ރޯދަ މަހަށް އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

ރޯދަމަހަށް އިސްލާމީ މަރުކަޒުގެ ގޯތި ތެރޭގައި ޖަހާފައިހުރި ތަށިމުށި އައު ކުރަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ބަރަކާތްތެރި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް އެބަދާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.

މި މަހުގެ ފުރަތަމަ ހަފްތާއިން ފަށައިގެން ކުރިއަށް ގެންދާ މައިގަނޑު މަސައްކަތުގެ ތެރޭގައި އިސްލާމީ މަރުކަޒު ބޭރު ފާރުތައް ދޮވެ ސާފު ކުރުމާއި، އެތެރެ ފޮޅާސާފު ކުރުމާއި، މިހުރާބުގޭގެ ކެލިގްރަފީ އައު ކުރުން ހިމެނެއެވެ.

މީގެ އިތުރުން އަންހެނުން ނަމާދުކުރާބައިގައި އިތުރު ފަންކާ ހަރުކުރުމާއި، އިސްލާމީ މަރުޒަކުގެ ގޯތިތެރޭގައި ހަލާކުވެފައިވާ ތަށިމުޅިތައް ނެގުމަށްފަހު، އައު މުށި ޖެހުން ވެސް މި މަސައްކަތުގެ ތެރެއިން ކުރާނެއެވެ.

ފާއިތުވެ ތިން އަހަރުގެ ވެސް ރަމަޟާންމަހަށް ތައްޔާރު ވުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ ބޮޑެތި މަރާމާތުތަކެއްކޮށް ޒީނަތްތެރިކޮށްފައި ވެއެވެ.

ރޯދަމަހަށް އިސްލާމީ މަރުކަޒު އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އޭގެ ތެރޭގައި މަރުކަޒުގެ ކެލިގްރަފީ ބޯޑުތައް މަރާމާތުކޮށް ރީތި ކުރުމާއި ލަކުޑި ޖާލިތައް ބަދަލު ކުރުމާއި ކުލަ އައު ކުރުމާ ބޮކި އަދި ފަންކާ ވަނީ ބަދަލު ކޮށްފައެވެ.

އޭގެ އިތުރުން އިސްލާމީ މަރުކަޒުގެ ގުއްބާއި މުންނާރު އައު ކުރުމާއި، ބޮޑު އިތުރު ދެފަންކާ ހަރުކުރުން އަދި ޗާންދަލިޔާ އާކުރުމާއި، އިސްލާމީ މަރުކަޒުގެ ސައުންޑް ސިސްޓަމް ބަދަލުކޮށްފައި ވެއެވެ.

އިސްލާމީ މަރުކަޒަކީ ރާއްޖޭގެ އިސްލާމީ ވަންތަކަށް ރަމްޒުކޮށްދޭ އެންމެ ބޮޑު ބިނާއެވެ.

comment ކޮމެންޓް