ކޯޓުތަކަށް ނުފޫޒު ފޯރުވާތީ، ޔާމީންގެ ޝަރީއަތް ދެފުށް ފެންނަ ގޮތަށް ގެންދިޔުމުގައި ބޮޑެތި ގޮންޖެހުން އެބަހުރި: ޖަމީލް

ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހްމަދު -- ސަން ފޮޓޯ/ ފަަޔާޒު މޫސާ

ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ މައްޗަށް ވެރިކަމުގައި ތިއްބެވި ފަރާތްތަކުގެ ނުފޫޒާއި ބާރު ފޯރާތީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާ ގުޅޭ އެއްވެސް ޝަރީއަތެއް މިނިވަންކަމާއި ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް "ސަން"އަށް މިފަދައިން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރިއަތް ލައިވް ނުކުރެވިގެން އުޅޭ މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ، ޑރ. ޖަމީލް ވިދާޅުވީ ކޯޓުތަކުގެ ދޮރުން އެތެރެއަށް ރާއްޖޭގެ ވެރިކަމުގައި ތިއްބެވި ފަރާތްތަކުގެ ނުފޫޒު ވަންނަކަމުގެ ތުހުމަތާއި އިހްސާސް ކުރެއްވޭތީ ބިރުފުޅުގަންނަ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ސީރިއަސްކޮށް ތުހުމަތު ކުރެވޭ ކޯޓުގެ މައްޗަށް ވެރިކަމުގައި ތިއްބެވި ފަރާތުގެ ނުފޫޒު އެބަ ވަދޭ. މި ވާހަކަ ލިޔުއްވާ. ހަމަ ސީދާ އަޅުގަނޑުގެ ބިރެއް އެބައޮތް ކޯޓަށް ސަރުކާރުގެ ތެރެއިންނާއި ދައުލަތުގެ އެހެން ފަރާތްތަކުން ވެރިކަން ކުރާ ޕާޓީގެ ފަރާތްތަކުގެ ބިރު ވަރަށް ބޮޑަށް ކޯޓަށް އެބައޮތޭ ކުރިމަތިވެފައި،" ޑރ. ޖަމީލް ވިދާޅުވިއެވެ.

އެމަނިކުފާނު ތުހުމަތު ކުރެއްވީ ޖޭއެސްސީގައި ރައީސް ނަޝީދު އެ ހުންނަވަނީ ކޯޓުތަކުގައި ހިންގާ ޝަރިއަތްތަކަށް ނުފޫޒު ފޯރުވަން ކަމަށެވެ. އަދި ވިދާޅުވީ ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލު ކުރުމަކީ ސަރުކާރުގެ ވައުދެއްކަން ވެސް މިއަދު ހަނދާން ނެތިއްޖެއެވެ.

"އަސްލު ތަހުޒީބު ނިޒާމަކަށް މި ބޭފުޅުންވީ ވައުދު، އަޅުގަނޑު ހަމަ ހިތާމަ ކުރަން އިނގޭތޯ އޭތި 'ކާޕެޓް' ދަށަށް ލައްވައިފި މިއަދު. މިއަދު ހަމަ ބޭނުންވަނީ މުޅި ޖުޑީޝަރީގެ ކޮންޓްރޯލް ނަގަން،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޝަރީއަތްތައް ލައިވް ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ އެއީ ހުރިހާ ގޮތަކުން ބެއްޔަސް އެކަމުގެ ފައިދާ ބޮޑު ކަމެއް ކަމަށެވެ. އަދި ވީހާވެސް ބޮޑަކަށް ދެފުށް ފެންނަ ގޮތަށް ޝަރިއަތްތައް ކުރުމަކީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ ދަށުން ލާޒިމުވާ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ކުރިން ހިންގި ރައީސް ޔާމީންގެ ޝަރިއަތްތަކާ ގުޅުވައިގެން ކޯޓުން ވަނީ އެ ޝަރީއަތްތައް ލައިވް ކުރުމުގެ އުސޫލެއް ކަނޑައަޅާފައެވެ. އެ އުސޫލުގައި ބުނަނީ ރައްޔިތުން ކަންބޮޑުވާ އެބާވަތުގެ މައްސަލަތަކުގައްޔާއި އަދި ރައްޔިތުންގެ ފައިސާ ހިމެނޭ މައްސަލައަކަށް ވާތީ އެފަދަ މައްސަލަތައް ކުރިއަށް ގެންދާނީ ލައިވް ކޮށްގެން ކަމަށެވެ.

ކޯޓުން ކަނޑައެޅި އެ އުސޫލާބެހޭ ގޮތުން ޑރ. ޖަމީލް ވިދާޅުވީ އެފަދަ އުސޫލެއް ކަނޑައަޅާފައި އޮތްއިރު، އެ އުސޫލުގެ ބޭރުން ރައީސް ޔާމީންގެ ޝަރިއަތް ގެންގޮސްގެން ނުވާނެ ކަމަށެވެ.

"އަވަސް އަރުވާލައިގެން އެކަން ނުކޮށް މި ޝަރިއަތް ކުރިއަށް ގެންދިޔައީމަ، އަޅުގަނޑުގެ މި ބަސް ބޭނުން ކުރައްވާތި. އަޅުގަނޑަށް މީގައި "ސަސްޕިޝަންސް"ތަކެއް އެބައުފެދޭ. "ދެއާ އިޒް ސަމްތިން ޓު ހައިޑް،"

ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށް ފުރިހަމަ އިތުބާރު އެބަ އޮތްކަން ހާމަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު، ފަނޑިޔާރުންނަކީ ވެސް ބައެއްގެ ނުޒޫފުގައި ނުޖެހި، މިނިވަންކަމާއެކު ތިއްބެވި ބޭފުޅުންކަން މުޅި ދުނިޔޭގެ ކުރިމަތީގައި ސާބިތުކޮށްދެއްވަން އެބޭފުޅުން ވެސް މިއަދު ބޭނުންފުޅު ވާނެ ކަމަށެވެ.

"މިނިވަން ގޮތެއްގައި ޝަރިއަތް ހިންގައިފި ނަމަ ރައީސް ޔާމީނަށް އިންސާފު ލިބޭނެކަމާމެދަކު އެއްވެސް ޝައްކެއް ނެތް. ނިކަން ބައްލަވާ އެމްއެމްޕީއާރުސީގެ ނަމުގައި ދުއިސައްތަ ތިންސަތޭކަ އެތަކެއް ކޭހެއް ހުރިއިރު ވައި އޮންލީ ރައީސް ޔާމީން؟ ވައި ނޮޓް އަދާސް؟ ކޮބާ އެހެން މީސްމީހުން،؟ ޑރ. ޖަމީލް ވިދާޅުވިއެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ މިނިވަންކަމާއި އިންސާފުވެރިކަމުގެ ތަރާދުން ރައީސް ޔާމީންގެ މައްސަލަ ކިރައިފި ނަމަ ބަރުވާނީ އެމަނިކުފާނާ އެއްކޮޅަށް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގައި ވެސް މިނިވަން ފަނޑިޔާރުން ތިއްބަވާނެ ކަމާމެދަކު އެއްވެސް ޝައްކެއް ހިތުގައި ނުހިނގާ ކަމަށެވެ.

"އެ މައްސަލަ ބެލުން އެހެން ގޮތަށް ބަދަލުނުވާހާ ހިނދަކު ގަބޫލު ކުރަނީ ރައީސް ޔާމީނަށް އިންސާފު ލިބޭނެ ކަމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މުޅިއެކު ދެ ދައުވާއެވެ. އެގޮތުން އާރަށު މައްސަލައިގައި އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.

comment ކޮމެންޓް