ފެމިލީ ކޯޓުގައި މިއަދު ވަރިއާ ގުޅޭ 17 މައްސަލަ

ފެމިލީ ކޯޓްގެ ކޯޓް ރޫމެއްގައި ވަކީލަކު މަޑުކޮށްލައިގެން-- ފޮޓޯ: ފެމިލީ ކޯޓް

ފެމިލީ ކޯޓުގައި މިއަދު ވަރިއާ ގުޅޭ 17 މައްސަލަ ބަލަން ހަމަޖެހިފައި ވާކަމަށް އެ ކޯޓުގެ މިއަދުގެ ތާވަލުން ދައްކައިފިއެވެ.

ފެމެލީ ކޯޓުން ފުރަތަމަ ބަލާ މައްސަލައަކީ ވެސް ވަރިއާ ގުޅުންހުރި މައްސަލައެކެވެ.

މިއަދު ފެމިލީ ކޯޓުގައި 39 ކައިވެނި ކުރުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

އެ ކޯޓުގެ މިއަދުގެ ތާވަލުން ދައްކާ ގޮތުގައި، ވަރިކުރުމަށް އެދޭ ތިން މައްސަލަ އަކާއި ވަރިވުމަށް އެދޭ ނުވަ މައްސަލައެއްގެ އިތުރުން ފަސް ވަރިއެއް ސާބިތުކުރަން މިއަދު ތާވަލް ކުރެވިފައިވެއެވެ.

މީގެ އިތުރުން ސުލްހަ ކުރުމުގެ މައްސަލައެއް ވެސް މިއަދު އެ ކޯޓުގައި ތާވަލު ކުރެވިފައިވެއެވެ.

މިއަދަކީ(02.02.2022) މި އަހަރު ތެރޭގައި އަންނަ ރީތި ތާރީހުތަކުގެ ތެެެރެއިން ފާހަގަކޮށްލެވޭ ތާރީހެކެވެ. ރީތި ތާރީހުތަކުގައި ކައިވެނި ކުރުމަކީ ދިވެހީން އާއްމުކޮށް ކުރާ ކަމެކެވެ. އެފަދަ ތާރީހުތަކުގައި އަބަދުވެސް ފެމިލީ ކޯޓުން ގިނަ އަދަދަކަށް ކައިވެނިކޮށްދެއެވެ.

ފެމިލީ ކޯޓުގެ ރަސްމީ ގަޑީގައި މިއަދު 15 ކައިވެންޏެއް ކުރާއިރު ނުރަސްމީ ގަޑީގައި ހަ ކައިވެނި ކުރާނެއެވެ. އަދި ކޯޓުން ބޭރުގައި 11 ކައިވެންޏެއް ކުރަން ވަނީ ހަމަޖެހިފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިއަދާއާ ދިމާކޮށް ކައިވެނި ހަފްލާ ބާއްވާ ގިނަ ތަންތަން ވަނީ މިހާރު ބުކްކޮށްފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ރީތި ތާރީހެއްކަމަށްވާ 21.12.2021ގައި ފެމިލީ ކޯޓުން ވަނީ 57 ކައިވެނި ކޮށްދީފައެވެ. އެއީ މިދިޔަ އަހަރު އެންމެ ގިނަ ކައިވެނި ކުރި ދުވަހެވެ.

comment ކޮމެންޓް