އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ވެމްކޯގައި ތަމްރީނުވާން ފުރުސަތު ހުޅުވާލައިފި

ވެމްކޯއިން 29 ޒުވާނުން ތަމްރީނު ކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ/ ވެމްކޯ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގައި ތަމްރީނުވާން ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ މި ޕްރޮގްރާމްގެ ދަށުން، ވެމްކޯއިން މީހުން ތަމްރީނު ކުރުމަށް ހުޅުވާލި ދެވަނަ ބުރެވެ. މި ބުރުގައި 16 ފުރުސަތު ހުޅުވާލާފައި ވާނެ ކަމަށް ވެމްކޯއިން މައުލޫމަތުދެއެވެ.

ވެމްކޯއިން ތަމްރީނުވާން ފުރުސަތު ހުޅުވާލި ދާއިރާތަކުގެ ތެރޭގައި، އޮޓޮމޯޓިވް މެއިންޓަނަންސް މެކޭނިކް، ސްޓޯކީޕާ އަދި ކޭޝިއަރުންގެ އިތުރުން ވެލްޑިން ޓެކްނިކްސްގެ ދާއިރާ ހިމެނެއެވެ.

މި ފުރުސަތުތަކަށް ފޯމު ހުށައެޅުމުގެ ފުރުސަތު، އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާކަމަށް ވެމްކޯއިން މައުލޫމާތުދެއެވެ.

ވެމްކޯގެ ފަރާތުން ތަމްރީނުވާ ބައިވެރިންނަށް އެލަވަންސެއްގެ ގޮތުގައި މަހަކު 5،000 ރުފިޔާ ދިނުމަށް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.

ވެމްކޯއިން ބުނީ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމު ހުށަހަޅާނީ ލިންކު (https://forms.gle/vkM2NHGbgjcx8pwF6) މެދުވެރިކޮށް ކަމަށެވެ.

މީގެ އިތުރުން، މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ނަމަ، 1456 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން މައުލޫމާތު ސާފު ކުރެވޭނެ ކަމަށް ވެމްކޯއިން ބުންޏެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ޚާއްޞަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މުއްދަތަކީ ހަ މަސްދުވަހެވެ. މި ޕްރޮގްރާމް ފުރިހަމަކުރައްވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބިގެންދާނެއެވެ.

comment ކޮމެންޓް