އެންމެ ފަހުގެ ޗެމްޕިއަން ސީއެފްއެސް ބަލިކޮށް ފެސްޓު ތަށި އުފުލާލައިފި

އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމު، ފެސްޓު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުގައި މިރޭ ކުޅުނު ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުގައި ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓު)އިން ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީއެފްއެސް)ގެ މައްޗަށް ކުރިހޯދައި މުބާރާތުގެ ތަށި އުފުލާލައިފިއެވެ.

އެމްއެންޔޫ ޕީއީ ހޯލުގައި ކުޅުނު ފައިނަލް މެޗު ފެސްޓުން ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުން ސީއެފްއެސްގެ މައްޗަށް ކުރިހޯދައިގެންނެވެ.

ފެސްޓާއި ސީއެފްއެސް ބައްދަލުކުރި މެޗުގެ ފުރަތަމަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-12 އިންނެވެ. އަދި މެޗުގެ ދެވަނަ ސެޓު ފެސްޓުން ކާމިޔާބުކުރީ 25-17 އިންނެވެ. ނަމަވެސް ތިން ވަނަ ސެޓު 25-23 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސީއެފްއެސްއިންނެވެ. މެޗުގެ ހަތަރުވަނަ ސެޓު ވެސް 28-26 އިން ކާމިޔާބުކުރީ ސީއެފްއެސްއިންނެވެ. މެޗުގެ އެންމެ ފަހު ސެޓު 17-15ގެ ނަތީޖާއަކުން ފެސްޓުން ކާމިޔާބުކޮށް މުބާރާތް އެ ޓީމުން ކާމިޔާބުކުރިއެެވެ.

މިދިޔަ ދެ އަހަރުގެ އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ސީއެފްއެސްއިންނެވެ. މިއީ ފެސްޓުން މި މުބާރާތުގެ ތަށި އުފުލައިލި ފުރަތަމަ ފަހަރެވެ.

ފެސްޓާއި ސީއެފްއެސް ވާދަކުރި ފައިނަލު މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު އަންހެން ޑިވިޝަންގެ ފައިނަލް މެޗު ސީދާ ތިން ސެޓުން ސްކޫލް އޮފް ނާސިން ވަނީ ކާމިޔާބުކޮށްފައެވެ.

އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ ބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ޤައުމީ ޔުނިވާސިޓިގެ ދަރިވަރުންގެ ޔުނިއަންގެ ފަރާތުން އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ.

މި އަހަރު މި ބޭއްވޭ އަށް ވަނަ އެޑިޝަންގެ މުބާރާތުގައި އަންހެން އަދި ފިރިހެން ހިމެނޭހެން 16 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މިއަހަރު އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ މުބާރާތުގެ މީޑީއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަންމީޑިއާއެެވެ.

comment ކޮމެންޓް