ޖޭއެސްސީ އިސްލާހު ކުރަން ހުށަހެޅީ ފަނޑިޔާރުގެ "ފުށްގަނޑެއް ހެން" މޮޑެނުލެވޭތީ: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) --- ފޮޓޯ/ މަޖިލިސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރަން ކަމަށް ބުނެ ބިލު ހުށަހަޅައިގެން އުޅެނީ "ފުށްގަނޑެއްހެން" ފަނޑިޔާރުގެތައް މޮޑެ ނުލެވޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ސިޔާސީ މީހުންނަށް ޖޭއެސްސީގައި ނުތިބެވޭ ގޮތަަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ހުށަހެޅި މައްސަލައިގެ އިބްތިދާއީ ބަހުސް ވަނީ މިއަދު ފަށައިފައެވެ.

މި ބިލަށް ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ ޖޭއެސްސީއަކީ ފަނޑިޔާރުގެތަކަށް ފާރަވެރިވާ ކޮމިޝަނެއް ކަމަށްވާއިރު، އެ ތަނުގައި ފަނޑިޔާރުން އެބަ ތިއްބެވި ކަމަށެވެ.

"ތިން ކޯޓުގެ ތިން ފަނޑިޔާރުން އެބަތިބޭ ސުލޫކީ މައްސަލަ ބަލަން. ދެން އެހެންވީމާ އުފެދޭ ސުވާލަކީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން، ހިނގަމުންދާ ފަނޑިޔާރުގެތަކުގެ ފަނޑިޔާރުން ތިބީމާ ސުލޫކީ މައްސަލަ އެބަ ބެލޭތޯ،" ބޮންޑެ ވިދާޅުވިއެވެ.

މެންބަރު ތޯރިގް ހުށަހެޅުއްވީ ޖޭއެސްސީއިން ސިޔާސީ ބާރު ކަނޑުވަން ކަން ފާހަގަކުރައްވައި ބޮންޑޭ ވިދާޅުވީ ދިމާވެގެން އުޅޭ ހަގީގީ މައްސަލައަކީ މިހާރު "ފުށްގަނޑެއްހެން" ފަނޑިޔާރުގެތައް މޮޑެ ނުލެވުން ކަމަށެވެ.

"ފަނޑިޔާރުގެ ފުށްގަނޑެއްހެން މޮޑެއެއް ނުލެވޭ މިހާރު، ފަނޑިޔާރުންނެއް ނުގަނެވޭ މިހާރަކު، ފަނޑިޔާރަކު ގަނެފި ކަމަށް ވަންޏާ އެ މައްސަލަ ބަލައި ފިޔަވަޅު އަޅާ،" ބޮންޑޭ ވިދާޅުވިއެވެ.

ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކަވައިފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޖޭއެސްސީގައި އިންނަވައިގެން އެ ތަނަށް ނުފޫޒު ނުފޯރާ ކަން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށް މެންބަރުން ވިދާޅުވިއެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ ރައީސް ނަޝީދުގެ ޖޭއެސްސީގައި އިންނަވާއިރު، އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ މައްސަލަތައް ނުނިމެނީ ކީއްވެތޯ ސުވާލުކުރައްވައިފައެވެ.

"ނާޒިމް އަބްދުއްސައްތާރު ވަކާލާތު ކުރެއްވި ވަރަށް ގިނަ މައްސަލަތަކުގައި އެ ބޭފުޅާއަށް ލޫޒް ވެގެން ދިޔަ ތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔަ، ނުފޫޒެއް ނުފޯރުއްވާ، އެހެންވީމާ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ފަނޑިޔާރުގެތައް ދުވަހުން ދުވަހަށް އިސްލާހު ވަމުން ދާ މަންޒަރު،" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ހަމައެހެންމެ ފަނޑިޔާރުގެ އިސްލާޙު ވަމުން ދާ ދަނޑިވަޅެއްގައި، މިފަަދަ ބިލެއްގެ ސަބަބުން އެ މަސައްކަތަށް ހުރަސް އެޅިގެން ދާ ކަމަށް ވެސް މެންބަރު މުހައްމަދު ރަޝީދު ތުހުމަތުކުރައްވައި، ބިލު ހުށަހެޅުއްވި މެންބަރުގެ ނިޔަތާ މެދު ވަނީ ސުވާލު އުފައްދަވައިފައެވެ.

"އަޅުގަނޑު ހިތަށް އަރާ އެ ބޭފުޅުންގެ ލީޑަރު، ރައީސް ޔާމީނަށް މިއަދު އިންސާފު ލިބިގެން ދާތަން ފެނިގެންދާތީ، އިންސާފު ލިބި ނުދިނުމަށް ޓަކައި ކުރެވެމުންދާ މަސައްކަތެއްގެ ގޮތުގައި ވެސް އަޅުގަނޑަށް މިއަދު ސިފަ ވެގެން އެބަދޭ،" ބިލަށް ފާޑުވިދާޅެ، މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް