ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެންބަރުން ލަންޑަނަށް ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ -- ފޮޓޯ/ މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ހިމެނޭ 14 މެންބަރުން ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މި ދަތުރަކީ ފިނޭންސް މިނިސްޓްރީގެ ދަށުން ކުރިއަށްގެންދާ "ޕަބްލިކް ފައިނޭންސް މެނޭޖްމެންޓް ސިސްޓަމް ސްޓްރެންތަނިން ޕްރޮޖެކްޓް"ގެ މައިގަނޑު ބައެއް ކަމުގައިވާ "ފައިނޭންސް މެނޭޖްމެންޓް އެންޑް ޕަބްލިކް ސެކްޓާ އެކައުންޓަބިލިޓީ"ގެ ބައެއް ކަމަށްވާ "ނޮލެޖް އެންޑް އެކްސްޕީރިއަންސް ޝެއަރިން"ގެ ދަށުން، އަންނަ މަހުގެ 24 އިން 28އަށް އިނގިރޭސިވިލާތުގައި ހިންގުމަށް ހަމަޖައްސާފައިވާ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމްގައި މާލިއްޔަތު ކޮމެޓީގެ 14 މެންބަރުންގެ އިތުރުން އެ ކޮމެޓީގެ ސެކްރެޓޭރިއޭޓުން ދެ މުވައްޒަފުން ބައިވެރިވާނެއެވެ.

މި ޕްރޮގްރާމަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން އޮޑިޓާ ޖެނެރަލްގެ އޮފީހުން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ އިނގިރޭސިވިލާތުގެ ގާނޫނު ހަދައި މަޖިލީހުގެ ޕަބްލިކް އެކައުންޓްސް ކޮމެޓީން ކޮންޕްޓްރޯލާ އަދި އޮޑިޓާ ޖެނެރަލްގެ ރިޕޯޓްތައް ބެލުމުގައި ގެންގުޅޭ މިންގަނޑުތަކާއި އުސޫލުތައް ދެނެގަނެ، އޭގެ އަލީގައި މާލިއްޔަތު ކޮމެޓީން ދިރާސާ ކުރާންޖެހޭ އޮޑިޓް ރިޕޯޓުތަކުގެ މަސައްކަތް މިހާރަށްވުރެ، ހަރުދަނާ ކުރުން ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

comment ކޮމެންޓް