އުންމީދު ކުރަނީ މަގު ހެދުމުގެ މަސައްކަތް އަންނަ ހަފްތާގައި އަލުން ފެށޭނެކަމަށް: މޭޔަރު

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސަންއަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސައިން

ހުއްޓިފައިވާ މާލޭގެ މަގުހެދުމުގެ މަސައްކަތް އަންނަ ހަފްތާގެތެރޭގައި ފެށޭނެކަމަށް އުންމީދުކުރާކަމަށް މަލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ސިޓީ ކައުންސިލުން ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މޭޔަރު ވިދާޅުވީ މާލޭގެ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމަށް ސިޓީ ކައުންސިލުން ކުރާ މަސައްކަތް ހުއްޓިފައި އޮތީ ބަޖެޓުގެ ތާށި ކަމެއް އުޅުމުން ކަމަށެވެ.

ބަޖެޓު ލިބުމަށް ދަތިވީ އަހަރު ނިމުމާ ގުޅިގެން މިދިޔަ އަހަރުގެ ބަޖެޓު މިއަހަރަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޕްލޭނިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއެކު ކުރެވުނު މަސައްކަތްތަކުން އުންމީދުކުރެވެނީ ބަޖެޓުގެ މައްސަލަ ހައްލުކުރެވި ވިހާވެސް އަވަހަކަށް މަސައްކަތް އަލުން ފެށޭނެކަމަށް،" މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މަގުހެދުމުގެ މަޝްރޫއުގެ ތެރެއިން ހަދަން ހަމަޖެހިފައިވާ އަމީނީ މަގު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މުއިއްޒު ވިދާޅުވީ މި އަހަރު ތެރޭގައި މާލޭގެ މަގުތައް ހެދުމުގެ 60 ޕަސެންޓުގެ މަސައްކަތް މި އަހަރުތެރޭގައި ނިންމާލެވޭނެ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ތަރައްގީކުރަން ހަމަޖެހިފައިވަނީ 105 މަގެއް ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ބައެއް މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރަން ވަނީ ނިންމާފައެވެ.

މުއިއްޒު ވިދާޅުވީ ތާރުއަޅައިގެން ތަރައްގީކުރަނީ މާލޭގެ ބޮޑެތި މަގުތައް ކަމަށެވެ. އެ މަގުތަކުގެ ތެރޭގައި އަމީނީ މަގާއި، ކަނބާއައިސާ ރަނި ހިނުގުމުގެ އިތުރުން ސޯސަން މަގުވެސް ހިމެނެއެވެ.

އެހެންނަމަވެސް މި އަހަރުގެ މަސައްކަތުގައި ބޮޑު ތަކުރުފާނު މަގު އިތުރަށް ތަރައްގީކުރުން ނުހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ މަގުހެދުމުގެ މަޝްރޫއުގެ ތެރެއިން ހަދާފައިވާ ކަނބާ އައިސާ ރަނި ހިނގުން-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"ބޮޑު ތަކުރުފާނު މަގު ހެދުމުގެ މަސައްކަތް މި އަހަރު އަޅުގަނޑުމެން ކުރިއަކަށް ނުގެންދަން. އެ މަގު ހެދުމަކީ ވަރަށް ހަރަދު ހިނގާނެ ކަމެއް. އެ މަގު ހަދާއިރު މަގު ފުޅާކުރުމަށް ތޮށިގަނޑުވެސް އަލުން ހަދަން ޖެހޭނެ،" މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ރޯޑް ޑިވޮލަޕްމެންޓް ކޯޕަރޭޝަން(އާރުޑީސީ)އާ ހަވާލުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

މިމަގުތައް ތަރައްގީ ކުރާނީ ފެހިކަންގަދަ، އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ކަމަށާއި، މި މަޝްރޫއުގެ ތެރެއިން ވެހިކަލް ޕާކުކުރުމާއި، މުދާ އަރުވައި ބޭލުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

comment ކޮމެންޓް