ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ހަޖޫ ނުޖަހަން އިލްތިމާސްކުރަން: ޖެންޑާ

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ -- ފޮޓޯ/ ރައީސް އޮފީސް

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން، ދަށު ދަރަޖައިގެ ބަސްތައް އަމާޒުކުރުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެކަން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން މިފަދައިން ބުނެފައިވަނީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަކީ އޯޓިޒަމް ހުންނަ ބޭފުޅެއް ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލްގެ ޕީޕީއެމްގެ މެމްބަރަކު މިސާލު ޖެއްސެވުމާ ގުޅިގެންނެވެ.

ސިޓީ ކައުންސިލްގެ ރަސްމީ ބައްދަލުވުމެއްގައި، އެ ކައުންސިލްގައި އިންނަވާ މެދުހެންވޭރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އާދަމް ރަމީޒު ވިދާޅުވީ ބައެއް މިނިސްޓްރީތަކުގައި އޯޓިސްޓިކް ކުދިން އެބަތިބި ކަމަށެވެ.

"އަކްރަމް ކަމާލުއްދީނަކީ އޭގެ [އޯޓިސްޓިކް] ކުއްޖެއް ކަމަށް އަޅުގަނޑުމެން ބަލަނީ. ސަރުކާރުގެ މިނިސްޓްރީތަކަށް ލާފައިވާ ބޭފުޅުންތަކުގެ ތެރެއިން،" މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރިޔާސަތުގައި އިންނެވި ޖަލްސާގައި ރަމީޒު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން، ޖެންޑާ މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މުހާތަބުކޮށް ދަށު ދަރަޖައިގެ ބަސްތަކެއް މާލެ ސިޓީ ކައުންސިލްގެ މެމްބަރަކު، ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި ވިދާޅުވެފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިއީ ގާނޫނުން ހާއްސައެހީއަށްބޭނުންވާ މީހުންނަށް ލިބެންޖެހޭ އަދި ރައްކާތެރިކޮށްދީފައިވާ ހައްގު ގެއްލިގެންދިޔަ އަމަލެއްގެ ގޮތުގައި ޖެންޑާއިން ސިފަކޮށްފައިވެއެވެ.

މިނިސްޓްރީން ވަނީ އެފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

ރަމީޒު އެހެން ވިދާޅުވާ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދައުރުވާއިރު ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. އޭގެ ތެރެއިން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ސިޓީ ކައުންސިލްގެ ޖަލްސާތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހަޖޫ ޖަހައި، މަލާމާތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެ އަމަލާ ގުޅޭގޮތުން "ސަން"އިން ސުވާލު ކުރުމުން ރަމީޒު ވިދާޅުވީ އޭނާ އެގޮތަށް މިސާލު ޖެއްސެވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތް ކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

"އަކްރަމް ކަންތައް ކުރާ ގޮތުން ބުނި އެއްޗެއް އެއީ. އެއްގޮތަކަށް ވެސް އެހެން [މަލާމާތް] ކުރުމުގެ ގޮތުންނެއް ނޫން،" ރަމީޒް ވިދާޅުވިއެވެ.

އޭނާ ވަނީ އެކަމަށް މައާފަށް އެދިވަޑައިގެންފައެވެ.

comment ކޮމެންޓް