ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފި

ހެލްތް މިނިސްޓަރު އަހުމަދު ނަސީމް --- ސަން ފައިލް ފޮޓޯ

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ވަނީ އަންނަ މަހުގެ 28ގެ ނިޔަލަށް ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ދަންމާލަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު އެގޮތަށް ނިންމެވީ، ރާއްޖޭގައި އަދިވެސް ފުޅާ ދާއިރާއެއްގައި ކޮވިޑް ފެތުރުމުގެ ނުރައްކާ އޮތުމުން، އެ ނުރައްކާ ކުޑަ ކުރުމަށް ހާއްސަ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާ ދެއްވުމުން ކަމަށް ގަރާރުގައިވެއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގެ ގޮތުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 12ގައެވެ. އެ ފަހަރު އެ މުއްދަތު އިއުލާނުކޮށްފައިވަނީ 30 ދުވަހަށެވެ. ނަމަވެސް އޭގެ ފަހުން ކޮންމެ މަހަކު ވެސް އެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

މިއަދާ ހަމައަށް ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 125,590އަށް އަރާފައެވެ. އަދި ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 108،632 މީހުންނެވެ.

ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން 50އަށް ވުރެ ގިނަ މީހަކަށް މިވަގުތު ފަރުވާ ދެމުން އަންނަ އިރު، މި ބަލީގައި މިހާތަނަށް 273 މީހަކު ވަނީ ދުނިޔެ ދޫކޮށްފައެވެ.

comment ކޮމެންޓް