އަޑުބަރޭގެ މައްސަލައަކީ ސިޔާސީކަމެއް، ކުޅިވަރަކާ ނުގުޅުވޭނެ: ކުޑަ ހީނާ

އަސްހަދު އަލީ (އަޑުބަރޭ) -- ފޮޓޯ/ އެފްއޭއެމް

މިއަދު ޖަލު ހުކުމެއް އިއްވި ތަޖުރިބާކާރު މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ޖަލަށްލުމަކީ ސިޔާސީ ކަމެއް ކަމަށާއި، އެކަމާ ކުޅިވަރަކާ އެއްވެސް ގުޅުމެއް ނެތްކަމަށް ވެލެންސިއާގެ އެސިސްޓެންޓް ކޯޗް އިސްމާއިލް އާސިފް (ކުޑަ ހީނާ) ބުނެފިއެވެ.

މި ސީޒަނުގައި އަޑުބަރޭ ކުޅެމުން އަންނަނީ ވެލެންސިއާއަށެވެ. ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕް ވެލެންސިއާއަށް ކާމިޔާބު ކޮށްދިނުމުގައި ވެސް އޭނާ ވަނީ ބޮޑު ދައުރެއް އަދާކޮށްފައެވެ.

އަޑުބަރޭއަށް ޖަލު ހުކުމެއް އިއްވުމާ ގުޅިގެން އޭނާ އަށް ޓީމުގެ ޕްރެކްޓިސްތަކާއި ކުޅުމުގައި ބައިވެރިނުވެވޭނެތީ، އެކަމުން ޓީމަށް އެއްވެސް އަސަރެއް ކުރާނެތޯ "ސަން" އިން ސުވާލު ކުރުމުން ކުޑަ ހީނާ ބުނީ އެއީ ސިޔާސީ ކަމެއް ކަމަށެވެ. އަދި އެހެންވެ އެކަމަށް ކޮމެންޓެއް ކުރުމަށް އޭނާ އުޒުރުވެރިވިއެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ އަޑުބަރޭ ވެލެންސިއާއަށް މުހިންމު ކުޅުންތެރިއެއްތޯ އާއި އޭނާ ނެތްތަން ފޫބެއްދޭނެތޯ ސުވާލުކުރުމުން ކުޑަހީނާ ބުނީ އޭނާ (އަޑުބަރޭ)އާ ބެހޭ ގޮތުން އެއްޗެއްް ބުނަންވާނީ އޭނާ ފުޓުބޯޅަ ކުޅެން އަރާ ހުންނަ ވަގުތުގައިކަމަށެވެ. ސިޔާސީ ކަމެއްގައި އޭނާ (ކުޑަހީނާ) ކޮމެންޓެއް ކުރުމަކީ އޭނާ ކުރާނެ ކަމެއް ނޫންކަމަށެވެ.

ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕް ވެލެންސިއާއަށް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި އަޑުބަރޭ ޖަލަށް ލުމަށް މިއަދު ހުކުމް ކުރި އިރު، މި މަހުގެ 16ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގު ފެށުމަށްވެސް އޮތީ ތާވަލްކޮށްފައެވެ.

އަޑުބަރޭއަކީ ރާއްޖޭގެ ބޮޑެތި ހުރިހާ ކުލަބަކަށް ކުޅެ، ބައެއް ޓީމުތަކުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ. ވިކްޓްރީ، މާޒިޔާ، ނިއު ރޭޑިއެންޓް، ކުލަބް ގްރީން ސްޓްރީސް ފަދަ ކުލަބުތަކަށް އޭނާ ކުޅެފައިވެއެވެ.

comment ކޮމެންޓް