މޮންގޯލިއާ ބަލިކޮށް ގައުމީ ފުޓްސަލް ޓީމަށް ތާރީޚީ މޮޅެއް

ރާއްޖެ އާއި މޮންގޯލިއާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

ތައިލޭންޑްގައި ކުރިއަށްދާ އެންއެސްއެފްޑީ އިންވިޓޭޝަަނަލް ފުޓްސަލް ކަޕުގެ ރޭންކިން މެޗުގައި މޮންގޯލިއާ ބަލިކޮށް ގައުމީ ފުޓްސަލް ޓީމުން ބައިނަލްއަގުވާމީ މުބާރާތެއްގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފިއެވެ.

މި މުބާރާތުގައި ހަ ޓީމަކުން ވާދަކުރާއިރު، މިއަދު ކުޅެފައިވަނީ ރޭންކިން މެޗުތަކެެވެ. ރާއްޖެ ބައްދަލުކޮށްފައިވަނީ މޮންގޯލިއާ އާއިއެވެ. މެޗު ނިމުނު އިރު އޮތީ 3-3 އިން ދެ ޓީމު އެއްވަރުވެފައެވެ.

މެޗުގެ ފުރަތަމަ ލަނޑާއެކު، މޮންގޯލިއާއިން ލީޑު ނަގާފައިވަނިކޮށް ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޢަބްދުﷲ ޝާފިއު (ޝާއްޕެ)އެވެ. ރާއްޖެއިން ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް ދެ ވަނަ ފަހަރަށް މޮންގޯލިއާ އިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަމްގަރާންގްއެވެ. ދެ ވަނަ ފަހަރަށް ވެސް ރާއްޖެއަށް ނަތިޖާ ހަމަހަމަކޮށްދިނީ ޝާއްޕެއެވެ. މެޗުގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ލީޑު ނަގާފައިވަނީ މުޙައްމަދު ޔަފާއު (ޔާ) ޖަހައިދިން ލަނޑުންނެވެ. މޮންގޯލިއާއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖަހައިދިނީ ޕުރެޑޯރްޖޭއެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ރާއްޖޭގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ، ޢަބްދުﷲ ޝައްފާން (ޝާކާ)، ޙުސައިން ޝަރީފް (އޮންލީ)، މުޙައްމަދު އިމްރާން (އިންމި)، ސާމިން މުޙައްމަދު، އިޝާން އިބްރާހީމް (ސައްޓު)އެވެ. ރާއްޖޭގެ ޔަފާއު ޖެހި ޕެނަލްޓީ ކީޕަރު ވަނީ މަތަކޮށްފައެވެ، އަދި ހުޒައިފަތު ރަޝީދު (ހުޒޭ) ޖެހި ޕެނަލްޓީ އަމާޒުވީ ދަނޑިއަށެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރާއްޖޭގެ ޝާއްޕެއެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖޭގެ ފުޓްސެލް ކުޅުންތެރިޔަކު މެޗެއްގެ މޮޅު ކުޅުންތެރިޔާކަން ހޯދި ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ ގްރޫޕް ސެޓޭޖްގައި ރާއްޖެ ދެ މެޗެއް ކުޅުނުއިރު، އޭގެތެރެއިން ތައިލެންޑް އަތުން ބަލިވީ 8-3 އިންނެވެ. އަދި އޮމާން އަތުން ބަލިވީ 7-4 އިންނެވެ. ދެ މެޗުން ބަލިވި ނަމަވެސް މުބާރާތުގައި ރާއްޖޭގެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

comment ކޮމެންޓް