މާދަރީބަހާ ފެއަށް ޖެހުމުން އަހަރެމެން އެންމެންނަށް އޭގެ އަސަރު ކުރާނެ: ޔުނެސްކޯ

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުން --- ސަން ފައިލް ފޮޓޯ

މާދަރީބަހާ ފެއަށް ޖެހުމަކީ އޭގެ އަސަރު އެންމެންނަށް ކުރާނެ ކަމެށް ކަމަށާއި ބަހަވީ ސިންދަފާތު ރައްކާތެރި ކުރުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމަށް ޔުނެސްކޯގެ ޑިރެކްޓާ ޖެނެރަލް އޯޑްރީ އަޒޫލޭ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި އަޒޫލޭ ދެއްވި ޚިތާބުގައި ވިދާޅުވީ ކޮންމެ ބަހެއްގައިވެސް، އެ ބަހަކަށް ޚާއްސަ ރާގަކާއި، މުއާމަލާތު ކުރެވޭ ގޮތްތަކަކާއި އެ ބަހަކުން ވިސްނާ ވައްތަފާޅިއެއް އެކުލެވިގެންވާ ކަމަށެވެ.

"ބަހެއް ދަސްކުރުން ނުވަތަ ބަހެއް ހަނދާން ނެތުމަކީ ހަމައެކަނި މުއާމަލާތު ކުރުމުގެ ވަސީލަތެއް ލިބުމެއް ނުވަތަ ގެއްލުމެއް ނޫން. އެއީ މުޅި އާލަމެއް ފާޅުވެގެންދާ ނުވަތަ ފަނޑުވެގެންދާ ތަން ދުށުން ފަދަ ކަމެއް،" އަޒޫލޭ ވިދާޅުވިއެވެ.

ދުނިޔޭގެ ތަފާސްހިސާބަށް ބަލާއިރު، ކޮންމެ 10 ކުއްޖަކުން ހަތަރު ކުއްޖަކީ އެ ކުދިންގެ މާދަރީ ބަހުން ނުވަތަ އެ ކުއްޖާ އެންމެ ފަރިތަ ބަހުން ތަޢުލީމު ލިބުމުގެ ފުރުސަތު ނެތް ކުދިން ކަމަށް އަޒޫލޭ ވިދާޅުވިއެވެ. އެހެންކަމުން އެއީ އެކުދިން އުނގެނުމަށް އަޅާ ބިންގާ ފެށުމުގައިވެސް ހީނަރުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މަދަރުސާއަށް ދާ ފުރަތަމަ ދުވަހުން ފެށިގެން ވަރަށް ގިނަ ކުދީންގެ ތަޖުރިބާ އަކީ، އެ ކުދީން ނުދަންނަ އާ ބަހަކަށް ތައާރަފުވެ، އެ ބަހަކާ މެހިފައިވާ އާ ފިކުރުތަކާ ކުރިމަތިލުން. އެންމެ ޅަ އުމުރުއްސުރެ މުއާމަލާތު ކުރަމުން އައި ބަސް ހަނދާން ނެތުން،" އަޒޫލޭ ވިދާޅުވިއެވެ.

ބަސްބަސް ގެއްލުނަ ނުދީ ރައްކާތެރި ކުރެވިދާނެކަން ފާހަގަ ކުރައްވަމުން އަޒޫލޭ ވިދާޅުވީ މިދަފަ ކަންކަމުގެ ސަބަބުން ސަރަހައްދީ ބަހުރުވަތައް ވެސް އެންމެން ހިއްސާވާ ތަރިކައެއް ކަމަށް ހެދިދާނެ ކަމަށެވެ.

އަޒޫލޭ ވިދާޅުވީ ބަހަވީ ސިންދަފާތު ނެތެމުން ދިއުމުގެ ހިރާސް، އިންޓަނެޓުންވެސް ކުރިމަތިވާ ކަމަށެވެ. އަދި އަމިއްލަ މާދަރީ ބަސް ދޫކޮށްލުމަކާ ނުލައި ތަފާތު ބަސްތައް ހޯދައި ގަތުމުގެ ބާރު މީހުންނަށް ލިބިދުނުމަށް ޓަކައި ޑިޖިޓަލް އާލާތްތައް އެކި ބަސްބަހުން ފަރުމާ ކުރުމާއި އެ ބަސްބަހުން ވަސީލަތްތައް އުފެއްދުމަށް އެހީތެރިވުމާއި ވިއުގަތަކާ ގުޅުން އިތުރުކޮށްދިނުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަޒޫލޭ ވަނީ ބައިނަލްއަޤުވާމީ މި ދުވަހު، ބަހަވީ އަދި ސަގާފީ ސިންދަފާތު ދިފާއުކޮށް ދިނުމަށް އެންމެންނަށް ގޮވާލައްވައިފައެވެ.

comment ކޮމެންޓް