ނިއުޒިލެންޑުގައި މުޒާހަރާ ރޫޅައިލުމަށް ފުލުހުން ޖެހީ "ބޭބީ ޝާކް" އާއި "ލެޓް އިޓް ގޯ"

ނިއުޒިލެންޑުގައި ކޮވިޑް-19 އުސޫލުތަކާ ދެކޮޅަށް މުޒާހަރާކުރަމުންދާ މީހުން އެ ގައުމުގެ ގާނޫނުހަދާ މަޖިލީސް ސަރަހައްދުން ދުރުކޮށް، މުޒާހަރާ ރޫޅާލުމަށް ފުލުހުން ލަވަ ޖަހަން ފަށައިފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ނިއުޒިލެންޑުން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން މުޒާހަރާކުރަން ފެށީ ކެނެޑާގައި 'ފްރީޑަމް ކޮންވޯއި'ގެ ނަމުގައި ބޮޑު އިހުތިޖާޖެއް ފެށުމާއެކު އެއިން ހިތްވަރު ލިބިގެންނެވެ.

ނިއުޒިލެންޑުގައި ކުރަމުންދާ މުޒާހަރާތައް ރޫޅާލުމަށް އެ ގައުމުގެ ފުލުހުން ބޭނުންކޮށްފައިވާ އުކުޅަކީ ފޯރިގަދަ ލަވަތައް ޖެހުމެވެ. އެގޮތުން މަޝްހޫރު "ބޭބީ ޝާކް' ލަވައާއި، ފްރޯޒެންގެ "ލެޓް އިޓް ގޯ" ލަވަ ޖަހާފައި ވެއެވެ.

ނަމަވެސް ލަވަ ޖެހުމުން މުޒާހަރާ ރޫޅޭގޮތް މެދުވެރިއެއް ނުވިއެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ އެ ލަވަތައް ބާރަށް ކިޔައި، މުޒާހަރާގެ ފޯރި އިތުރަށް ގަދަކޮށްފައެވެ.

ނިއުޒިލެންޑު ފުލުހުންގެ މި އުކުޅު އެންމެ ފައިދާކުރަނިވި ގޮތަކަށް ބޭނުންނުކުރެވުނު ނަމަވެސް ގިނަ ބަޔަކު ބުނި ގޮތުގައި މީގެ ސަބަބުން އެ ސަރަހައްދުގައި ފައްސި މާހައުލެއް ގާއިމުކުރެވުނެވެ.

comment ކޮމެންޓް