ފަސް އަހަރާއި އެގާރަ އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ދެނީ

މާލޭގައި ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އުމުރުން ފަސް އަހަރާއި އެގާރަ އަހަރާ ދެމެދު ކުދިންނަށް ކޮވިޑް ވެކްސިން ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ ހެލްތު ޕްރޮގްރާމް މެނޭޖަރު އޮފް އިމިއުނައިޒޭޝަން ނާޝިޔާ އަބްދުލް ޣަފޫރު ވިދާޅުވީ އެ އުމުރުފުރާގެ ކުދިންނަށް ދޭ ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މިވަނީ ކިހިނެއްތޯ ރޯލްއައުޓް ކުރާނީ އާ ޓޯޓަލް ނަމްބާސް ތަކާ މި ހުރިހާ އެއްޗެއް އެކި ފަރާތްފަރާތުން ކަލެކްޓް ކޮށްފަ. އަޅުގަނޑުމެންގެ ފަރާތުން ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެފަ އިނގޭތޯ އަޅުގަނޑުމެން މިހާރު މިތިބީ،" ނާޝިޔާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރުވެސް ސްކޫލުކުދިންނަށް ވެކްސިން ދިނުން ކުރިއަށް ގެންދެއެވެ. އެގޮތުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލު ކުދިންނަށް ވެކްސިން ދޭން ފަށާފައި ވަނީ މިދިޔަ އޮގަސްޓު 15 ގައެވެ. ރާއްޖޭގައި ސްކޫލު ކުދިންނަށް ދެމުން އަންނަނީ ފައިޒާ ވެކްސިނެވެ. އެއީ އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި 128،600 ޑޯޒްއެވެ.

comment ކޮމެންޓް