ހިތަދޫގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްނުވެ ފެތުރެނީ

އައްޑޫ ސިޓީ ހިތަދޫ މާކިޅީގައި ރޯވި އަލިފާންގަނޑު-- ފޮޓޯ/ ސޯޝަލް މީޑިއާ

އައްޑޫ ސިޓީ ހިތަދޫ މާކިޅީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްނުވެ ފެތުރެން ފަަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު މިރޭ "ސަން" އަށް ވިދާޅުވީ ހަވީރު 4:20 ހާއިރު ރޯވި އަލިފާންގަނޑު އަދިވެސް ނިއްވާލެވިފައި ނުވާކަމަށެވެ. އަދި ފުލުހުންނާއި ސިފައިންގެ އިތުރުން އެއާޕޯޓް ފަޔާ އެންޑް ރެސްކިއު ސާވިސްއިން އަލިފާން ނިއްވުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށް މޭޔަރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ އަލިފާން ގަނޑު ވަރަށް ބޮޑަށް ފެތުރިފައިވާކަމަށާއި، ރޯވެފައިވާ ސަރަހައްދަކީ ޗަސް ބިންތަކެއް ހިމެނޭ ތަނެއްކަމުން ނިއްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ.

ރޯވެފައިވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައިކަމަށް ވިޔަސް ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުންނަށް މިކަމުގެ މާބޮޑު އުނދަގޫތަކެއް އަދި ކުރިމަތިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި ހޮސްޕިޓަލަށް ޒިޔާރްކުރާ ފަރާތްތަކުން މާބޮޑެތި ޝަކުވާ ތަކެއް ކޮށްފައެއްނުވޭ. ދުމުގެ އުނދަގޫވާތީ އަދި އުޅެނީ،" ނިޒާރު ވިދާޅުވިއެވެ.

ނަމަވެސް ރައްޔިތުންގެ ރައްކާތެރިކަމަށް ސަމާލުކަންދިނުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. މިހާރުވެސް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިވުމަށް އަންގަމުންދާކަމަށް މޭޔަރު ނިޒާރު ވިދާޅުވިއެވެ.

އެސަރަހައްދުގައި އަލިފާން ރޯވި ސަބަބު އަދި ކަށަވަރުވެފައި ނުވާއިރު އައްޑޫގެ ގުޅިފައިވާ ރަށްތަކުން ވަނީ ކަރަންޓުގެ ހިދުމަތްވެސް މެދުކެނޑިފައެވެ.

comment ކޮމެންޓް