ރައީސް ސޯލިހު ކޮވިޑަށް ޕޮޒިޓިވްވުމުން ކަންބޮޑުވަން، ދުއާއަކީ ރަނގަޅު ސިއްހަތެއްގައި ލެހެއްޓެވުން: އިމްރާން ޚާން

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން

ކޮވިޑަށް ޕޮޒިޓިވްވެފައިވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަވަސް ޝިފާއެއް ދެއްވުމަށް ޕާކިސްތާންގެ ބޮޑު ވަޒީރު އިމްރާން ހާން އެދިވަޑައިގެންފިއެވެ.

މިއަދު އިމަރާން ހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލަށް ކޮވިޑް ޖެހިވަޑައިގަތުމުން އެކަމާ ހިތާމަ ކުރައްވާކަމަށެވެ.

"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ސޯލިހަށް ކޮވިޑު ޖެހުމުން އެކަމާ ކަންބޮޑުވަން. ދުއާކުރަނީ އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުމާއި ރަނގަޅު ސިއްހަތެއްގައި ލެހެއްޓެވުން،" އިމްރާން ހާން ކުރެއްވި ޓްވީޓުގައިވެއެވެ.

ރައީސް ސޯލިހު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، އެމަނިކުފާނަށް ހެޔޮ ދުއާ ފޮނުވައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެގޮތުން މޯދީ ވިދާޅުވީ ކޮވިޑާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކުން ކާމިޔާބުކަމާއެކު އަރައިގަތުމުގައި، އިންޑިއާގެ ހެޔޮއެދުންތައް ރާއްޖޭގެ ރައްޔިތުންނާ އެކުގައި ވާނެކަމަށެވެ.

ރައީސް ސޯލިހު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ނެގި ސާމްޕަލްއަކުންނެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތޮޅުތެރެއަށް ދަތުރުކުރުމަށް ހެދި ޕީސީއާރުން، ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިހާރު ގޭގައި އެކަހެރިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

"މާތް ﷲގެ ރަޙްމަތްފުޅުން ހާލު ރަނގަޅު. މިވަގުތު މިހިރީ ގޭގައި އެކަހެރިވެގެން،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެމަނިކުފާނު ވަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ގެ ދެ ޑޯޒު ވެސް ފުރިހަމަކުރައްވައިފައެވެ.

comment ކޮމެންޓް