ނިލަންދޫ އަތުން މޮޅުވި ނަމަވެސް، އެފްޑީއެސް މުބާރާތުން ކަޓައިފި

މުބާރާތުގައި އެފްޑީއެސް ކުޅުނު މެޗެއްގެ ތެރެއިން -- ފޮޓޯ / ފީއަލީ ކައުންސިލް

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފ. އަތޮޅުގެ ފިރިހެން ޑިވިޝަންގައި މިއަދު ހަވީރު ނިލަންދޫގެ ސުޕާ ޖަނެރޭޝަން ކުލަބް (އެސްޖީސީ) އާ ދެކޮޅަށް ކުޅުނު މެޗު ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް)އިން މޮޅުވި ނަމަވެސް، އެ ޓީމު މުބާރާތުން ކަޓައިފިއެވެ.

މަގޫދޫގެ ރަސްމީ ވޮލީ ކޯޓުގައި ކުޅުނު މި މެޗު އެފްޑީއެސް އިން ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ސެޓުތައް އެފްޑީއެސް އިން ކާމިޔާބުކޮށްފައިވަނީ 25-18، 25-10 އަދި 25-12 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެފްޑީއެސްގެ އަޙުމަދު ޝާހުއެވެ.

މުބާރާތުގައި އެފްޑީއެސް އިން ހަތަރު މެޗު ކުޅުނުއިރު، އެ ޓީމު މޮޅުވެފައިވަނީ ދެ މެޗުންނެވެ. އެއީ ދަރަނބޫދޫއާ ދެކޮޅަށް ކުޅުނު މެޗާއި މިއަދު ނިލަންދޫއާ ދެކޮޅަށް ކުޅުނު މެޗެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އެ ޓީމު ވަނީ މަގޫދޫ އަތުން ބަލިވެފައެވެ. ބިލެއްދޫއާ ވާދަ ކުރި މެޗުގައި ރެފްރީގެ ނިންމުމާމެދު ހިތްހަމަ ނުޖެހި ޓީމު ދަނޑުން ފޭބުމުން، ދަނޑަށް އެރުމަށް ރެފްރީ ތަކުރާރުކޮށް އެންގުމުން ވެސް އެ ޓީމުން ދަނޑަށް އަރާފައިނުވާތީ، ރެފްރީ ވަނީ މެޗު ނިންމާލާފައެވެ. ރެފްރީ ނިންމީ އެ މެޗު ބިލެއްދޫއަށް ލިބުނު ކަމަށެވެ.

އެ މެޗާ ގުޅިގެން އެފްޑީއެސް އިން ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އަށް މައްސަލައެއް ހުށަހެޅިއެވެ. އެކަމާ ގުޅިގެން ވީއޭއެމް އިން އެފްޑީއެސްގެ މެނޭޖަރަަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މުބާރާތުގެ ގަވާއިދުގެ 19 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް އެ ޓީމުން މައްސަލަ ހުށަހަޅާފައިނުވާތީ މައްސަލަ ބަލައި ނުގަތުމަށް ނިންމާފައިވާ ކަމަށެވެ.

މުބާރާތުގެ ހަތަރު މެޗުން އެފްޑީއެސް އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އެއް ވަނައިގައި އޮތް ބިލެއްދޫއަށް ލިބެނީ ނުވަ ޕޮއިންޓެވެ. ދެ ވަނައިގައި އޮތް މަގޫދޫއަށް ލިބެނީ އަށް ޕޮއިންޓެވެ. މުބާރާތުގެ ފައިނަލްގައި ބައްދަލުކުރާނީ ބިލެއްދޫ އާއި މަގޫދޫއެވެ. ނަމަވެސް ގްރޫޕްގެ އެއް ވަނަ އަދި ދެ ވަނަ ޓީމު ކަނޑައެޅޭނީ މާދަމާ މި ދެ ޓީމު ބައްދަލުރާ މެޗުންނެވެ. އެ މެޗުން މޮޅުވެ އެއް ވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދިޔުމުގެ ފުރުސަތު ބިލެއްދޫއާއި މަގޫދޫއަށް ވެސް އެބަ އޮތެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު 16:15 ގައެވެ.

comment ކޮމެންޓް