އެމްއެންޔޫއެސްޔޫގެ "ކޮންމެ ކުއްޖަކަށް ވެސް ވާހަކަދެއްކޭނެ" ޕްރޮގްރާމް ބަނޑިދޫގައި ފަށައިފި

ދ. ބަނޑިދޫގައި "ކޮންމެ ކުއްޖަކަށް ވެސް ވާހަކަދެއްކޭނެ" ޕްރޮގްރާމްގެ ތެރެއިން --

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ "ކޮންމެ ކުއްޖަކަށް ވެސް ވާހަކަދެއްކޭނެ" ޕްރޮގްރާމް ދ. ބަނޑިދޫގައި އިއްޔެ ފަަށައިފިއެވެ.

މި ޕްރޮގްރާމަކީ އެމްއެންޔޫއެސްޔޫއިން 2017ވަނަ އަހަރު ފެށި ޕްރޮގްރާމެކެވެ. ބަނޑިދުއަކީ މި އަހަރު މި ޕްރޮގްރާމް ކުރިއަށް ގެންދާ ފުރަތަމަ ރަށެވެ. މީގެ ކުރިން 10 ރަށެއްގައި މި ޕްރޮގްރާމް އެމްއެންޔޫއެސްޔޫއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެމްއެންޔޫއެސްޔޫގެ އެޑްވައިޒަރީ ބޯޑް މެންބަރު އަދި ޕްރޮގްރާމް ކޯޑިނޭޓަރު އަލީ އަމީރު "ސަން"އަށް ބުނީ މި ޕްރޮގްރާމަކީ ވާހަކަދެއްކުމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.

އަމީރު ވިދާޅުވީ ބަނޑިދޫގައި މި ޕްރޮގްރާމް ހިންގަނީ ބަނޑިދޫ ކައުންސިލާއި ބަނޑިދޫ ސުކޫލް އަދި އެމްއެންޔޫއެސްޔޫ ގުޅިގެން ކަމަށެެވެ.

ބަނޑިދޫގައި ބާއްވާ މި ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ވާހަކަ ދެއްކުމުގެ ފަންނުން އާންމު ޚިދުމަތުގެ އިނާމު ހާސިލުކުރައްވައިފައިވާ މުހައްމަދު ނަޝީދު (ކާނަލް)އެވެ.

"ކޮންމެ ކުއްޖަކަށް ވެސް ވާހަކަދެއްކޭނެ" ޕްރޮގްރާމުގައި ކާނަލް ކިޔަވައިދެއްވަނީ --

އަމީރު އިތުރަށް ވިދާޅުވީ މި ފުރުސަތަކީ ރާއްޖޭގައި ކޮންމެ ސުކޫލަކަށް ވެސް ހުޅުވައިލެވިފައި އޮތް ފުރުސަތެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގައި ކިޔަވައިދެއްވާ މުދައްރިބުން ކިިޔަވައިދެއްވަނީ މުޅިން ހިލޭ ސާބަހަށް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"އެ ބޭފުޅުން މިކަން ކޮށްދެއްވަނީ ގައުމީ ޚިދުމަތެއްގެ ގޮތުގައި ވާހަކަދެއްކުމުގެ ފަންނަށް އޮތް ލޯތްބެއްގެ ބޮޑުކަމުން،" އަމީރު ވިދާޅުވިއެވެ.

ބަނޑިދޫ ކައުންސިލްގެ ރައީސް މުހައްމަދު މޫސާ "ސަން"އަށް ވިދާޅުވީ މި ޕްރޮގްރާމުގައި އެ ރަށުގެ 99 ދަރިވަރުން ބައިވެރިވިކަމަށެވެ.

މުހައްމަދު ވިދާޅުވީ މި ޕްރޮގްރާމު ކުރިއަށް ގެންދާ މައިގަނޑު ސަބަބަކީ ކައުންސިލްގެ މެންޑޭޓުގެ ތެރޭގައި ދިވެހިބަސް ހިމާޔަތްކުރުމާއި ރައްކާތެރިކުރުން ހިމެނޭތީ ކަމަށެވެ.

"މީގެ ކުރީގެ ތަޖުރިބާތަކަށް ބަލާއިރު ބައެއް ދަރިވަރުން ވަރަށް ޖެހިލުންވޭ ޕޯޑިއަމްތަކުގައި ވާހަކަ ދައްކަން. ވާހަކަ ދެއްކުމުގެ ހުނަރު ދަރިވަރުންގެ އިމްޕްރޫވް ކުރަން ޖެހޭ ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" މީގެ ކުރިން 18 އަހަރު ސުކޫލުގައި މަސައްކަތް ކުރެއްވުމަށްފަހު ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި މުހައްމަދު ވިދާޅުވިއެވެ.

"ކޮންމެ ކުއްޖަކަށް ވެސް ވާހަކަދެއްކޭނެ" ޕްރޮގްރާމްގެ ތެރެއިން --

މުހައްމަދު ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންނަށް ފައިދާކުރާާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެ ފިލާވަޅުތަކުގެ ސަބަބުން ދަރިވަރުންގެ ޖެހިލުން ކުޑަވެ ވާހަކަދެއްކުމުގެ ޝައުގުވެރިކަން އިތުރުވާނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މި ޕްރޮގްރާމް މި ފަހަރު ބަނޑިދޫގައި ހިންގަނީ ބައިނަލްއަގްވާމީ މާދަރީބަހުގެ ދުވަހާ ގުޅުވައިގެންނެވެ. މި ޕްރޮގްރާމް މި މަހު 10ވަނަ ދުވަހުން ފަށައިގެން 14ވަނަ ދުވަހާ ހަމައަށް އެ ރަށުގައި ހިންގާނެއެވެ.

comment ކޮމެންޓް