ބާރަށުގެ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް އިންޑިއާ ކުންފުނިން ފަށައިފި

ހއ. ބާރަށުގައި ފެނާއި ނަރުދަމާގެ އަމާލީ މަސައްކަތް ފަށައިގެން ކުރިއަށްގެންދަނީ-- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސީލިޓީގެ ދަށުން ކުރިއަށްގެންދާ ހއ. ބާރަށުގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ބާރަށު ކައުންސިލްގެ ރައީސް ޞަފްޢަތު މުހައްމަދު "ސަން"އަށް މިރޭ ވިދާޅުވީ އެ މަޝްރޫއުގެ ތެރެއިން ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ އިންޑިއާގެ ވިޝްވަރާޖް އެންވާރަމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކަމަށެވެ. އެ މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ ސައިޓް ތައްޔާރު ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޞަފްޢަތު ވިދާޅުވީ އެ ރަށަށް ފެނުގެ ދަތިކަން މިހާރު ވަނީ ވަރަށް ބޮޑަށް ދިމާވެފައިކަމަށެވެ.

އެގޮތުން އެ ރަށުގައި ބޭނުންކުރާ ފެނުގައި ވަރަަށް ބޮޑަށް ނުބައި ވަސް ދުވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަލަށް އާބާދުވި ސަރަހައްދުގައި ވަޅުން ނަގާ ފެން ފެންވަރަން ވެސް ބޭނުން ކުރަން އުނދަގޫ. ކުރީގެ ފާތައް ހުރި ސަރަހައްދަކަށް ވީމަ ވަރަށް ބޮޑަށް ފެން ވަނީ ތަޣައްޔަރު ވެފަ،" ޞަފްޢަތު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެ ރަށުގެ ނަރުދަމާގެ ނިޒާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހު އަހަރު ގާއިމްކުރަން ފެށި މަސައްކަތެއް ކަމަށެވެ. މަޝްރޫއު އެއްކޮށް ނިންމާލިއިރު ބައެއް މަސައްކަތްތައް ނުނިމި ހުރުމުގެ ސަބަބުން އަލުން މަސައްކަތް ފެށީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނަރުދާމާގެ މަސައްކަތް ނިންމި އިރު މަޝްރޫއުގައި ހިމެނޭ ބައެއް މަސައްކަތް ހުރި ނުނިމި. އެހެންވެ މިހާރު އަޅުގަނޑުމެން މިދަނީ ފެނަކައާ ހަވާލުކޮށްގެން މަސައްކަތް ކުރަމުން،" ޞަފްޢަތު ވިދާޅުވިއެެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސީލިޓީގެ ދަށުން ރާއްޖޭގެ އިތުރު 34 ރަށެއްގައި މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް