އޭސީސީއަށް އައްޔަންކުރަން ފޮނުވި ނަންތަކަށް ކޮމިޓީން ރުހުން ދީފި

އޭސީސީއަށް އައްޔަންކުރުމަށް ފޮނުވައިފައިވާ ބޭފުޅުންނާ އިންޓަވިއުކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ މަޖިލިސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް އައްޔަން ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައިވާ ނަންތަކަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ރުހުން ދިނުމަށް ފާސްކޮށްފިއެވެ.

ރައީސް ޞާލިޙް މަޖިލީހަށް ފޮނުއްވެވި ފަސް ބޭފުޅުންނަކީ:

  • އާދަމް ޝާމިލް، ރަތްވިލާގެ/ ތ. ވިލުފުށި
  • ޢަބްދުއްސަލާމް، ހަވާ/ ށ. ނަރުދޫ
  • ޠާހާ މުޙައްމަދު ކަޅިހާރުގެ/ އދ. މާމިގިލި

  • ޝަޒްނާ ހާޝިމް، ރިހިވިލު/ ހދ. ނޮޅިވަރަންފަރު
  • ޝިޔާމާ މުޙައްމަދު، ނާރެސް/ ރ. ހުޅުދުއްފާރު

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އޭސީސީއަށް އަައްޔަން ކުރަން ފޮނުއްވައިފައިވާ ފަސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް، އިންޓަވިއުކޮށްފައެވެ.

ކޮމިޓީގެ މެންބަރުން ވަނީ އޭސީސީން އިސްތިއުފާ ދެއްވި މެމްބަރުންނަށް މިނިވަންކަމާއެކު މަސައްކަތް ކުރެއްވުމަށް ހުރަސްތަކެއް ހުރިތޯއާއި މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އޮތްތޯ ސުވާލުކޮށްފައެވެ.

ހަމައެހެންމެ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ތަހުގީގު ކުރިއަށް ނުދާ ކަމަށް ގަބޫލުކުރައްވާ ސަބަބުތަކާ، އެ މައްސަލަ ތަހުގީގު ކުރުމަށް ގެންގުޅުއްވާ ވިސްނުންތަކާ ގުޅޭ ގޮތުން ވެސް ވަކިވަކި ބޭފުޅުންނާ ސުވާލުކޮށްފައިވެއެވެ.

އެ ނަންތަކަށް ކޮމިޓީން ރުހުންދީ، މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފެނޭތޯ ވަކިވަކީން ނެގި ވޯޓުގައި، ހުރިހާ ނަމެއް ވެސް ފާސްވެފައިވަނީ ކޮމިޓީއަށް އެވަގުތު ހާޒިރުވެތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

މިދިޔަ އަހަރު މަޖިލިސް ޗުއްޓީގައި އޮއްވާ، އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަަސައްކަތް ފެށީ ކުއްލިއަކަށެވެ. އެއީ އޮޑިޓް އޮފީހުން ހެދި، އެ ކޮމިޝަނުގެ މަސައްކަތާ ގުޅޭ ޕާފޯމަންސް އޮޑިޓް ރިޕޯޓަށް ފަހުގައެވެ.

އެ މައްސަލައިގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ އޭރު އިސްތިއުފާ ނުދެއްވާ ތިބި ތިން މެންބަރުން ވަކި ކުރާށެވެ. އެ ތިން މެންބަރުން މަގާމުން އިސްތިއުފާ ދެއްވިއިރު، ކޮމިޓީގެ ނިންމުން އޮތީ މަޖިލީހުގެ ތަޅުމަށް ވެސް ފޮނުވާފައެވެ.

އޭސީސީގެ ފަސް މެންބަރުންގެ ތެރެއިން ފުރަތަމަ އިސްތިއުފާ ދެއްވީ މުޙައްމަދު ޝަކީލާއި ޢަލީ އަޝްރަފެވެ. އެންމެ ފަހުން އެ ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާ ދެއްވީ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއާއި ނައިބު ރައީސް ފާތިމަތު އަނޫލާއާއި މެންބަރު ޢައިޝަތު ޢަބްދުﷲއެވެ. އެ ތިން މެންބަރުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 27 ވަނަ ދުވަހުއެވެ.

ގާނޫނު ބުނާ ގޮތުން އޭސީސީގެ މެންބަރެއްގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަން ޖެހޭނެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިޙް ވަނީ އޭސީސީއަށް މެންބަރުން އައްޔަން ކުރެވުމާއެކު، ދަައުލަތުގެ މުދަލާ ފައިސާއަށް ޚިޔާނާތްތެރިވުމާއި ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކުރަމުން އަންނަ އެސެޓް ރިކަވަރީ ކޮމިޝަނުން އެމްއެމްޕީއާރްސީގެ މައްސަލައިގައި ހޯދައިފައިވާ ކަންކަން ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

"މިހާތަނަށް ކޮމިޝަނުން ހޯދާފައިވާ ހޯދުންތައް ތަހުގީގުކޮށް ގާނޫނީ މަރުހަލާތައް ފެށުމަށް އޭސީސީއަށް ހުށަހެޅުމަށް ކޮމިޝަނުން ވަނީ ނިންމާފަ. އަޅުގަނޑު އެދެނީ އަދި އުންމީދު ކުރަނީ މި އިއްޒަތްތެރި މަޖިލީހަށް ނަންތައް ފޮނުވުމުން އޭސީސީގެ މެންބަރުން އަވަސް މުއްދަތެއްގާ ކަނޑައަޅުއްވާ ދެއްވާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

އެއަށްފަހު އެ މައްސަލައިގައި ކުރަން ޖެހޭ ހުރިހާ ތަހުގީގެއް ކުރަމުން ގެންދާނީ އޭސީސީން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް