ފުރަތަމަ ދުޅަވާން ފެށީ ފައިގެ ކުޑަހުޅު، ސިހުން ލިބުނީ ކިޑްނީ ފެއިލްވެފައިވާކަން އެނގުމުން!

އަލީ ޝަރީފް: ކިޑްނީ ޓްރާންސްޕްލާޓް ކުރަން އެދެނީ އެހީއަށް --

އެހެން މީހުންނެކޭ އެއްފަދައިން އަލީ ޝަރީފް ވެސް ދިރިއުޅުމަށް ގިނަ އުންމީދުތަކެއް ކުރިއެވެ. އެ އުންމީދަކީ އުފާވެރި ދިރިއުޅުމެއް އުޅުމެވެ.

އޭނާ ކޮންމެ ދުވަހަކުމެ މަސައްކަތް ކުރަމުން ދިޔައީ އެ ހުވަފެނުގައި ކުލަ ޖައްސާށެވެ. އުފަން ރަށް، ނ. މާފަރާއި މާލެއާ ދެމެދު ދުއްވާ މާފަރު ބޯޓުގައި އޭނާ މަސައްކަތް ކުރަމުން ދިޔައީ ވަރުބަލިކަމެއް ނެތިއެވެ.

އެއްވެސް ކަހަލަ ބަލިކަމެއް އޭނާގެ ކިބައިން ފެންނާކަށް ވެސް ނުހުރެއެވެ. އޭނާއަށް އެފަދަ އިހުސާސެއް ނުވެސް ކުރެވެއެވެ.

ބޯޓުގައި މަސައްކަތް ކުރަން އުޅުނު ދުވަސްވަރު އަލީގެ ފައިގެ ކުޑަހުޅު ދުޅަވާން ފެށިއެވެ. އެހެން ނަމަވެސް އެއީ މާ ބޮޑުކަމެއް ކަމަށް ނުދެކި އޭނާ އަޅައި ނުލައި ހުރީއެވެ.

"ވަރަށް ބޮޑަށް ތަދުވެސް ވި. ހިނގަން ވެސް އުނދަގޫވާ ވަރަށް. އެއް ދުވަހު ދުޅަވެފަ ހުރެފަ އަނެއް ދުވަހު ހޭލާއިރު ހުރެދާނެ ރަނގަޅުވެފަ،" އަލީ ކިޔައިދިނެވެ.

އެކަމާ ގުޅިގެން މާ ބޮޑު ހާސްކަމެއް އަލީގެ ނެތެވެ. މާލޭގައި ހުރެފައި ރަށު ކޮޅަށް ގޮސް، ފަޔަށް ތަދުވަނީއޭ ހިތާ އެޅީ ދިވެހިބޭސްގަނޑެކެވެ.

އެކަމަކު ދިވެހިބޭސް އަޅައިގެން ވެސް ފައި ރަނގަޅު ވާ ގޮތެއް ނުވިއެވެ. އެހެން ކަމުން ނ. މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން އޭނާ ދިޔައެވެ.

މަނަދުއަށް ގޮސް ހެދި ޓެސްޓުތަކުން ދެއްކި ގޮތުގައި އަލީގެ ކިޑްނީ ރަނގަޅަށް މަސައްކަތެއް ނުކުރެއެވެ. އެކަން ވީ އޭނާއަށް ވެސް، ޑޮކްޓަރަށް ވެސް ގަބޫލުކުރަން ދަތި ކަމަކަށެވެ.

"މަނަދުއަށް ގޮސްފަ ޓެސްޓު ހަދާފަ ފުރަތަމަ ޑޮކްޓަރަށް ވެސް ގަބޫލުނުކުރެވުނު ނަތީޖާ ރަނގަޅު ކަމަކަށް. އަނެއްކާ ދެވަނަ ފަހަރަށް ރިޕީޓް ކުރީ އެ ނަތީޖާ. ދެން ވަގުތުން މާލެ އައިސް އޭޑީކޭއަށް ދެއްކީ،" އަލީ ކިޔައިދިނެވެ.

އޭޑީކޭގައި ހުންނެވި ޑޮކްޓަރު ވެސް ވިދާޅުވީ ކިޑްނީ ރަނގަޅަށް ފަންކްޝަން ނުކުރާ ކަމަށެވެ. ކިޑްނީ ހުންނަން ޖެހޭ ސައިޒަށް ވުރެ ކުޑަ ކަމަށެވެ. އަދި ލޭގައި ވެސް އިންފެކްޝަން ހުރި ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް އެކަން ގަބޫލުކުރުން އަލީއަށް ވީ ދަތިކަމަކަށެވެ. އެހެންކަމުން އަނެއްކާ ވެސް ސެންޓްރަލް މެޑިކަލް ކްލިނިކުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކިއެވެ. އެ ޑޮކްޓަރު ވެސް ވިދާޅުވީ ކިޑްނީ ރަނގަޅަށް ފަންކްޝަން ނުކުރާ ކަމަށެވެ.

"އެ ޑޮކްޓަރު ދިނީ ސިޓީއެއް. އެ ސިޓީ ހިފައިގެން ގޮސް އައިޖީއެމްއެޗްގެ ޔޫރޯ ސެންޓަރަށް ދައްކާށޭ ބުނީ. ދެން އެތަނަށް ގޮސް ދެއްކީމަ އެ މީހުން ހުރިހާ ޓެސްޓެއް ހަދައިދީފަ އެތަނުން ބުނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމޭ ނުވަތަ ޑައިލިސިސް ހެދުމޭ އޮތީ،" އަލީ ޝަރީފް ކިޔައިދިނެވެ.

ހަފްތާއަކު ތިން ފަހަރު އަލީ މިހާރު ޑައިލިސިސް ހަދައެވެ. އޭނާއަށް ﷲގެ ތަނަވަސް ރަހުމަތްފުޅާއެކު މިހާރު ކިޑްނީ ހަދިޔާ ކޮށްދޭނެ މީހަކު ވެސް ވަނީ ލިބިފައެވެ.

ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ރާއްޖޭން ބޭރަށް ގޮސް އަށް މަސް ދުވަހު އެ ކޮޅުގައި މަޑުކުރަން ޖެހެއެވެ. އެއީ ގިނަ ހަރަދުތަކެއް ހިނގާނެ ކަމެކެވެ.

"އާސަންދައިން އަޅުގަނޑުމެންނަށް މި ލިބެނީ ހަމައެކަނި ބޭސްފަރުވާ. އޭގެ އިތުރަށް އެބަދޭ ހުރުމަށާއި ކެއުމަށާ،" އަލީ ކިޔައިދިނެވެ.

އުމުރުން 36 އަހަރުގައި ކިޑްނީ ފެއިލްވުމުން އަލީއަށް ކުރަން ޖެހިފައިވާ ހިތާމަތައް ބޮޑެވެ. އޭނާގެ ވަޒީފާ މިހާރު ގެއްލިފައިވާއިރު އޭނާގެ ތިން ދަރިން ބެލުން ހަވާލުކޮށްފައިވަނީ އާއިލާގެ ތިން މީހަކާއެވެ.

ރާއްޖޭން ބޭރަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ދާން އަލީ ބޭނުންވަނީ އާއްމުންގެ ދީލަތި އެހީތެރިކަމެވެ.

އެކައުންޓު ނަންބަރު: 7720511185101

އެކައުންޓު ނަން: އަލީ ޝަރީފް

މި ދަތި އުނދަގޫ ދަަނޑިވަޅުގައި މާފަރުގެ ރައްޔިތުންގެ ފަރާތުން ގިނަ އެހީތަކެއް ލިބެމުން އަންނަ ކަމުގައި އަލީ ފާހަގަކުރިއެވެ. އަދި އެކަމަށް އޭނާ ޝުކުރުވެރިވާކަމުގައި ބުންޏެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވެވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

comment ކޮމެންޓް