ޕީސީބީގެ ރައީސަކަށް އާސިމަށް ރުހުން ދިނުމަށް އާންމުންގެ ހިޔާލު ހޯދަނީ

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސްކަށް އައްޔަންކުރި އާސިމް މުހައްމަދު--

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފައިވާ އާސިމް މުހައްމަދަށް ރުހުން ދިނުމުގެ މައްސަލައިގައި، އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވައިލައިފިއެވެ.

ޕީސީބީގެ ރައީސްކަމަށް ޢާސިމް އައްޔަންކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުއެވެ.

ޕީސީބީގެ ރައީސަކަށް ޢާސިމް މުޙައްމަދަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ފޮނުއްވީ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއަށެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އޭނާއަށް ރުހުން ދިނުމުގައި އާންމުންގެ އެއްވެސް ޝަކުވާއެއް އޮތް ނަމަ ހުށަހެޅުވުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމައިފައެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ވަނީ އާސިމާމެދު އެއްވެސް ޝަކުވާއެއްވާނަމަ، މި މަހުގެ 15 ވަނަ ދުވަހުގެ 11:00 ގެ ކުރިން، ޝަކުވާ ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ޝަކުވާއެއް ކޮމިޓީގެ އީމެއިލް އެޑްރެސް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުއިދިނުމަށް އެދިފައެވެ.

ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނި ތަކުގެ ކަންކަން ބެލެހެޓުމުގެ ޒިންމާ މަތިކޮށްފައި އޮންނަ މިނިވަން ވުޒާރާ، ޕީސީބީގެ ރައީސްގެ މަގާމަށް މިހަކު އައްޔަންކޮށްފައި މިވަނީ އެ މަގާމު ހުސްވެފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށެވެ.

ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އެ ބޯޑުގެ ރައީސްކަމުގައި ކުރިން ކުރެއްވީ ހަސަން ވަހީދުއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ އިސްތިއުފާ ދެއްވީ މިނިވަން މާހައުލެއްގައި މަސައްކަތް ކުރެވޭނެ ފުރުސަތު ނެތް ކަމަށް ވިދާޅުވެއެވެ.

ހަސަން ވަހީދު އިސްތިއުފާ ދެއްވުމުގެ ފަސް ދުވަސް ކުރިން މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް އޭނާ ވަނީ ހާޒިރުކޮށްފައެވެ.

ޕިސީބީ ބޯޑަކީ 2013 ވަނަ އަހަރު އުފައްދައިފައިވާ ބޯޑެކެވެ. ބޯޑު އުފައްދައިފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުުމުގެ ގާނޫނުގެ ދަށުންނެވެ. މި ބޯޑުގެ ރައިސް އާއި ރައީސް އައްޔަން ކުރެވޭނީ ރައީސުލް ޖުމްހޫރިއްޔާގެ ރުހުމާ އެކުގައެވެ.

މިހާރު މި ބޯޑުގައި ރައީސް އާއެކު ތިއްބަވަނީ ހަ މެންބަރުންނެވެ. ރައިސް ހަސަން ވަހީދުގެ އިތުރުން މެންބަރުންގެ ގޮތުގައި ތިއްބަވަނީ އައިޝަތު ޝާޒްލީ، ރުޝާހާ އަހުމަދު ޝަރީފް، އަލީ ޝަފީއު، އަލީ ޝުޖާއު އަދި އަހުމަދު ޝަރީފް ޔޫސުފެވެ.

comment ކޮމެންޓް