މާލެއަށް އެރި ވެލާ ބިސްއަޅައިފި

މާލެއަށް އެރި ވެލާ ބިސްއަޅަނީ --- ފޮޓޯ/ އެންވަޔަރަމެންޓް މިނިސްޓްރީ

މިރޭގެ ވަގުތެއްގައި ސިނަމާލެ ބްރިޖު ކައިރިއަށް އެރި ވެލާ ބިސްއަޅައިފިއެވެ.

އެ ވެލާ ބިސް އަޅާފައި ވަނިކޮށް ނަގާފައިވާ ފޮޓޯތައް އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޞާލިޙް ވަނީ އާންމުކުރައްވާފައެވެ.

ވެލާ އެރުމާއެކު ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްފައެވެ. އެ ވެލާ އެޅި ބިސްތައް ކުޑަހުރާއަށް ގެންދަން އީޕީއޭއިން ނިންމާފައިވާ ކަމަށް މައުލޫމާތު އެނގޭ މީހަކު "ސަން"އަށް ކިޔައިދިނެވެ.

"ބިސްތައް ކުޑަހުރާއަށް ގެންދަނެ ކަމަށް އީޕީއޭއިން މައުލޫމާތު ދީފައި ވަނީ. އެއީ ރާޅު ޖަހާ ހިސާބުގައި ހުރީމަ ބިސްތައް ހަލާކުވާނެތީ،" އޭނާ ކިޔައިދިނެވެ.

މާލެއަށް އެރި ވެލާ ބިސްއަޅަނީ --- ފޮޓޯ/ އެންވަޔަރަމެންޓް މިނިސްޓްރީ

މިދިޔަ މަހުގެ ފަހުކޮޅު ވެސް ވަނީ އެ ސަރަހައްދަށް ވެލައެއް އަރާފައެެވެ. އެފަހަރު ފުލުހުންތަކެއް އެ ވެލާ ފަސްގަނޑު ތެރެއިން ނަގާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ވެލާ މާލެ އެރުމާއެކު ފުލުހުން އެ ސަރަހައްދަށް ދިޔަކަމަށެވެ. އަދި ވެލާ އޮތް ވަޅުން ނަގައި ބޭއްވުމުން ވެލާ މާލެއިން ފޭބީ އަމިއްލައަށް ކަމަށް ފުލުހުން ބުނެއެވެ.

އެފަހަރު ވެލާއަށް ބިސްއަޅަން ފުލުހުން ފުރުސަތު ނުދިނުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

މާލެއަށް އެރި ވެލާ ބިސްއެޅި ސަރަހައްދު --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މިފަހަރު އަނެއްކާވެސް އެރީ އެ ވެލާކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް "ސަން" ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ ދިރޭއެއްޗިއްސާމެދު އަމަލުކުރާ އުސޫލުގެ ތެރެއިން އެ ވެލައިގައި އަތްނުލުމަށާއި، އެއާ ގާތްނުވުމަތް ފުލުހުންނަށާއި އާންމު ރައްޔިތުންނަށް އެ އެޖެންސީން އިލްތިމާސްކުރި ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް