ކަރަންޓާއި ފެން ބިލު ނުދެއްކެނީ ފަގީރުންނަށް، ޖޫރިމަނާ ކަނޑާލަން ޖެހޭ: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) --- ފޮޓޯ/ މަޖިލިސް

ކަރަންޓާއި ފެން ފަދަ އަސާސީ ޚިދުމަތްތަކުން ނަގާ ޖޫރިމަނާތައް ކަނޑާލުމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) މިއަދު ގޮވައިލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފެނާއި ނަރުދަމާގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފައެވެ. ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވަނީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފެވެ.

ބިލަށް ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓުގެ ޚިދުމަތަކީ އަސާސީ ޚިދުމަތްތައް ކަމަށާއި އެފަދަ ޚިދުމަތަކީ ޖޫރިމަނާއެއް އޮންނަން ޖެހޭނެ އެއްޗެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ޖޫރިމަނާ އެއްކޮށް ކަނޑާލަން ޖެހޭ. އިއްޒަތްތެރި ރައީސް، ފަގީރުވީމައޭ ކަރަންޓު ބިލު ނުދެއްކެނީ. ފަގީރުވެގެން ގޭތެރޭގައި ބިލު ނުދެއްކިފައި، އަނދިރީގައި އިންނަ މީހާ ކަރަންޓު ނުވަތަ ފެން ބިލު ނުދެއްކިފައި އިންނަ މީހާ، އޭގެ ތެރޭގައި ޖޫރިމަނާ އަނެއްކާ ވެސް ދައްކަން ހިމަނައިގެން ދައްކަންވީމާ އޮންނަނީ ދަރަނިވެރިވެފައި،" ބޮންޑޭ ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން، އެ ގާނޫނާ ހިލާފުވެއްޖެ ނަމަ ޖޫރިމަނާ ކުރެވޭނެ އެންމެ ބޮޑު އަދަދަކީ ފަސް ލައްކަ ރުފިޔާއެވެ. އަަލަށް ހުށަހެޅި އިސްލާހުގައި ވަނީ މި އަދަދު އެއް މިލިއަން ރުފިޔާއަށް ބޮޑުކޮށްފައެވެ.

ބޮންޑޭ ވަނީ ހުރިހާ އަސާސީ ޚިދުމަތަކީ އެއްވެސް ޖޫރިމަނާއެއް ނުނަގާ ޚިދުމަތްތަކަށް ހެދުމަށް ގޮވައިލައްވައިފައެވެ.

ޖޫރިމަނާތައް ކަނޑާލުމަށް ބޮންޑޭ ގޮވައިލެއްވިއިރު، އޭނާއަށް ފަހު ބިލަށް ބަހުސް ކުރެއްވި މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވަނީ ޖޫރިމަނާ ކަނޑާލުމާ ދެކޮޅަށް ވާހަކަދައްކަވައިފައެވެ.

ޝަރީފް ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފުވާ މީހުންނާ މެދު ޖޫރިމަނާ ކުރުމަށް އޮންނަ އުސޫލަށް ތާއީދުކުރައްވާ ކަމަށާއި ގާނޫނާ ހިލާފުވާ މީހުންނަށް އަދަބު ދޭން ޖެހޭނެ ކަމަށެވެ.

ފެނާއި ނަރުދަމާގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ބޮޑަށް ހިމެނެނީ ޚިދުމަތް ދިނުމުގައި ގެންގުޅޭނެ މިންގަނޑުތައް ކަނޑައަޅަން ގެންނަންޖެހޭ އިސްލާހުތަކާއި ފެނާއި ނަރުދަމާގެ ނިޒާމުގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ގެންނަންޖެހޭ އިސްލާހުތައް އަދި އެ ޚިދުމަތްދޭ ފަރާތްތަކުން ޕްލޭން ކަނޑައެޅުމުގައި ގެންނަންޖެހޭ އިސްލާހުތަކުގެ އިތުރުން ގާނޫނުތަކާ ހިލާފުވާ ފަރާތްތަކަށް ދޭނެ އަދަބުތަކެވެ.

comment ކޮމެންޓް