ކުރެންދޫ ކައުންސިލުގެ ރައީސްގެ އިންތިޚާބު ޕީޕީއެމްގެ މަދީހު ކާމިޔާބުކޮށްފި

ކުރެންދޫ ކައުންސިލުގެ ރައީސްގެ އިންތިހާބު ކާމިޔާބުކުރެއްވި އިސްމާޢީލް މަދީހު ---

މިއަދު ބޭއްވި ޅ.ކުރެންދޫ ކައުންސިލުގެ ރައީސްގެ އިންތިޚާބު ޕީޕީއެމްގެ ކެނޑިޑޭޓް އިސްމާޢީލް މަދީހު ކާމިޔާބުކޮށްފިއެވެ.

މަދީހު މި އިންތިޚާބު ކާމިޔާބު ކުރީ އެމްޑީޕީގެ ކެނޑިޑޭޓް ޢަލީ ނަސީރުއާއި ވާދަކޮށެވެ.

މި އިންތިޚާބުގައި ވޯޓުލީ ތިން ފޮށި ވެސް މިހާރު ގުނާ ނިމިފައިވާ އިރު، ކުރެންދޫގެ ދެ ވޯޓު ފޮށިން މަދީހުއަށް ކުރި ލިބުނީ 14 ވޯޓުގެ ތަފާތުންނެވެ. މާލޭ ފޮށިން މަދީހު ކުރި ހޯއްދެވީ 35 ވޯޓުގެ ތަފާތުންނެވެ.

ކުރެންދޫގައި ބެހެއްޓި ދެ ވޯޓު ފޮށިން އެމްޑީޕީގެ ކެނޑިޑޭޓް އަލީ ނަސީރަށް ލިބުނީ 366 ވޯޓެވެ. އެ ދެ ފޮށިން ޕީޕީއެމްގެ މަދީހުއަށް ލިބުނީ 380 ވޯޓެވެ. އެ ދެ ފޮއްޓަށް ލައިފައިވާ ވޯޓުގެ ތެރެއިން 9 ވޯޓަކީ ބާތިލު ވޯޓެވެ.

މާލޭގައި ބެހެއްޓުނު ވޯޓު ފޮށިން ޢަލީ ނަސީރުއަށް ލިބުނީ 198 ވޯޓެވެ. އެ ފޮށިން މަދީޙުއަށް ލިބުނީ 234 ވޯޓެވެ. އެ ފޮށިން ބާތިލުވީ 11 ވޯޓެވެ.

މިއާ އެކު، އަލީ ނަސީރަށް ލިބުނީ ޖުމްލަ 564 ވޯޓެވެ. މަދީހުއަށް ޖުމްލަ 614 ވޯޓު ލިބުނެވެ. އަދި، ޖުމްލަ 20 ވޯޓު ވަނީ ބާތިލުވެފައެވެ.

ކުރެންދޫ ކައުންސިލް މިހާރު އެކުލެވިގެން ވަނީ އެމްޑީޕީގެ ހަތަރު ގޮނޑިއާއި ޕީޕީއެމްގެ ގޮނޑިއެއްގެ މައްޗަށެވެ.

އެ ކައުންސިލުގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހީމް ސިމާއު އަމިއްލަ ސަބަބުތަކަކަށް ޓަކައި އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ސިމާއު އަކީ އެމްޑީޕީގެ ޓިކެޓުގައި އިންތިޚާބުވި މެންބަރެކެވެ.

ވާދަވެރިކަން ބޮޑު އެ އިންތިހާބަށް ދެ ޕާޓީއިން ވެސް ވަނީ ފޯރިގަދަ ކެމްޕޭނެއް ކޮށްފައެވެ. އެގޮތުން ކުރީގެ ދެ ރައީސުން ކަމުގައިވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދު ވެސް އެ އިންތިހާބުގެ ކެމްޕޭނަށް ކުރެންދޫއަށް ވަޑައިގަތެވެ.

comment ކޮމެންޓް