ޝެފްސް ގިިލްޑް އޮފް މޯލްޑިވްސްއިން ވޯލްޑް ޝެފް އެކްސްޕޯއަށް ރާއްޖޭގެ ޝެފުން ފޮނުވަނީ

މި އަހަރު ރާއްޖެ ތަމްސީލުކުރާ ޝެފުންގެ ޑެލެގޭޝަނުގައި، ކަލިނަރީ ދާއިރާއިން ތައުލީމު ހާސިލުކުރަމުން ގެންދާ 6 ޒުވާން ޝެފުން ހިމެނޭ

މި އަހަރު ބާއްވަން ހަމަޖެހިފައިވާ ވޯލްޑް ޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޝެފުން ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީއަށް ފޮނުވަން ނިންމައިފިއެވެ.

މި އަހަރު ރާއްޖެ ތަމްސީލުކުރާ ޝެފުންގެ ޑެލެގޭޝަނުގައި، ކަލިނަރީ ދާއިރާއިން ތައުލީމު ހާސިލުކުރަމުން ގެންދާ ހަ ޒުވާން ޝެފުން ވެސް ހިމެނެއެވެ. އެ ހަ ޝެފުން ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ 2022ގައި ބައިވެރިވުމާ ގުޅޭ ހުރިހާ ޚަރަދެއް ސްޕޮންސަރ ކޮށްދީފައި ވަނީ ހޮސްޕިޓަލިޓީ ދާއިރާއާ ނުހަނު ގާތްކަމެއް ބާއްވަމުން ގެންދާ ކުންފުންޏެއް ކަމުގައިވާ ބެސްޓްބައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ބީބީއެމް)ގެ ފަރާތުންނެވެ.

ބީބީއެމްއިން އެކަމަށް އިސްނެގީ ރާއްޖޭގެ ހޮސްޕިޓަލިޓީ އަދި ކަލިނަރީ އިންޑަސްޓްރީއަށް އެހީތެރިވެދީ ޚިދުމަތްކުރުމުގެ މަޤްސަދުގައެވެ. ބީބީއެމްއަކީ ކަލިނަރީ ދާއިރާއަށް ބޭނުންވާ ތަފާތު ބާވަތްތަކުގެ މުދާ ރާއްޖެ އެތެރެކޮށް ރިސޯޓުތަކަށާއި އެހެނިހެން މާކެޓުތަކަށް ވެސް ސަޕްލައިކުރުމުގެ އިތުރުން، ކަލިނަރީ ދާއިރާއަށް ޚާއްސަކޮށްގެން ރާއްޖެއާއި ދުނިޔޭގެ ފެންވަރުގައި މާސްޓާކްލާސްތަކާއި ޓްރެއިނިން ފުރުސަތުތައް ވެސް ޒުވާން ޝެފުންނަށް ފަހިކޮށްދޭ ކުންފުންޏެކެވެ.

މި އަހަރުގެ ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ ބާއްވަން ހަމަޖެހިފައިވަނީ މޭ 30 އިން ޖޫން މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ޔޫއޭއީގެ، އަބޫދާބީ ނޭޝަނަލް އެގްޒިބިޝަން ސެންޓަރުގައެވެ.

އެގޮތުން ވޯލްޑްޝެފްސްގައި ރާއްޖެ ތަމްސީލުކުރާ ޖަމިއްޔާ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ބުނީ ކޮންމެ އަހަރަކު ވެސް ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ދިވެހިރާއްޖޭގެ ހުނަރުވެރި ޝެފުން ތަމްސީލުކުރާކަމަށެވެ. އަދި މި އަހަރުގެ ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި އެ ޖަމިއްޔާގެ ފަރާތުން 20 ޝެފުންގެ ޑެލެގޭޝަނެއް ބައިވެރިވާނެކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

މި އަހަރުގެ ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ވެސް އެހެން އަހަރުތަކެކޭ އެއްފަދައިން ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ، ދާއިރާގެ މާހިރުން ބައިވެރިވާނެއެވެ. އެގޮތުން، ދުނިޔޭގެ 50 ގައުމަކުން 80 ކަލިނަރީ ސްކޫލު ތަމްސީލުކޮށް ބާއްވާ އެޑިއުކޭޓާސް ފޯރަމާއި، އެކި ފަންނުތަކުން ޝެފުން "ވޯލްޑްސް ބެސްޓް ޝެފްސް"ގެ ލަގަބަށް ވާދަކުރާ "ގްލޯބަލް ޝެފްސް ޗެލެންޖް"އާއި، ވޯލްޑްޝެފްސް އެކްސްޕޯގެ އިތުރުން، 25 އަހަރުން ދަށުގެ ޝެފުންނަށް ޚާއްޞަކޮށްގެން ބާއްވާ "ބިލީ ގެލެގާ ޔަންގް ޝެފްސް ފޯރަމް" މިއަހަރު ވެސް އޮންނާނެއެވެ.

comment ކޮމެންޓް