ކެލާގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހއ. ކެލާގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ހއ. ކެލާގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދޫކުރި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ އެ މަޝްރޫއުގެ މަސައްކަތް ކުރަނީ އެ ގައުމުގެ ވިޝްވަރާޖް އެންވާރަމެންޓަލް ކޮންސަލްޓެންސީންނެވެ.

މި މަޝްރޫއާ ގުޅިގެން ކެލާ ކައުންސިލުގެ ކަންބޮޑުވުންތަކެއް "ސަން" އާ ވަނީ ހިއްސާކޮށްފައެވެ. ކައުންސިލުގެ ރައީސް އަބްދުﷲ އިންފާޒް ވިދާޅުވީ އެ މަޝްރޫއަށް އެގްޒިމް ބޭންކުން ހަދާފައިވާ ޓޮޕޮގްރަފީ ސާވޭއިން ގިނަ މައްސަލަތަކެއް ފާހަގަވެފައިވާ ވާކަމަށެވެ.

"ޓޮޕޮގްރަފީ ސާވޭގަ އަޅުގަނޑުމެނަށް ފާހަގަކުރެވޭ ބައެއް މުހިންމު ކަންކަމަކީ 2012 ވަނަ އަހަރުން ފެށިގެން ދޫކޮށްފަހުރި ބައެއް ބަންޑާރަގޯތިތައް ހިމެނިފައެއްނެތް. ދެން އަދި މިހާރު މީހުން ދިރިއުޅޭ ބައެއް ގޯތިތަކާ ބައެއް ކްލަބް ޖަމިއްޔާތަކާ ބައެއް އޮފީސްތައްވެސް މެޕުކުރެވިފަކާ ނެތް އެ ސާވޭގައެއް،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކެލާ ކައުންސިލް އިދާރާއިން ހަދާފައިވާ ސާވޭއާ އެ ކުންފުނިން ހަދާފާވާ ސާވޭގެ އިންޗި މާކުތައް ދިމާނުވާކަމަށެވެ. މިކަމާ ގުޅިގެން މި ޓޮޕޮގްރަފީގެ ސައްހަކަން ޔަގީންކޮށްދިނުމަށް މިނިސްޓްރީގައި އެދިފައިވާނެކަމަށް ވެސް އިންފާޒް ވިދާޅުވިއެވެ.

"މިކަމާ ގުޅިގެން އޮންލައިން މީޓިންއެއް ބާއްވަން ކައުންސިލުން މިނިސްޓްރީގައި އެދިފައިވާނެ. އެއިން އެއްވެސް ކަމަކަށް ޖަވާބެއް ނުލިބޭ،" އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ހދ. ވައިކަރަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް އިއްޔެ ވަނީ ފަށައިފައެވެ.

comment ކޮމެންޓް