އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެންމެފަހުން އެމެރިކާ އަލުން އެނބުރި ރުޖޫއަވަނީ

ވިއެނާގައި ކުރިޔަށްދާ އީޜާނުގެ ނިއުކްލިޔާ ވާހަކަތައް

ވިއެނާ (19 ފެބްރުއަރީ 2022) : 2015 ވަނަ އަހަރު އެކުލަވާލި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވުމާބެހޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު ވިއެނާގައި ކުރިޔަށް ގެންދާ ވާހަކަތައް ކާމިޔާބަކާ ހަމައަށްދިޔުމުގެ މަގުމަތީގައިވާ ކަމަށާ ކުރިޔަށްއޮތް ހަފްތާއެއް ނޫނީ ދެހަފްތާ ތެރޭގައި މިކަމާބެހޭ އެއްބަސްވުމަކަށް އާދެވިދާނެކަމަށް ޔޫރަޕުން ބުނެފިއެވެ.

މި ވާހަކަތަކުގައި އީރާނާއި އެމެރިކާއާ ދެމެދު މެދުވެރިއެއްގެ ބައި އަދާކުރާ ޔޫރަޕްގެ އިސް މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވުމާބެހޭ ފައިނަލް އެއްބަސްވުމުގެ ދެލިކޮޕީ މިހާރު ވަނީ އެކުލަވާލާފައެވެ. އޭގައި އެއްބަސްވުމަކަށް ނާދެވިވަނީ މަދު މައްސަލަތަކެކެވެ. މި މައްސަލަތައް ހަފްތާއެއް ނޫނީ ދެހަފްތާ ތެރޭގައި ހައްލުކުރެވި އެއްބަސްވުމުގައި ސޮއިކުރެވޭވަރުވާނެކަމުގެ އުންމީދުކުރާ ކަމަށް ނަންހާމަކުރަން ނޭދޭ ޔޫރަޕްގެ މަސްއޫލުވެރިއާ ވިދާޅުވިއެވެ.

އީރާނާއި އެމެރިކާއާ ދެމެދު ނިއުކްލިޔާ ވާހަކަތައް ކުރިޔަށްދަނީ ޔޫރަޕްގެ އިއްތިޙާދު މެދުވެރިއަކަށް ވެގެން ނުސީދާ ގޮތެއްގައެވެ. އެއީ ސީދާ ގޮތެއްގައި އެމެރިކާ އާ ވާހަކަ ދެއްކުމަށް އީރާން ދެކޮޅު ހަދާތީއެވެ. އެމެރިކާވަނީ ސީދާ ގޮތެއްގައި އީރާނާ ވާހަކަ ދައްކަން އެތައް ފަހަރަކު އެދިފައެވެ. ނަމަވެސް އެމެރިކާއިން ދަތިކުރުމުގެ ފިޔަަވަޅުތައް އުވާލުމުގެ ކުރިން އެމެރިކާއާ ސީދާ ގޮތެއްގައި ވާހަކަ ދެއްކުމަށް އީރާންވަނީ ދެކޮޅު ހަދާފައެވެ.

އަނެއްކޮޅުން ރޮއިޓާސް އިންވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވުމާބެހޭ ފައިނަލް އެއްބަސްވުމުގެ ޑްރާފްޓްގެ ބައެއް ކަމަށް ބުނެ ބައެއް ބައިތައް ހާމަކޮށްފައެވެ. ރޮއިޓާސް ބުނާގޮތުން އެ ޑްރާފްޓްގެ ބައިތައް ފޯރުކޮށްދިނީ ނަންހާމަކުރަންނޭދޭ ޔޫރަޕްގެ މަސްއޫލުވެރިއެކެވެ.

ރޮއިޓާސް އިން ހާމަކުރި ޑްރާފްޓްގައިވާގޮތުން އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ބަދަލުގައި އީރާނުންވަނީ ޔުރޭނިޔަމް ފައްކާކުރާ މިންވަރު 5 އިންސައްތައަށް ވުރެ މައްޗަށް ނުގެންދިޔުމަށް އެއްބަސްވެފައެވެ. މި އެއްބަސްވުމަށް އީރާނާއި އެމެރިކާއިން އަމަލުކުރާނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ.

ފުރަތަމަ މަރުހަލާގައި އެމެރިކާއިން ފުރުސަތު ދޭނީ ދުނިޔޭގެ އެކި ގައުމުތަކުގައި އެމެރިކާގެ ބާރުގައި ހިފަހައްޓާފައިވާ އީރާނުގެ އެތައް ބިލިޔަން ޑޮލަރެއް ދޫކޮށްލުމަށެވެ. އޭގެ ބަދަލުގައި، އީރާން އެއްބަސްވެފައިވަނީ ޖާސޫސުކުރުން ފަދަ އެކި ސަބަބުތަކާ ގުޅިގެން އީރާނުގައި ހައްޔަރުކޮށްފައިވާ އެމެރިކާގެ ރައްޔިތުން މިނިވަން ކޮށްދިނުމަށެވެ.

ދެވަނަ މަރުހަލާގައި އީރާނުގެ ތެލާއި ގޭސް އެއްވެސް ދަތިކަމާނުލައި ވިއްކުމާއި ގަތުގެ މުއާމަލާތްތައް ކުރުމުގެ ފުރުސަތު އެމެރިކާއިން ދޭނެއެވެ. މީގެ ބަދަލުގައި އީރާން ކުރަންޖެހޭ ކަމަކީ ޔުރޭނިއަމް ފައްކާކުރާ މިންވަރު 60 އިންސައްތައިން ފަސް އިންސައްތައަށް ދަށްކުރުމެވެ. ފަސް އިންސައްތައަކީ ކަރަންޓް އުފެއްދުމަށާއި އެނޫންވެސް މަދަނީ ބޭނުންތަކަށް ނިއުކްލިޔާ ހަކަތަ ބޭނުންކުރެވޭ މިންވަރެވެ. މިއީ ބައިނަލްއަގްވާމީ ގާނޫނުގައި ކޮންމެ ގައުމަކަށްވެސް ލިބިދީފައިވާ ހައްގެކެވެ. މިހާރު އީރާނަކީ 60 އިންސައްތައަށް ޔޫރޭނިއަމް ފައްކާކުރާ ގައުމެކެވެ.

އީރާނުގެ ނިއުކްލިޔާ އެއްބަސްވުން ވުޖޫދަށް އައީ 2015 ވަނަ އަހަރު އޭރުގެ އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައެވެ. ނަމަވެސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އޭނާގެ ސަރުކާރުންވަނީ މި އެއްބަސްވުމާ ޚިލާފަށް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އަޅައި އަދި 2018 ވަނަ އަހަރު އެ އެއްބަސްވުމުން އެކަހެރި ގޮތެއްގައި ވަކިވެފައެވެ.

މިކަމަށް ރައްދު ދިނުމުގެ ގޮތުން އީރާންވަނީ ނިއުކްލިޔާ އެއްބަސްވުމުގެ 95 މާއްދާ ތަކާ ޚިލާފުވެފައެވެ. މީގެތެރޭގައި 60 އިންސައްތައަށް ޔޫރޭނިއަމް ފައްކާކުރަން ފެށުމާއި ނިއުކްލިޔާ ސެންޓްރިފިއުޖް މެށިންތަކުގެ އައު ޖީލެއް އުފައްދަން ފެށުމާއި ފަރުބަދަތަކުގެ އަޑީގައި ނިއުކްލިޔާ އިތުރު ފެސިލިޓީތައް އަލުން ގާއިމް ކުރަން ފެށުމާއި އީރާނުގެ ނިއުކްލިޔާ ހަރަކާތްތައް ބަލައި ފާސްކުރުމުގެ ފުރުސަތު ނުދިނުމާއި ސިއްރު ހަރަކާތްތައް ހިންގުން ހިމެނެއެވެ.

މިކަމުގެ ސަބަބުން އީރާނަށްވަނީ ކުރިން ލިބިފައިނުވާ ނިއުކްލިޔާ އެތައް ކުރިއެރުންތަކާއި ތަޖްރިބާތައް ލިބިފައި ކަމަށާ އަދި އީރާންވަނީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމާ ދާދިގާތަށް ގޮސްފައި ކަމަށް ބުނެ އެމެރިކާ ވަނީ އެއްބަސްވުމުން ވަކިވުމަށް ޓްރަޕް ނިންމި ނިންމަކީ ވަރަށް ނުރައްކާތެރި ނިންމުމެއް ކަމަށް ސިފަކޮށްފައެވެ.

ނިއުކްލިޔާ ވާހަކަތަކުގައި އީރާނުގެ އަތުން ދޫ ހޯދުމަށް އެމެރިކާއާއި އިސްރާއީލުން އީރާނަށް ބޮޑެތި ބިރުތަކެއް ދެއްކިއެވެ. އިންޒާރުތަކެއް ދިނެވެ. ނަމަވެސް އެބިރު ތަކަށް އީރާންވަނީ ނުގުޑާފައެވެ. އިރާންވަނީ ހަނގުރާމަ ފަށައިފިނަމަ އެކަމުގެ ހިތި ނަތީޖާއާ އެމެރިކާވެސް އަދި އިސްރާއީލުވެސް ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރުދީ އީރާނުގެ އަސްކަރީ ޓެކްނޮލޮޖީގެ ބާރާއި އީރާނުން ހަތިޔާރު ތަރައްގީކޮށްފައިވާ މިންވަރު ދައްކާލާފައެވެ.

ނަތީޖާއަކަށްވީ ބާރުގެ ބޭނުންކޮށްގެން އީރާނުގެ ކުރިމަތީގައި ހާސިލް ކުރެވޭނެ މާބޮޑު އެއްޗެއް ނޯންނާނެކަމާއި ސުލްވެރިކަމާއެކު ނޫނީ ކަމެއް ހާސިލް ނުކުރެވޭނެކަން އެމެރިކާއަށް އެނގިގެން ދިޔުމެވެ. އަދި އަފްޣާނިސްތާން ހަނގުރާމައިން އެމެރިކާއަށް ލިބުނު ވަރުގަދަ ފިލާވަޅު ހަނދާންވެގެން ދިޔުމެވެ. ހަނގުރާމައެއް ފެށި ނަމަވެސް ފަރުބަދަ ތަކުގެ އަޑީގައިވާ އީރާނުގެ ނިއުކްލިޔާ ހުރިހާ ރިއެކްޓާރުތަކާއި ލެބޯޓްރީތައް އެއްކޮށް ހަލާކުކޮށްލެވޭނެކަމުގެ ގެރެންޓީ އެމެރިކާއަށް ނެތުމެވެ. އަދި އީރާނަކީ ރައްދު ދެވޭވަރުގެ ގައުމެއްކަން އެމެރިކާއަށް ގަބޫލުކުރެވުމެވެ.

އީރާނުގެ ނިއުކްލިޔާ ވާހަކަތަކުގައި އެއްބަސްވުމަކަށް އައުމަށް އެމެރިކާއަށް މަޖްބޫރުވި މައިގަނޑު ސަބަބުތަކަކީ މިއީ ކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނުގެ ނިއުކްލިޔާ ހަރަކާތްތައް ހުއްޓުވަން އެމެރިކާއާއި އިސްރާއީލަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރާއިރު އެމެރިކާއާކި ދުނިޔޭގައި އެންމެ ގިނައިން ނިއުކްލިޔާ ހަތިޔާރު އުފައްދާ އެއްގައުމެވެ. ފަލަސްތީނުގެ ބިމަށް ވެރިވެ ގަނެގެން އުޅޭ އިސްރާއީލަކީވެސް ިސއްރިޔާތުގައި ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވާ ގައުމެކެވެ.

comment ކޮމެންޓް