އަސްހަދަށް ހުކުމް ކުރިއިރު އޭނާ ހުރީ ލަންޑަނުގައި

އަސްހަދު އަލީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޖިންސީކުށުގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފޮނުވައިލުމުގައި ޖާމިނުވި، ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީއަށް 15 ދުވަހުގެ ޖަލުހުކުމެއް އިއްވިއިރު އޭނާ ހުރީ އިނގިރޭސި ވިލާތުގެ ލަންޑަނުގައި ކަން ކަށަވަރުވެއްޖެއެވެ.

އަސްހަދުގެ އާއިލާގެ ބޭފުޅަކު "ސަން" އަށް ވިދާޅުވީ އޭނާ މިވަގުތު ރާއްޖޭގައި ނޫޅޭކަމަށާއި، ރާއްޖޭން ބޭރަށް ދިޔަތާ ދުވަސްކޮޅެއް ވެފައިވާކަމަށެވެ.

އަސްހަދުގެ ދަރިފުޅުގެ ސްނެޕްތަކުން ވެސް އޭނާ މިވަގުތު އިނގިރޭސި ވިލާތުގައި ހުރިކަން ވަނީ ހާމަވެފައެވެ. މީގެ އިތުރުން ޔޫތު މިނިސްޓްރީގެ އިސް ބޭފުޅަކު "ސަން"އަށް ވިދާޅުވީ އަސްހަދު އޮފީހަށް ނުނިކުންނަތާ މިހާރު ހައެއްކަ ދުވަސް ވެފައިވާކަމަށެވެ.

ރާއްޖެއިން ބޭރުގައި ހުރުމުން އޭނާއަށް ހުކުމް އިއްވަން މިއަދު ބޭއްވި އަޑުއެހުމަށް ވެސް ހާޒިރުވެވޭގޮތް ވަނީ ނުވެފައެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ, އަސްހަދު ކޯޓަށް ހާޒިރުނުވުމަށް މަގުބޫލު އުޒުރެއް ދައްކާފައި ނުވާ ކަމަށެވެ. އެހެންކަމުން އޭނާގެ އެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ގާޒީ ވިދާޅުވިއެވެ.

ކޯޓުން ދިން މުހަލަތުގެ ދެތެރޭގައި އަލީ ވަހީދު ހާޒިރު ކުރުމަށް އަސްހަދު ކޮށްފައިވާ މަސައްކަތެއް އެނގެން ނެތްކަން ގާޒީ ފާހަގަކުރެއްވިއެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާއެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ 2020ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އެ އަމުރު މުރާޖަޢާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.

ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ, ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހުއެވެ. ޑޮކްޓަރު ވިދާޅުވީ، ރާއްޖެއިން އެ އޮޕަރޭޝަން ކޮށްފި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ.

ޑޮކްޓަރުގެ ވާހަކަތަކަށް ފަހު ދައުލަތުން ވަނީ އަލީ ވަހީދު ބޭސްފަރުވާއަށް ފޮނުވަން ކުރި އިއުތިރާޒު ދޫކޮށްލައިފައެވެ.

އަލީ ވަހީދު ފުރުން މަނާކުރުމުގެ އަމުރު ބާތިލް ކުރީ އޭނާއަށް ޖާމިނުވާނެ ފަރާތެއް ހުށަހަޅާފައި ވާތީއެވެ. ޖާމިނުވި ފަރާތަކީ އަޑުބަރޭއެވެ.

އަޑުބަރޭ ޖާމިނުވެފައި ވަނީ، ނުވަތަ ކޯޓަށް ޔަގީންކަން ދީފައި ވަނީ ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށެވެ.

އެއާއެކު އަލީ ވަހީދު ވަނީ ލަންޑަނަށް ގޮސްފައެވެ.

ނަމަވެސް ހަތަރު މަސް ހަމަވެގެން ދިޔައިރު ވެސް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ. އެއާއެކު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަނީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ.

އަލީ ވަހީދު 72 ގަޑިއިރު ތެރޭގައި ކޯޓަށް ހާޒިރު ނުވެއްޖެނަމަ އޭނާގެ މައްޗަށް ޖާމިނުވި އަޑުބަރޭއަށް ފިޔަވަޅު އަޅަން ކުރިމިނަލް ކޯޓުން ނިންމި ފަހުން މަހަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު