ރާޝިދުގެ ކެމްޕެއިނަށް ގާސިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފި

ގާސީމް އިބްރާހިމްގެ އަރިހުގައި ޖޭޕީގެ އިސްވެރިން ކޮމަންޑޫއަށް ވަޑައިގަންނަވަނީ --- ފޮޓޯ: ޖޭޕީ

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިނަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ ދާއިރާއަށް ވަޑައިގަނެފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޖޭޕީން ތާއީދުކުރަން ނިންމައިފައިވަނީ ވެރިކަންކުރާ އެމްޑީޕީގެ ކެންޑިޑޭޓަށެވެ.

ގާސިމާއި އެކު ޖޭޕީގެ އިސް ބޭފުޅުންގެ ވަފުދެއް މިއަދު ވަނީ ށ. އަތޮޅަށް ވަޑައިގަނެފައެވެ.

ގާސިމްގެ މި ދަތުރުގައި ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ، ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ މީގެ ކުރިން ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގަންނަވައިފައެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާހެން އެމްޑީޕީގެ އިސް ސަފުގެ ގިނަ މެންބަރުން ވެސް ވަނީ މީގެކުރިން އެ ދާއިރާގެ ކެމްޕެއިނަށް ފޯކައިދުއަށް ވަޑައިގެންފައެވެ.

ފޯކައިދޫއަށް މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމަށް ހަމަޖެހިފައިވީ ނަމަވެސް އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވުމުން ވަނީ ދަތުރުފުޅު ކެންސަލް ކުރައްވާފައެވެ.

ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން މި އިންތިހާބުގައި އެމްޑީޕީއަށް ތާއީދުކުރަން ނިންމައިފައިވަނީ ޖޭޕީގެ އިތުރުން އަދާލަތު ޕާޓީންނެވެ.

comment ކޮމެންޓް