ހަ ބިލިއަން އެމެރިކާ ޑޮލަރުގެ އެސެޓްތަކާއެކު ޓާޓާ ކުންފުންޏަށް "އެއާއިންޑިއާ" ލިބިއްޖެ

އިންޑިއާގެ ބަނގުރޫޓްވެފައިވާ ގައުމީ އެއާލައިން "އެއާއިންޑިއާ" ކުންފުންޏާ އެގައުމުގެ ޓާޓާ ކުންފުނިން އިއްޔެވަނީ ހަވާލުވެފައެވެ.

ޓާޓާ ކުންފުނިން "އެއާއިންޑިއާ" އާ ރަސްމީކޮށް ހަވާލުވީ "ޓާޓާ ސަންސް" އިން "އެއާއިންޑިއާ" ގެ 100 ޕަސެންޓް މިދިޔަ އޮކްޓޯބަރު މަހު ގަތުމާ ގުޅިގެންނެވެ. "ޓާޓާ ސަންސް" އިން "އެއާއިންޑިއާ" ގެ 100 ޕަސެންޓް ހިއްސާ ގަތީ 180 ބިލިއަން ރުޕީސް (2.4 ބިލިއަން އެމެރިކާ ޑޮލަރު)އަށެވެ. މި ވިޔަފާރި ކުރިއަށްދިޔައީ ބީލަމުގެ އުސޫލުން ޓާޓާ ކުންފުނިން ބީލަން ކާމިޔާބު ކޮށްގެންނެވެ. "ޓާޓާ ސަންސް" ގެ ފަރާތުން "އެއާއިންޑިއާ" އާ އިއްޔެ ހަވާލުވީ އެކުންފުނިން ހިންގާ އެހެން ކުންފުންޏެއްކަމަށްވާ "ޓެލޭސް ޕްރައިވެޓް ލިމިޓެޑް" އިންނެވެ.

"އެއާއިންޑިއާ"އާ ހަވާލުވުމަށް ފަހު "ޓާޓާ ސަންސް" ސީއީއޯ ނަޓަރާޖަން ޗަންދްރަސޭކަރަން ވިދާޅުވީ ޓާޓާ ގްރޫޕަށް "އެއާއިންޑިޔާ" އަނބުރާ ލިބުމުން އެކުންފުނީގެ ވެރިންނާއި މުވައްޒަފުން ތިބީ ވަރަށް އުފަލުންކަމަށާއި މިއީ ބަނގުރޫޓްވެފައިވާ "އެއާއިންޑިއާ" ދުނިޔޭގެ ފެންވަރުގެ އެއާލައިނަކަށް ހަދަން "ޓާޓާ ސަންސް" އަށް ލިބުނު ރަނގަނޅު ފުރުސަތެއް ކަމުގައެވެ. ޗަންދްރަސޭކަރަން ވަނީ "އެއާއިންޑިއާ" ރަސްމީކޮށް ހަވާލުވުމުގެ ކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވާފައެވެ.

ޓާޓާ ސަންސް ގެ ސީީއީއޯ ނަޓަރާޖަން ޗަންދުރަ ސޭކަރަން

"ޓާޓާ ސަންސް" އާ "އެއާއިންޑިއާ" ހަވާލުކުރުމުގެ ކުރިން އިންޑިޔާ ސަރުކާރުން ވަނީ އެ އެއާލައިން ހިންގި ކުންފުނި ކަމަށްވާ "އެއާއިންޑިއާ އެސެޓްސް ހޯލްޑިންގްސް ލިމިޓެޑް" ގެ 610 ބިލިއަން އިންޑިއަން ރުޕީސް (8.1 ބިލިއަން އެމެރިކާ ޑޮލަރު) ގެ ދަރަނިތައްވެސް އަދާކޮށްފައެވެ.

"އެއާއިންޑިއާ" އަކީ މުޅިން ބަނގުރޫޓްވެ މާލީގޮތުން އިނދަޖެހިފައިވާ ކުންފުންޏަކަށް ވާތީ ދަރަނިތައް ބޮޑުކަމުން ވިއްކާލަން އުޅޭތާ އެތައް އަހަރެއް ވީއިރުވެސް އެކުންފުނި ގަންނާނެ ފަރާތެއްވަނީ ނުވެފައެވެ. "އެއާއިންޑިއާ" ވިއްކާލެވުނީ އެކުންފުނީގެ ދަރަނިތައް ކަމަށްވާ 8.1 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަންޏާ ނުލައެވެ. އެ ދަރަނިތައް އިންޑިއާ ސަރުކާރުން އަދާކުރާ ގޮތަށެވެ. އެނޫންގަތަކަށް ވިއްކާލަން އުޅެގެން އެކަންތައްވަނީ ނުވެފައެވެ.

ދަރަނިތަކާއެކު ފާއިތުވި އަހަރުތަކުތަކުގައި "އެއާއިންޑިއާ" ހިންގަމުން ގެންދިޔައީ ދުވާލަކު ގާތްގަނޑަކަށް 220 މިލިއަން ރުޕީސް (ތިން މިލިއަން އެމެރިކާ ޑޮލަރު) ގެ ގެއްލުމަކާ އެކުގައެވެ. މިއީ އިންޑިއާ ސަރުކާރަށް މާލީގޮތުން ތަހައްމަލް ކުރަން ދަތި އަދި އުނދަގޫ ކަމެކެވެ.

އިންޑިއާއަށް މިނިވަންކަންވެސް ނުލިބެނީސް 1932 ވަނައަހަރު "އެއާއިންޑިއާ" ފުރަތަމަ އުފެއްދީ "ޓާޓާސަންސް" ގެ ބާނީ ޖޭއާރްޑީ ޓާޓާ އެވެ. ޖޭއާރްޑީ ޓާޓާ އަކީ އިންޑިއާގެ ފުރަތަމަ ކޮމާޝަލް ޕައިލެޓެވެ. އޭނާ "އެއާއިންޑިއާ" އުފެއްދީ "ޓާޓާސަންސް" ކުންފުނީގެ ވަކި ވިޔަފާރިއެއްގެ ގޮތުގައެވެ.

އެއާ އިންޑިއާއަކީ އިންޑިއާގައި އަންހެން ޕައިލެޓުން އެންމެ ގިނަ އެއާލައިންސް

އެއަށްފަހު "އެއާ އިންޑިއާ" ގެ ހުރިހާ އެސެޓްތަކާއެކު އިންޑިއާގެ މައި ސަރުކާރުން އެއެއާލައިން ގަތީ އިންޑިއާ އަށް މިނިވަންކަން ލިބުނުތާ ހަ އަހަރުފަހުން 1953 ވަނަ އަހަރުގައެވެ. ޓާޓާ ކުންފުނި ނިސްބަތްވަނީވެސް ޖޭއާރްޑީ ޓާޓާ އަށެވެ. ޖޭއާރްޑީ ޓާޓާ އަކީ 1950 އާއި 1960 އާ އަދި 1970 ގެ އަހަރުތަކުގައި އިންޑިއާގެ ވަރަށް ވަރުގަދަ ވިޔަފާރިވެރިއެކެވެ. އޭނާ އަވަހާރަވެފައިވަނީ 1993 ވަނަ އަހަރުއެވެ.

"އެއާ އިންޑިއާ"ގައި ކުދި ބޯޓުތަކާއި ބޮޑު އަދި މެދު ސައިޒްގެ ބޯޓުތައް ހިމެނޭގޮތަށް 130 މަތިންދާބޯޓު އޮވެއެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ބޯޓުތަކަކީ ވަރަށް ބައު ބޯޓުތަކެވެ. "އެއާ އިންޑިއާ" ގައި ޕައިލެޓުންނާއި އިންޖިނޭރުންނާއި އިދާރީ މީހުންނާއި ވެރިން ހިމެނޭގޮތަށް 13،000 މުވައްޒަފުން ތިބެއެވެ. އެކުންފުނީގެ އެސެޓްތަކުގެ އަސްލު އަގު 450 ބިލިއަން އިންޑިއަން ރުޕީސް (ހަ ބިލިއަން އެމެރިކާ ޑޮލަރު) އަށް އަރާކަމަށްވެއެވެ.

އެހެންކަމުން ދަރަންޏާ ނުލައި 2.4 ބިލިއަން އެމެރިކާ ޑޮލަރަށް އެކުންފުނި ގަތުމަކީ ޓާޓާ ކުންފުނިން ކުރި ކާމިޔާބު ވިޔަފާރިއެއް ކަމަށް ވަނީ ބެލެވިފައެވެ. އިންޑިއާގެ އަމިއްލަ ދެ އެއާލައިނެއްކަމަށްވާ "ވިސްޓާރާ" އާއި "އެއާއޭޝިއާ އިންޑިއާ" އަކީވެސް "ޓާޓާސަންސް" އިން ހިންގާ ދެ އެއާލައިނެވެ.

comment ކޮމެންޓް