ގްރާންޑޭ ބަލިކޮށް ސަސް ސެމީއަށް، މާޒިޔާ ކަޓައިފި

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ދަ ގްރާންޑޭއާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޔޫތު ޗެމްޕިއަންޝިޕުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބް (ސަސް) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ސަސް އިން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ސަސް އިން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުން ސަސް މޮޅުވުމާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. މި ގުރޫޕްގެ އެއް ވަނަ ކުލަބް އީގަލްސްއަށް ލިބުނީ މިއަދު ހަވީރު ކުޅުނު މެޗުން މޮޅުވެ ޖުމުލަ 10 ޕޮއިންޓް ހޯދައިގެންނެވެ. މިރޭގެ މޮޅާއެކު ސަސްއަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ވަނީ ލިބިފައެވެ. ހަތަރު މެޗުން މާޒިޔާއަށް ލިބުނީ ހަތް ޕޮއިންޓެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ދަ ގްރާންޑޭއާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިރޭގެ މެޗުގެ 20 ވަނަ މިނެޓުގައި ސަސްގެ ސާލިފް ހުސެއިން ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އިޝްއާފް މުހައްމަދު ފިރާގު ނަގައިދިން ހުރަހަކުން އޭރިޔާ ތެރޭގައި ހުސްކޮށް ހުރެ ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ސަސްގެ އަހުމަދު އައިހަމް ވަނީ އިތުރު ލަނޑެއް ޖަހައި ސަސްގެ ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑު އައިހަމް ޖެހީ އެޓީމަށް ލިބުނު ކޯނަރަކުން ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅައިންނެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. މެޗުގެ 25 ވަނަ މިނެޓުގައި ވިޝާހު އަބްދުލް މަޖީދު ވަނީ ސަސްގެ ތިން ވަނަ ލަނޑު ޖަހައިދީފައެވެ. ސަސްގެ އަހުމަދު ޖުމާން އޭރިއާ ތެރެއަށް ބޯޅައާ އެކު ވަދެ ހުސްކޮށް ހުރި ވިޝާހުއަށް ޖައްސާލި ބޯޅަ އޭނާ ފޮނުވާލީ ގޯލުގެ ދުރު ކަނަށެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ދަ ގްރާންޑޭއާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދެވަނަ ހާފު ފަށައިގެން ވެސް ރަނގަޅަށް ކުޅެމުން ދިޔައީ ސަސް އެވެ. ދެ ވަނަ ހާފުގައި ސަސް އިން ވަނީ ގާތް ގާތުގައި ދެ ލަނޑު ޖަހާފައެވެ. މެޗުގައި އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ 58 ވަނަ މިނެޓުގައި ވިޝަހު އަބްދުލް މަޖީދުއެވެ. މި ގޯލަކީ އޭނާ ފޮނުވާލި ބާރު ހަމަލާއަކުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ 60 ވަނަ މިނެޓުގައި ސަސްގެ ފަސް ވަނަ ލަނޑު ޖަހައިދިނީ އަލީ ޝިފާޒު ހަބީބުއެވެ. އެއީ ސަސްއަށް ލިބުނު ކޯނަރެއްގައި ޖުމާނު ނަގައިދިން ބޯޅައެއް ގޯލުގެ ކަނަށް ފޮނުވާލައިގެން ޝިފާޒް ކާމިޔާބު ކުރި ގޯލެކެވެ.

ސަސްގެ ހަ ވަނަ ލަނޑު ޖަހައިދިނީ މެޗުގެ 84 ވަނަ މިނެޓުގައި މުތާއު މުހައްމަދެވެ. ގްރާންޑޭގެ ގޯލު އޭރިޔާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ގަރާންޑޭގެ ކީޕަރަށް މަތަކުރެވޭނެ މާ ބޮޑު ގޮތެއް ނުވިއެވެ. މި ނަތީޖާއާއެކު ސަސް އިން މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ހޯދިއެވެ. މިއީ ޔޫތު މުބާރާތެއްގައި އަލަށް ވާދަކުރާ ސަސްއަށް ރަނގަޅު ކާމިޔާބެކެވެ.

މުބާރާތުގެ ފައިނަލް މެޗު މި މަހުގެ 13 ވަނަ ދުވަހުގައި ކުޅުމަށް ތާވަލްކޮށްފައިވާއިރު، ފައިނަލް މެޗު ކުޅުމަށް މަސައްކަތްކުރަނީ ފ. ނިލަންދޫ ޓާފު ދަނޑުގައެވެ.

comment ކޮމެންޓް