޅުވިއެވެ.

ކޮމަންވެލްތު ގޭމްސް އަދި އޭޝިއަން ގޭމްސްގެ ޓީމު އިވެންޓްތަކުގައި ރާއްޖެއިން ބައިވެރިވާއިރު، ޖުލައި މަހު ފަށަން ހަމަޖެހިފައިވާ ކޮމެންވެލްތު ގޭމްސް އަށް މިހާރު ރާއްޖޭގެ ޓީޓީ އަންހެން ޓީމު ވަނީ ކޮލިފައިވެފައެވެ.

މިއަދު ވަނީ އެމްއޯސީގެ ރަސްމީ ވެބްސައިޓް އިފްތިތާހުކޮށްފައެވެ.

ވެބްސައިޓު އިފްތިތާހުކޮށްދެއްވީ އަހަރީ އާންމު ޖަލްސާގެ ޝަރަފުވެރި މެހެމާންއެވެ. ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަމާއި، ނައިބް ރައީސްކަމާއި އަދި ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައިވާ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ (ނ.މ.ޝ.ޢ) އިބްރާހިމް އިސްމާޢީލްއެވެ.

މި ޖަލްސާގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އިބްރާހީމް އިސްމާޢީލް ވިދާޅުވެފައިވަނީ ކުޅިވަރު ކުރިއެރުވުމާއި ކުޅިވަރު ކުރިއެރުވުމުގައި އިޅްލާސްތެރި މަސައްކަތަތްކެއް ކުރުމުގެ މަތީގައި ކުޅިވަރު އެސޯސިއޭޝަންތައް ދެމިތިބުމަށެވެ. އަދި ރަނގަޅު މަސައްކަތްތަކެއް ކުރުމުގެ މަތީގައި ދެމި ތިބެއްޖެނަމަ ރާއްޖޭގެ ކުޅިވަރަށް ވަރަށް ފާގަތި މުސްތަގުބަލެއް ހޯދިދާނެ ކަމަށް ސްޕޯޓްސް ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާފައިވާ އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.

މިއަދު ބޭއްވި އަހަރީ އާންމު ޖަލްސާގައި ވަނީ ކުރިން އެމްއޯސީ ހިންގުމުގައި އިސް މަސައްކަތްތަކެއް ކުރެއްވި ފަރާތްތަކަށް އަގުވަޒަންކުރުމުގެ ގޮތުން ޚާއްސަ ފިލައެއް އަރުވާފައެވެ. އަގުވަޒަންކުރުމުގެ ފިލާ އެރުވި ފަރާތްތަކުގެ ތެރޭގައި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މުހައްމަދު ޝަވީދާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ)، އިބްރާހިމް އިސްމާޢީލް، އޮލިމްޕިކް ކޮމިޓީގެ ކުރީގެ ހަޒާންދާރު ޙުސައިން ރަޝީދު ހިމެނެއެވެ.

އަދި މީގެ އިތުރުން ބާމިންހަމް، ކޮމަންވެލްތު ގޭމްސް 2022 ގެ ކުއީންސް ބެޓަން ރިލޭގެ އެކި ކަންކަމުގައި ބައިވެރިވި ފަރާތްތަކާއި 2019 ވަނަ އަހަރާއި 2020 އަދި 2021 ވަނަ އަހަރުގެ އަގުވަޒަންކުރުމުގެ އެވޯޑްތަކެއް ވެސް ވަނީ ދީފައެވެ.

comment ކޮމެންޓް