ހިތަދޫގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ފަތިސްވާން ކައިރިވެފައިވަނިކޮށް

އައްޑޫ ސިޓީ ހިތަދޫ މާކިޅީގައި ރޯވި އަލިފާންގަނޑު-- ފޮޓޯ/ ސޯޝަލް މީޑިއާ

އައްޑޫ ސިޓީ ހިތަދޫ މާކިޅީގައި ރޯވި އަލިފާންގަނޑު ރޭ ފަތިސްވާން ކައިރިވެފައިވަނިކޮށް ނިއްވައިލައިފިއެވެ.

އަލިފާންގަނޑު ނިއްވާލެވުނީ ރޭ މެންދަމުންއަލިވެ 4:00ގައެވެ. އަލިފާންގަނޑު ނިއްވައިލެވުނު ނަމަވެސް އެ ސަރަހައްދު އެމްއެންޑީއެފުން އަންނަނީ މޮނިޓާ ކުރަމުންނެވެ.

އަލިފާން ރޯވީ އިއްޔެ ހަވީރު 16:20ހާއިރު ހިތަދޫ ސްޓޭޑިއަމް ބިއްދޮށުގައި ވަލުގައެވެ. އަލިފާންގަނޑު ކޮންޓްރޯލްނުވެ ވަލުގެ ބޮޑު ސަރަހައްދަކަށް އަލިފާން ފެތުރުނެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ރޭ "ސަން"އަށް ވިދާޅުވީ އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރިފައިވާކަމަށާއި، ރޯވެފައިވާ ސަރަހައްދަކީ ޗަސް ބިންތަކެއް ހިމެނޭ ތަނެއްކަމުން ނިއްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ.

ރޯވީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައިކަމަށް ވިޔަސް ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުންނަށް މިކަމުގެ މާބޮޑު އުނދަގޫތަކެއް އަދި ކުރިމަތިނުވާކަމަށް އޭނާ އޭރު ވިދާޅުވިއެވެ.

"އަދި ހޮސްޕިޓަލަށް ޒިޔާރްކުރާ ފަރާތްތަކުން މާބޮޑެތި ޝަކުވާ ތަކެއް ކޮށްފައެއްނުވޭ. ދުމުގެ އުނދަގޫވާތީ އަދި އުޅެނީ،" ނިޒާރު ވިދާޅުވިއެވެ.

އަލިފާން ރޯވި ސަބަބެއް އަދިވެސް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް