ހަންޏާމީދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ 41 ޕަސެންޓް މަސައްކަތް ނިމިއްޖެ

ހަންޏާމީދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެިން -- ފޮޓޯ/ އެމްޑަބްލިޔުއެސްސީ

އދ. ހަންޏާމީދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ 41 ޕަސެންޓު ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ފެން ޕްލާންޓް ބެހެއްޓުމަށް ހަދާ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ 70 ޕަސެންޓް މަސައްކަތާއި 4.91 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

މީގެ އިތުރުން، ބޯހޯލް ތޮރުފުމުގެ މަސައްކަތާއި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތުގެ އިތުރުން، ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން މަސައްކަތް މިހާރު ކުރަމުން ދާކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

ހަމައެއާއެކު، މި މަޝްރޫއުގެ ދަށުން، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާ ކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުމުގެ އިތުރުން، ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

ހަންޏާމީދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ ޖުމްލަ 21.7 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ.

comment ކޮމެންޓް