ތިން ބިލެއްގެ އިބްތިދާއީ ބަހުސް ނިންމައި ކޮމިޓީތަކަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ތިން ބިލެއްގެ އިބްތިދާއީ ބަހުސް ނިންމައިލައި، ބިލު ދިރާސާ ކުރުމަށް ކޮމިޓީތަކަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.

މިއަދުގެ ޖަލްސާގައި ކޮމިޓީއަށް ފޮނުވަން ފާސްކުރި ފުރަތަމަ ބިލަކީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ހުށަހަޅުއްވައިފައިވާ ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލެވެ.

މި ބިލު، މަޖިލީހުގެ އެންވައިރަމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

ފެނާއި ނަރުދަމާގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ބޮޑަށް ހިމެނެނީ ޚިދުމަތް ދިނުމުގައި ގެންގުޅޭނެ މިންގަނޑުތައް ކަނޑައަޅަން ގެންނަންޖެހޭ އިސްލާހުތަކާއި ފެނާއި ނަރުދަމާގެ ނިޒާމުގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ގެންނަންޖެހޭ އިސްލާހުތައް އަދި އެ ޚިދުމަތްދޭ ފަރާތްތަކުން ޕްލޭން ކަނޑައެޅުމުގައި ގެންނަންޖެހޭ އިސްލާހުތަކުގެ އިތުރުން ގާނޫނުތަކާ ހިލާފުވާ ފަރާތްތަކަށް ދޭނެ އަދަބުތަކެވެ.

ހަމައެހެންމެ ބިމުން ފެން ނަގައި ބޭނުންކުރުމުގައި ގާނޫނާ ހިލާފުވެއްޖެނަމަ އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ގޮތަށް ވެސް އިސްލާހެއް ހިމަނައިފައިވެއެވެ.

މިއަދު ކޮމިޓީއަށް ފޮނުވަން ފާސްކުރި ދެވަނަ ބިލަކީ، ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ހުށަހަޅުއްވައިފައިވާ ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

މި ބިލުގައި ވަނީ ހައިކޯޓުން ނިންމާ މައްސަލަތައް 30 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރަން ޖެހޭ ގޮތަށާއި އެ ކޯޓުން ނިންމާ މައްސަލައެއްގެ ލިޔެކިއުންތައް މަދުވެގެން ހަތް ދުވަހުގެ ތެރޭގައި އެ މައްސަލައެއްގައި ޝާމިލުވާ ފަރާތްތަކަށް ދޭން ވާނެ ކަމަށް ބަޔާންކޮށްފައެވެ.

ހަމައެހެންމެ ހައި ކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވާލުމަށް ވެސް ބިލުގައި ހިމަނައިފައިވެއެވެ.

އެ ބިލު މަޖިލީހުން ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމަށް ވޯޓުގައި ބައިވެރިވި 58 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހުއްވައިފައިވާ މާލީ އަދި އެހެނިހެން މަސްލަހަތު ހާމަ ކުރުމުގެ ބިލު ވެސް ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފައެވެ.

މި ބިލުގައި ވަނީ މާލީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކާއި ހުށަހަޅަން ޖެހޭ މައުލޫމާތާއި އަދި އެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް އަމަލު ކުރަން ޖެހޭނެ ގޮތް ބަޔާންކޮށް، މާލީ ބަޔާނުގައި ދޮގު މައުލޫމާތެއް ހިމެނުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

އެ ކުށުގެ އަދަބަކަށް، އެ މީހަކު މަގާމުން ވަކި ކުރުމާއި ދެ އަހަރަށް ޖަލަށް ލުން އަދި މައްސަލައިގެ ކުޑަބޮޑު މިނަށް ބަލައި 500،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ވަނީ ހިމަނައިފައެވެ.

comment ކޮމެންޓް