ގާންދީގެ ފަރާތުން ހިތްވަރު ލިބިގެން، "އިންޑިއާ އައުޓް" މަނާކުރާ ގާނޫނާ ދެކޮޅަށް ނުކުންނަންޖެހޭ: ޑރ. ޖަމީލް

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކާނިވާ ސަރަހައްދުގައި ބޭއްވި "އައްޑަނަ" ޖަލްސާގައި ޑރ.ޖަމީލް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

އިންޑިއާގެ ބާނީ މަހާތުމާ ގާންދީ ސޯލްޓު މާޗަށް ނުކުންނެވި ފަދައިން، "އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް މަޖިލީހަށް ވައްދަން އުޅޭ ގާނޫނާ ދެކޮޅަށް ދިވެހިން ނުކުންނަން ޖެހޭކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް "ސަން"އަށް ވިދާޅުވީ އިންޑިއާގެ މިނިވަންކަމަށްޓަކައި މަހާތުމާ ގާންދީ ނުކުންނެވި އިރު އެގައުމުގެ ހާލަތު އޮތް ގޮތާއި ދިވެހިންގެ މިއަދުގެ ހާލަތު މާ ތަފާތު ނޫން ކަމަށެވެ. އަދި މަޖިލީހަށް ވެއްދުމަށް އެމްޑީޕީން މަސައްކަތް ކުރާ ބިލަކީ ދިވެހީންގެ އަސާސީ މިނިވަންކަން ނިގުޅައިގަނެވޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ބިލެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މަހާތުމާ ގާންދީ ވިދާޅުވި ފަދައިން، ބޭރުގެ ބައެއް އައިސް އަހަރެމެން އުޅެންވީ ގޮތް ކިޔައިދީ، އަހަރެމެންގެ މިނިވަންކަމަށް އަރައިގަތުމަކަށް ޖާގަ ދީގެން ނުވާނެޔޭ. އެބަސް ބުނެވެން ޖެހޭނެ. އެއީ އަސާސީ މިނިވަންކަމުގެ އެންމެ ކުޑަ މިންވަރު،" ޑރ. ޖަމީލް ވިދާޅުވިއެވެ.

މި އަމަލުން އެމްޑީޕީ އަކީ މިނިވަންކަމާއި އިންސާނީ ހައްގުތަކަށް އެއްވެސް ވަރަކަށް އިހްތިރާމް ކުރާ ޕާޓީއެއް ނޫންކަން ހާމަވެއްޖެ ކަމަށާއި، މިއީ އެ ޕާޓީގެ އަސްލު ސޫރަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދުގެ މި އަމަލުތަކުން އެމްޑީޕީގެ އަސްލު ކުލަވަރު މި ދައްކާލީ. އަސްލު އެމްޑީޕީ މި އެކްސްޕޯސް ވީ. އެމްޑީޕީއަކީ ޑިމޮކްރަޓިކް ހަމަތައް ހިފަހައްޓާ ޕާޓީއެއް ނޫން. ރައްޔިތުންގެ އެންމެ އަސާސީ ހައްގުތަކަށް ވެސް އިހުތިރާމް ކުރާ ބައެއް ނޫން،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ނޫ ގާނޫނޫއަސާސީ އޮތް އިރު ހިޔާލުފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަން ގެއްލުވާލައިފައި އޮތްކަން ފާހަގަ ކުރައްވަމުން ޑރ. ޖަމީލް ވިދާޅުވީ މިއަދު ވެސް އެކަން އެހެން އޮތް ނަމަ އެމްޑީޕީއަށް ވަރަށް ރަނގަޅުވީސް ކަމަށެވެ.

"އޭރު ވަކި ގޮތަކަށް ވާހަކަދެއްކީމަ ކުށެއް. ތިން މީހުންނަށް ވުރެ ގިނަ މީހުން އެއްވެއްޖެއްޔާ ކުށެއް. ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ގޮތުން ބޭނުން ވާހަކައެއް ނުދެއްކޭނެ. ވަޒީރުންނާ ބެހޭ ގޮތުން ބޭނުން އެއްޗެއް ނުކިޔޭނެ. އެމްޑީޕީން އަމާޒުހިފާފައި ހުރީ އަނެއްކާ ވެސް އެ ދިމާލަށް ދާންވެގެން،" އެމަނިކުފާނު ވިދާޅުވިއެވެ.

މި ވެރިކަމަކީ މިހާރު ހުދުމުހުތާރު ކަމަށް މިސްރާބު ޖަހާފައިވާ ވެރިކަމެއް ކަމަށާއި، މި ބިލުން ވެސް ހާމަވަނީ ސަރުކާރުން ބާރުތަކަށް ފެން ބޮވައިގެންފައިވާ މިންވަރު ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަބަދުވެސް ދަންނަވަމުން މިއަންނަނީ އެމްޑީޕީގެ ހަގީގަތަކީ މިއީއޭ. އެމްޑީޕީއަކީ ހުދުމުހުތާރު، ބާރުތަކަށް ފެންބޮވައިގެންފައިވާ. ރައްޔިތުންގެ ހައްގުތަކަށް އިހްތިރާމް ނުކުރާ ޕާޓީއެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ހާރިޖީ ގުޅުންތަކަށް ބުރޫއަރާހެން ވާހަކަދައްކާ މީހުންނަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާ ބިލެއް އެމްޑީޕީން މަޖިލީހަށް ވައްދަން އުޅޭކަން ހާމަވީ މިއަދުއެވެ. އެއާއެކު އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

comment ކޮމެންޓް