މާލެއާ އެއްހަމައެއްގައި އަތޮޅުތެރޭން ތެލެސީމިއާ ފަރުވާ ދޭނެ ގައިޑްލައިން އިފްތިތާހު ކޮށްފި

މާލެއާ އެއްހަމައެއްގައި އަތޮޅުތެރޭން ތެލެސީމިއާ ފަރުވާ ދޭނެ ގައިޑްލައިން އިފްތިތާހު ކުރުމުގެ ތެރެއިން -- ފޮޓޯ/ ހެލްތު މިނިސްޓްރީ

މާލެއާ އެއްހަމައެއްގައި އަތޮޅުތެރޭން ތެލެސީމިއާ ފަރުވާ ދޭނެ ގައިޑްލައިނެއް އިފްތިތާހު ކޮށްފިއެވެ.

އެކަމަށްޓަކައި ހެލްތް މިނިސްޓްރީގައި އިއްޔެ ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، މި ގައިޑްލައިން އިފްތިތާހު ކޮށްދެއްވީ ހެލްތް މިނިސްޓަރު އަޙްމަދު ނަސީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މޯލްޑިވިއަން ބްލަޑް ސާވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް ޑރ އަޙްމަދު އުމަރު ވިދާޅުވީ، މި ގައިޑްލައިންއާ އެއްގޮތަށް، އަތޮޅުތެރޭގައި ތެލެސީމިއާގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

މާލެއާ އެއްހަމައެއްގައި އަތޮޅުތެރޭން ތެލެސީމިއާ ފަރުވާ ދޭނެ ގައިޑްލައިން އިފްތިތާހު ކުރުމުގެ ތެރެއިން -- ފޮޓޯ/ ހެލްތު މިނިސްޓްރީ

މި ގައިޑްލައިންގެ ސަބަބުން، ދިވެހި ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުން ހަރުދަނާ ކުރުމަށް އެހީވެދޭނެ ކަމަށް ޑރ. އުމަރު ވިދާޅުވިއެވެ.

ތެލެސީމިއާ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް ހާއްސަ ގައިޑްލައިނެއް އެންމެ ފުރަތަމަ އެކުލަވާލެވިފައި ވަނީ 2014 ވަނަ އަހަރުއެވެ.

ތެލެސީމިއާ އިންޓަނޭޝަނަލް ފެޑެރޭޝަންގެ އެހީތެރިކަމާއެކު އެކުލަވާލެވުނު އެ ގައިޑްލައިން 2017 ވަނަ އަހަރު ރިވިއު ކުރެވި، ކޮންމެވެސް ވަރަކަށް ބަދަލުތަކެއް ގެނައެވެ.

ނަމަވެސް އަދިވެސް އެ ގައިޑްލައިންގައި ތެލެސީމިއާ ފަރުވާގެ ހުރިހާ އަސާސަަކަށް ބަލާލެވިފައި ނުވާކަމަށް ބެލެވި، 2020 ވަނަ އަހަރުގެ ފަހުކޮޅު، ގައިޑްލައިން އަލުން ރިވިއުކުރުމުގެ މަސައްކަތް ފެށީ ކަމަށް ޑރ. އުމަރު ވިދާޅުވިއެވެ.

ގައިޑްލައިން ރިވިއުކޮށް ނިންމައި، ކުރީގެ ގައިޑްލައިންތަކުގައި ހިމެނިފައި ނުވާ ބައެއް ބައިތައް މި ގައިޑްލައިންގައި ހިމެނިފައި ވާނެ ކަމަށް ޑރ. އުމަރު ވިދާޅުވިއެވެ.

އޭގެ ތެރޭގައި، ތެލެސީމިއާ ޕޭޝަންޓުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި އަވަސް ފަރުވާ ބޭނުންވާ ހާލަތްތަކާއި، އެ ފަރުވާ ދޭނެ ގޮތާ ބެހޭ މައުލޫމާތު ވެސް ހިމެނޭނެ ކަމަށް ޑރ. އުމަރު ވިދާޅުވިއެވެ.

މި ގައިޑްލައިން ތައްޔާރު ކުރެވިފައިވަނީ ތެލެސީމިއާ ފަރުވާގެ އެންމެ ފަހުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށްވީހިނދު މި ގައިޑްލައިންގެ ސަބަބުން އަތޮޅުތެރޭގައި އަލި މާލޭގައި މަސައްކަތްކުރާ ސިއްޙީ ހިދުމަތްތެރިންނަށް ތެލެސީމިއާ ފަރުވާ ދިނުމަށް ފަސޭހަތަކެއް ވެގެންދާނެ ވާހަކަ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މި ގައިޑްލައިންގައި ހިމެނޭ ކަންތައްތައް:

● ތެލެސީމިއާ ކުދިންގެ ދަގަނޑުގެ ބައި ދަށްކުރުމަށް ކުރެވޭނެ ކަންކަން

● ތެލެސީމިއާ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވޭނެ ކަންކަން

● ލޭ އެޅުމުގެ ތެރޭގައި ދިމާވާ މައްސަލަތަކަށް ފަރުވާ ކުރާނެ ގޮތް

● ތެލެސީމިއާ ކުދިން ދަރިމައިވުމުގައި ދިމާވާ ކަންކަމަށް ފަރުވާކުރާނެ ގޮތް ހިމެނެއެވެ.

comment ކޮމެންޓް