އަސްހަދު ހޯދަން ކަރެކްޝަންސްއިން ފުލުހުންގެ ކިބައިން އެދިއްޖެ

ގައުމީ ީޓމުގެ ކެޕްޓަނަކަށް ހަަމަޖެއްސި އަސްހަދު އަލީ--ސަންފޮޓޯ/ ފަޔާޒް މޫސާ

ޖިންސީކުށުގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފޮނުވައިލުމުގައި ޖާމިނުވި، ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީއަށް 15 ދުވަހުގެ ޖަލުހުކުމެއް އިއްވިއިފައިވާއިރު އޭނާ ހޯދުމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން ފުލުހުންގެ ކިބައިގައި އެދިއްޖެއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އަސްހަދުގެ މައްޗަށް ޖަލުހުކުމެއް އިއްވާފައިވާއިރު އޭނާ ހުރި ތަނެއް ނޭންގޭ ކަމަށެވެ. އަދި މިހާރު ފުލުހުންނަށް އަސްއަދު ހޯދުމަށް އެދިފައިވާކަމަށް ވެސް އޭނާ ވިދާޅުވެފައެވެ.

އެހެންނަމަވެސް "ސަން"އަށް ވަނީ އޭނާ އިނގިރޭސި ވިލާތުގައި ހުރިކަން ކަށަވަރުވެފައެވެ. އަސްހަދުގެ އާއިލާގެ ބޭފުޅަކު "ސަން"އަށް ވިދާޅުވީ އޭނާ މިވަގުތު ރާއްޖޭގައި ނޫޅޭކަމަށާއި، ރާއްޖޭން ބޭރަށް ދިޔަތާ ދުވަސްކޮޅެއް ވެފައިވާކަމަށެވެ.

ރާއްޖެއިން ބޭރުގައި ހުރުމުން އޭނާއަށް ހުކުމް އިއްވަން މިއަދު ބޭއްވި އަޑުއެހުމަށް ވެސް އަސްހަދު ހާޒިރު ނުވެއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ, އަސްހަދު ކޯޓަށް ހާޒިރުނުވުމަށް މަގުބޫލު އުޒުރެއް ދައްކާފައި ނުވާ ކަމަށެވެ. އެހެންކަމުން އޭނާގެ އެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ގާޒީ ވިދާޅުވިއެވެ.

ކޯޓުން ދިން މުހަލަތުގެ ދެތެރޭގައި އަލީ ވަހީދު ހާޒިރު ކުރުމަށް އަސްހަދު ކޮށްފައިވާ މަސައްކަތެއް އެނގެން ނެތްކަން ގާޒީ ފާހަގަކުރެއްވިއެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާއެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ 2020ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އެ އަމުރު މުރާޖަޢާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.

ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ, ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހުއެވެ. ޑޮކްޓަރު ވިދާޅުވީ، ރާއްޖެއިން އެ އޮޕަރޭޝަން ކޮށްފި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ.

ޑޮކްޓަރުގެ ވާހަކަތަކަށް ފަހު ދައުލަތުން ވަނީ އަލީ ވަހީދު ބޭސްފަރުވާއަށް ފޮނުވަން ކުރި އިއުތިރާޒު ދޫކޮށްލައިފައެވެ.

އަލީ ވަހީދު ފުރުން މަނާކުރުމުގެ އަމުރު ބާތިލް ކުރީ އޭނާއަށް ޖާމިނުވާނެ ފަރާތެއް ހުށަހަޅާފައި ވާތީއެވެ. ޖާމިނުވި ފަރާތަކީ އަޑުބަރޭއެވެ.

އަޑުބަރޭ ޖާމިނުވެފައި ވަނީ، ނުވަތަ ކޯޓަށް ޔަގީންކަން ދީފައި ވަނީ ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށެވެ.

އެއާއެކު އަލީ ވަހީދު ވަނީ ލަންޑަނަށް ގޮސްފައެވެ.

ނަމަވެސް ހަތަރު މަސް ހަމަވެގެން ދިޔައިރު ވެސް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ. އެއާއެކު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަނީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ.

އަލީ ވަހީދު 72 ގަޑިއިރު ތެރޭގައި ކޯޓަށް ހާޒިރު ނުވެއްޖެނަމަ އޭނާގެ މައްޗަށް ޖާމިނުވި އަޑުބަރޭއަށް ފިޔަވަޅު އަޅަން ކުރިމިނަލް ކޯޓުން ނިންމި ފަހުން މަހަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު