ކުރީ ހަމައެކަނި ކޮޓަރީގެ މަރާމާތެއް ނޫން، މުޅި އިމާރާތުގެ މުހިއްމު މަސައްކަތެއް: މަލީހު

ކޮމިޔުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލު ރައްޔިތުންގެ މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް

ކޮމިއުނިކޭޝަންސް މިނިސްޓްރީގައި 2019ވަނަ އަހަރު ކުރިކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވާ މަރާމާތަކީ ހަމައެކަނި މިނިސްޓަރުގެ ކޮޓަރިކޮޅުގެ މަރާމާތެއް ނޫން ކަމަށާއި، އެއީ މުޅި އިމާރާތުގެ މުހިއްމު މަސައްކަތެއްކަމަށް އެ މިނިސްޓްރީގެ މިނިސްޓަރު ކަމުގައި އޭރު ހުންނެވި މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިއަދު "ސަން"އަށް ވިދާޅުވީ އޮޑިޓު ރިޕޯޓުގައި އެ މަރާމާތުގެ ވާހަކަ ގެނެސްފައި އޮތީ ވަރަށް ބޮޑަށް އޮޅުން އަރާ ގޮތަށް ކަމަށާއި، އެ މަސައްކަތުގެ ސްކޭލް ފުރިހަމައަށް ބަޔާންވެފައި ނެތް ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު އާންމުކުރި އޮޑިޓު ރިޕޯޓުގައި ވާގޮތުން، އެ މިނިސްޓްރީގެ މަރާމާތުގެ މަސައްކަތަށް 795،000 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މަލީހު ވިދާޅުވީ އެހާ ބޮޑު ޚަރަދެއް ހޭދަވީ ބައު އިމާރާތެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ޖެހުމުން ކަމަށެވެ.

"އަޅުގަނޑުމެން މިނިސްޓްރީއަށް ވަން އިރު އެ އިމާރާތަކީ ބާ ގުދަނެއްހެން އޮތް ތަނެއް، އެހެންވީމަ އަޅުގަނޑުމެންގެ ފުރަތަމަ އިސްކަމަކަށްވީ މަސައްކަތް ކުރެވޭނެ ޒަމާނީ ފެންވަރުގެ އޮފީހަކަށް އެތަން ހެދުން،" މަލީހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މަރާމާތުގެ ތެރޭގައި، ފާހާނާ ހެދުމާއި، ސީލިން ކުރުމުގެ އިތުރުން ތަނަށް ބޭނުންވާ ފަރުނީޗަރު ހޯދުން ވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން އެ ރިޕޯޓުގައި ވަނީ މިނިސްޓްރީގެ ތެރޭގައި މާލިއްޔަތު ގަވާއިދާ ހިލާފަށް ހިނގައިފައިވާ ގިނަ ކަންތައްތަކެއް ހުރިކަން ވެސް ފާހަގަކޮށްފައެވެ. ނަމަވެސް މަލީހު ވިދާޅުވީ އޭނާގެ މިނިސްޓަރު ކަމުގައި އެ ގަވާއިދާ ހިލާފުވާ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމަށެވެ.

"ދެން އޭގައި އެއޮތީ ރިޓެންޝަން ފައިސާ ނުހިފަހައްޓައޭ ޕޭމަންޓު ހަދާފައި އޮތީ. އެކަން ކުރުން އެއީ ކޮންމެ އިދާރާއަކަށް ވެސް ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައި ހުންނަ ފައިނޭންސް އެގްޒެކެޓިވްގެ ޒިންމާއެއް،" އޭނާ ވިދާޅުވިއެވެ.

އޮޑިޓު ރިޕޯޓުގައި ދެން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މިނިސްޓްރީގައި އިދާރީ މުވައްޒަފުން ކުރާ މަސައްކަތްތަކަށް ކޮންސަލްޓަންޓުން ނެގުމެވެ.

މަލީހު ވިދާޅުވީ އޭނާގެ މިނިސްޓަރުކަމުގައި ވަކި އުސޫލެއްގެ ދަށުން ކޮންސަލްޓަންޓުން ނަގަން ފަށާފައި ނުވާނެ ކަމަށެވެ. އެކަމަކު އެއީ މާކުރިން ފެށިގެން އަމަލުކުރަމުން އައި އުސޫލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެންސީއައިޓީ ޒަމާނުއްސުރެ އަމަލުކުރަމުން އައި ގޮތް އެއީ، ފަންނީ ކުދިން ނާންނާނެތާ އާދައިގެ ސިވިލް ސާވިސް މުސާރައަކަށެއް،" މަލީހު ވިދާޅުވިއެވެ.

މި ސަރުކާރު ފެށުނީއްސުރެ، މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި މަލީހު އެ މަގާމުން ވަކި ކުރީ ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓަކުން، މިދިޔަ އަހަރުގެ މާޗު މަހެވެ. އޭގެ ދެމަސް ފަހުން އެ މިނިސްޓްރީ އުވާލައި، މަސްއޫލިއްޔަތުތައް ވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް