ތޮއްޑޫ ވަލުތެރޭގައި ހުޅު ޖަހާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

އއ ތޮއްޑޫ: އެ ރަށުގެ ވަލުތެރޭގައި އަލިފާން ރޯކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައި --- ސަން ފައިލް ފޮޓޯ/ އަހުމަދު ޝަރުވާން

އއ. ތޮއްޑޫގެ ވަލުގެ އެކި ސަރަހައްދުތަކުގައި އަލިފާން ރޯކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ދަނޑުވެރިކަމަށް މަޝްހޫރު އަދި ފުޅާ ދާއިރާއެއްގައި ލޯކަލް ޓުއަރިޒަމް ފައްކާވަމުން އަންނަ ތޮއްޑޫގެ ވަލުގެ އެކި ސަރަހައްދުތަކުގައި އަލިފާން ރޯވާތާ ވަނީ ދުވަސްތަކެއްވެފައެވެ.

"އެކަން ކުރާ ބަޔަކު ހޯދުމަށް ފާރަލަމުން ދަނިކޮށް ގެސްޓް ހައުސްއެއް ކައިރީގައި މި އަލިފާން ރޯވަނީ. ދެން އެ ގެސްޓް ހައުސްގެ ކެމެރާ ބެލިއިރު ދެ މީހަކު އެކަން ކުރާތަން ވަރަށް ރީތިކޮށް އަރާފައިވަނީ," ތޮއްޑޫން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު 38 އަހަރާއި 52 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

"އެ ދެ މީހުންނަކީ ވެސް ރަށުގައި ދަނޑުވެރިކަން ކުރަމުން އަންނަ މި ރަށު ދެ މީހުން. ދެން މި އަލިފާން ރޯކުރަން ޖެހޭ އެއްވެސް ސަބަބެއް ހަމަ ނުވިސްނޭ," ތޮއްޑޫގައި ދަނޑުވެރިއަކު ބުންޏެވެ.

ވަލުގެ އެކި ސަރަހައްދުތަކުގައި އަލިފާން ޖެހުމުގެ ސަބަބުން އެކަމުގެ އަސަރު ކޮންމެވެސް ވަރަކަށް ބައެއް ދަނޑުބިންތަކަށް ކޮށްފައިވާއިރު, އެ ރަށަށް ޒިޔާރަތްކުރި ބައެއް ފަތުރުވެރިން ވެސް އެކަމުގެ ޝަކުވާކޮށްފައިވާ ކަމަށް ތޮއްޑޫ ގެސްޓްހައުސްއެއްގެ ވެރިއަކު ބުންޏެވެ.

comment ކޮމެންޓް