ޔާމީންގެ ޝަރީއަތް މާދަމާއަށް ތާވަލްކޮށްފި

ޝަރީއަތުގެ މަޖިލީހަށް ވަޑައިގަތުމަށް ރައީސް ޔާމީން ގެއިން ނުކުމެވަޑައިގަތް ކާރުކޮޅަށް އަރައިވަޑައިގަންނަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ ޝަރީއަތް ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 09:30 އަށެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

މާދަމާ އޮންނަ އަޑުއެހުމުގައި ދައުވާ ލިބޭ ފަރާތުން ދައުވާއަށް ޖަވާބުދާރީ ވާން ޖެހޭނެއެވެ.

އެންމެ ފަހުން މި މައްސަލައިގައި އޮތް އަޑުއެހުމުގައި ޔާމީންގެ ވަކީލުން ވަނީ ޔާމީންގެ ޝަރީއަތް ލައިވް ކޮށްދިނުމަށް އެދިފައެވެ. މި މަހުގެ 20ގެ ކުރިން އެކަމަށް ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވެފައިވާއިރު، މާދަމާގެ ޝަރީއަތް އޮތީ އަދި ލައިވް ނުކުރާގޮތަށް ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

ރައީސް ޔާމީންގެ މައްޗަށް އެ ދައުވާތައް އުފުލާފައިވަނީ, ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީއެވެ.

މިހާތަނަށް ރައީސް ޔާމީންގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވެއެވެ. އެންމެ ފުރަތަމަ އެމަނިކުފާނުގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ކުރި ހުކުމް، މިދިޔަ މަހުގެ 30 ވަނަ ދުވަހު ސުޕްރީމު ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

comment ކޮމެންޓް