އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތައް ފަސޭހަކޮށްދިނުމަށް ސާވިސް ސެންޓަރެއް ގާއިމްކޮށްފި

"1500 ހެލްޕް"ގެ ނަމުގައި ގާއިމްކުރި ސާވިސް ސެންޓަރު--- ސަންފޮޓޯ/ މުހައްމަދު ހައްޔާން

އިކޮނޮމިކް މިނިސްޓްރީން ދެމުން އަންނަ ހިދުމަތްތައް ހޯދުމަށް އާންމުންނަށް ފަސޭހަ ކޮށްދިނުމަށް "1500 ހެލްޕް"ގެ ނަމުގައި ހާއްސަ އޮފީހެއް މިއަދު ހުޅުވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ އެ މިނިސްޓްރީން އަލަށް ހުޅުވި ސާވިސް ސެންޓަރުން އާންމުންނަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް ހޯދުމަށް ފަސޭހަކޮށްދެމުން ގެންދާނެ ކަމަށެވެ. އެގޮތުން އެ މިނިސްޓްރީގެ ހިދުމަތްތަކާ ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުމާއި މިނިސްޓްރީގެ ހިދުމަތްތަކަށް އެދި އޮންލައިން ކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަނެއް ޕްރޮސެސްވުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ވެސް އެހީވާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މިފަދަ އެޕްލިކޭޝަންތައް އޮންލައިންކޮށް ހުށަހެޅުމަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މާލޭ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްޓީސީސީ ހުޅުމާލެ ފެރީ ޓާމިނަލް އިމާރާތުގައި ގާއިމްކޮށްފައިވާ މި ސާވިސް ސެންޓަރު ހުޅުވައިފައި ހުންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

އިކޮނޮމިކް މިނިސްޓްރީން އޮންލައިންކޮށް ދެމުން އަންނަ ހިދުމަތްތަކުގެ ތެރޭގައި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ހިދުމަތާއި ރާއްޖެ ގެންނަ ބިދޭސީންނަށް ހުއްދަ ދޫކުރުމުގެ އިތުރުން ޖޮބް ސެންޓަރާ ގުޅޭ ހިދުމަތްތައް ވެސް ހިމެނެއެވެ.

comment ކޮމެންޓް