ހުޅުމާލެ ސާމްޕަލް ސެންޓަރުތައް މިއަދު ބަންދުވާނެ

ފެބްރުއަރީ 3، 2021: މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ސާމްޕަލް ސެންޓަރުތަކުން މިއަދު ހިދުމަތް ނުދޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ހުޅުމާލޭގައި އެޗްޕީއޭން އަންނަނީ ދެ ތަނަކުން ސާމްޕަލް ނަގައިދެމުންނެވެ. އެއީ ހިޔާ ފްލެޓްތަކުގެ އެޗް-8 ޓަވަރު ކައިރީގައި ގާއިމްކޮށްފައިވާ ސާމްޕަލް ސެންޓަރާއި، ރުއްގަނޑު-1 ސަރަހައްދުގައި ގާއިމްކޮށްފައިވާ ސާމްޕަލް ސެންޓަރެވެ.

އެޗްޕީއޭއިން މިއަދު ބުނީ މި ދެ ސާމްޕަލް ސެންޓަރު ވެސް މިއަދު ބަންދުވާނެ ކަމަށެވެ.

މި ދެ ސާމްޕަލް ސެންޓަރުގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް އަންނަނީ ފްލޫ ކްލިނިކުގެ ހިދުމަތް ދެމުންނެވެ.

މާލެ ސަރަހައްދުގައި މިހާރު ވަނީ ހަ ސާމްޕަލް ސެންޓަރު ގާއިމްކޮށްފައެވެ.

މާލޭގައި ހުންނަ ދެ ސާމްޕަލް ސެންޓަރު ހުންނަނީ ސޯޝަލް ސެންޓަރުގައާއި ހެންވޭރު ދަނޑުގެ އިތުރުން ބްރިޖަށް އަރާތާ ކައިރި އޮންނަ ޕާކިން ޒޯންގައެވެ.

ހެންވޭރު ދަނޑުގައި ހުންނަ ސެންޓަރު ވެސް ކޮންމެ ދުވަހަކު ހަވީރު 15:30ހުން 18:30ހަށް ހުޅުވާފައި ހުންނާނެއެވެ. ސޯޝަލް ސެންޓަރުން ސާމްޕަލް ނަގައިދޭނީ ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސް ދުވަހު 9:00ން 12:00އަށް އަދި 15:00ން 18:00އަށެވެ. ހުކުރު ދުވަހު 15:00ން 18:00އަށެވެ.

ބްރިޖް ޕާކިން ޒޯނުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި ހަވީރު 3:00 އިން އިރުއޮއްސި 6:00 އަށް ހިދުމަތް ދޭނެ ކަމަށް އެޗްޕީއޭން ބުނެއެވެ. ހުކުރު ދުވަހު އެ ސެންޓަރުން ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ ހަވީރު 3:00 އިން އިރުއޮއްސި 6:00 އަށެވެ.

ވިލިމާލޭ ފުލޫ ކުލިނިކުގައި ވެސް ސާމްޕަލް ސެންޓަރެއް ހުރެއެވެ. މިތަން ހުޅުވަނީ ކޮންމެ ދުވަހަކު 16:00ން 18:30އަށެވެ.

ކޮވިޑުގެ ނަންބަރުތައް އަނެއްކާވެސް މައްޗަށް ދާން ފަށާފައިވާ އިރު، އެޗްޕީއޭ އިން ވަނީ ބައެއް ފިޔަވަޅުތައް އަޅާފައެވެ. މިގޮތުން، 72 ގަޑިއިރުގެ ނެގަޓިވް ޕީސީއާރް ނަތީޖާއަކާއެކު ނޫނީ މާލެއިން ރަށްރަށަށް ނުދެވޭ ގޮތަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް