ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުއްރަޝީދުގެ ޖަނާޒާ މިރޭ ބާއްވަނީ

ޢަބްދުއްރަޝީދު ޢަލީ އަވަހާރަވި އިރު އުމުރުން 75 އަހަރު -- ފޮޓޯ/ މިހާރު

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ޢަބްދުއްރަޝީދު ޢަލީގެ ޖަނާޒާ މިރޭ ޢިޝާ ނަމާދަށް ފަހު ބާއްވާން ނިންމައިފިއެވެ.

އުމުރުން 75 އަހަރުގައި އަވަހާރަވި ޢަބްދުއްރަޝީދު ޢަލީގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ އާސަހަރާ މިސްކިތުގައެވެ. އަދި މައްޔިތާގެ މޫނު ދެއްކުން އޮންނާނީ މިއަދު 15:00 އިން ފެށިގެން އެ މިސްކިތުގައެވެ.

މިދިޔަ އަންގާރަ ދުވަހު ޢަބްދުއްރަޝީދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވީ ފަހުން، އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ޢަބްދުއްރަޝީދު ޢަލީ -- ފޮޓޯ/ އަހުމަދިއްޔާ ސްކޫލް

ޢަބްދުއްރަޝީދު ޢަލީ ވަނީ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު ދާއިރާގެ މެންބަރުކަން ދެ ދައުރެއްގައި އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އދ. އަތޮޅުގެ މެންބަރުކަން ވެސް ކުރައްވާފައެވެ.

ޢަބްދުއްރަޝީދު އަދާކުރެއްވި އެހެން މަގާމުތަކުގެ ތެރޭގައި ޖެންޑާ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ކަމާއި ފުލުސް ކޯޓުގެ ފުރަތަމަ އިސް ގާޒީ ކަމާއި ޕްރިޒަންސް ޑިވިޝަންގެ އިސްވެރިޔާގެ މަގާމު ހިމެނެއެވެ.

މީގެ އިތުރުން އޭނާ އަކީ އަހުމަދިއްޔާ ސްކޫލްގެ ޕްރިންސިޕަލް ކަން އެންމެ ފުރަތަމަ ކުރެއްވި ބޭފުޅާއެވެ.

ޢަބްދުއްރަޝީދު އަވަހާރަވި އިރު އޭނާގެ ހަތަރު ފިރިހެން ބޭފުޅަކާއި ތިން އަންހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ހިމެނެއެވެ.

comment ކޮމެންޓް